ގެބްރިއަލް ޖީސަސް އަނިޔާގައި ހުއްޓާ ބްރެޒިލް މެޗު ކުޅުނު ކަމަށް ބުނާ ވާހަކަތަކުގައި ކޯޗު ޓީޓޭ ރުޅިގަދަވެއްޖެއެވެ.

ބްރެޒިލުން ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު އެޓީމުން ކާމިޔާބުކުރިއެވެ. ސާބިއާ އާއި ސްވިޒަލޭންޑް މެޗު ބްރެޒިލް ކާމިޔާބުކުރުމާއެކު ކެމަރޫނާ ދެކޮޅަށް ނުކުތް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމަށް އޮތީ ގަދަ 16 ޔަގީން ވެފައެވެ. އެހެންކަމުން ޓީޓޭ އެމެޗަށް ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފުރަތަމަ 11 އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުކޮށްލިއެވެ. އެމެޗުގައި ކެމަރޫން އަތުން ބްރެޒިލް 1-0 އިން ބަލިވި އިރު، ފުރަތަމަ 11 އަށް ނުކުތް ގެބްރިއަލް ޖީސަސް ފޭބީ އަނިޔާވެގެންނެވެ.

ޖީސަސްގެ ކަނާތު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގެ ބާކީ ބައި އޭނާއަށް ނުކުޅެވޭނެކަން ޔަގީންވެފައިވާ އިރު، ނޫސްވެރިޔަކު ޓީޓޭއާ ސުވާލުކުރީ ޖީސަސް މެޗަށް ނުކުތް އިރުވެސް އަނިޔާގައި ހުރި ކަމަށް ދެކެވޭ ވާހަކައަށް ޖަވާބެއް އޮތްތޯއެވެ. އެކަމުގެ ޖަވާބު ޓީޓޭ ދިނީ ނުރުހުންވެފައި ހުރެގެންނެވެ.

"ތި ސުވާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ ކަމެއް ދޮގު ވާހަކަތައް ގިނައިން އަޑުއިވުމަކީ. ހާއްސަކޮށް ނުލަފާ މަކަރުވެރި ދޮގުތައް. އެއީ އެހެން މީހުންނަށް ގޯސް ކަންކަން ވާން އެދިގެން އުޅޭ މީހުންގެ ވާހަކަތައް. ދޮގު ހަދާ މީހުންނާއި ނަފުރަތުކުރާ މީހުން އެހެން ކަމެއް ކުރަން ފަށަން ވެއްޖެ. ޖީސަސް ހުރީ އަނިޔާގައެއް ނޫން. އޭނާގެ ކްލަބު އާސެނަލްގެ މެޑިކަލް ޓީމަށް އެކަން ނޭނގިއެއްވެސް ނޯންނާނެ. އާސެނަލްގެ މެޑިކަލް ޓީމަކީ އިތުބާރު މެޑިކަލް ޓީމެއް. ބްރެޒިލްގެ މެޑިކަލް ޓީމަށްވެސް އަހަރެން ފުރިހަމައަށް އިތުބާރު ކުރަން. އަހަރެމެން އެ އަނިޔާގެ ޒިންމާ ނަގައި، އެކަމުން ރިކަވާ ކޮށްދޭން މަސައްކަތް ކޮށްދޭނަން. އަހަރެން ބޭނުންވި ގޮތެއް ނޫން އަނިޔާވުމަކީ. ކުޅުންތެރިންގެ ސިއްހަތުގެ ކުރިއަށް އެއްވެސް ކަމެއް ނުނެރޭނަން،" ޓީޓޭ ބުންޏެވެ.

މިރޭ ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނަ ބްރެޒިލަށް އަނިޔާގެ މައްސަލަތައް ކޮންމެވެސް ވަރަކަށް އޮތް ނަމަވެސް އެޓީމަށް އޮތް އުންމީދަކީ ނޭމާ މިރޭގެ މެޗުގައި ކުޅޭނެ ކަމަށް އޮތް އުންމީދެވެ. ބްރެޒިލް ފަރިތަކުރުންތަކަށް ނޭމާ ނުކުމެފައިވާ އިރު، ކޯޗު ޓީޓޭ ބުނީ ނޭމާ ފިޓްވެއްޖެ ކަމަށާއި، އިތުރު ގޯހެއް ނުފެންނަ ނަމަ، މިރޭގެ މެޗުގައި ކުޅޭނެ ކަމަށެވެ.

ބްރެޒިލާއި ދެކުނު ކޮރެއާ ގަދަ 16 ގައި ކުރިމަތިލާ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.