ގަތަރު ވޯލްޑް ކަޕް 2022

"ދޯހާގެ ބޮޑު ނާކާމިޔާބު،" ހަނދާނުން ފޮހެލަން ޖަޕާން ކޯޗު ކުރާ ދަތުރު!

މުޙައްމަދު ޝަމްޢޫން

ޖަޕާނުގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ހަޖިމޭ މޮރިޔަސޫއަކީ ފުޓުބޯޅަ އާއިލާއެއްގެ ކޯޗެކެވެ. މޮރިޔަސޫ މިޑްފީލްޑަރެއްގެ ގޮތުގައި ކްލަބު ކެރިއަރު އެއްކޮށް ކަހަލަ ގޮތަކަށް ހޭދަކުރީ ސަންފްރެސޭ ހީރޯޝީމާގައެވެ. އެ ކްލަބަށް އޭނާ ވަނީ 14 އަހަރުން 250 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި މޮރިޔަސޫ މަޝްހޫރު ނޫން ނަމަވެސް އޭނާ ވަނީ ގައުމީ ޓީމަށްވެސް 35 މެޗު ކުޅެފައެވެ.

އޭގެ ތެރެއިންވެސް މޮރިޔާސޫގެ ހަނދާނުގައި ވަކި ހާއްސަ މެޗެއް ވެއެވެ. އެއީ ގަތަރުން އޭނާއަށް އާވި ހަނދާނެކެވެ. 1993 ވަނަ އަހަރު އޮކްޓޯބަރު މަހު 23 ވަނަ ދުވަހުގެ ހަނދާނެކެވެ. ޖަޕާންގެ ފުޓުބޯޅައިގައި މޮރިޔަސޫގެ ނަޒަރުގައި "ޓްރެޖެޑީ އޮފް ދޯހާ" ގެ ނަމުން ނަން ދެވިފައިވާ ހާއްސަ ހަނދާނެކެވެ.

ކުރިން ބުނެވުނު ތާރީހީ ދުވަހު ކުޅުނު 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ފަހު މެޗުގައި ޖަޕާނުން ނުކުތީ އިރާގާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެ، ޖަޕާނަށް އެގައުމުގެ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕެއް ހޯދެން އޮތެވެ. އެ މެޗު 1-2 އިން ޖަޕާން މޮޅުވާން ގޮސް، ފަހު މިނެޓްގައި އިރާގުގެ ފޯވަޑް ޖަފަރް އޮމަރު ޖެހި ގޯލުން މުޅި ޖަޕާންގެ ހިތްތައް ކުދިކުދި ކޮށްލިއެވެ. އެއީ މޮރިޔަސޫއަށް ގަތަރުން އާވި ޓްރެޖެޑީ އޮފް ދޯހާގެ ހަނދާނެވެ. 1996 ވަނަ އަހަރު މޮރިޔަސޫ ގައުމީ ކެރިއަރު ނިންމާލީ ވޯލްޑް ކަޕަކަށް ފުރުސަތު ނުލިބިއެވެ. 29 އަހަރު ފަހުން އެގައުމުގެ އާޖިލެއްގެ ހުންގާނުގައި މިއަދު އޭނާ ހުރީ ވޯލްޑް ކަޕެއްގައެވެ. އެވެސް ގަތަރުގެ ދޯހާގައެވެ.

އެގައުމުން މޮރިޔަސޫއާއެކު ދޯހާގައި ތާރީހުވެސް ލިޔެލައިފިއެވެ. ޖަރުމަނާއި ސްޕެއިން ބަލިކޮށް ގަދަ 16 ވެސް ހޯދައިފިއެވެ. އެ ހޯދި ހޯދުމުގައި އުނދަގޫ އެތައް ހާލަތެއް އައެވެ. ހާއްސަކޮށް ގްރޫޕް އީގެ ފަހު މެޗުތަކުގައި ޖަޕާން ނޭވާ ހޮޅިއަށްވެސް އެޅިގެން ދިޔައެވެ. ސްޕެއިން ކައިރީ މަޖުބޫރު މެޗަކަށް ނުކުމެ އެ ހާލަތު ބަދަލުކުރީވެސް ހިތްވަރަކާއެކުގައެވެ. އާ ޖީލެއްގެ ބިންގާ ސާބިތުކޮށްދޭށެވެ.

"ސްޕެއިން މެޗުގައި ފަހުވަގުތު ހިތްދަތިކޮށް ދިޔައީ. ވަރަށް ގާތްގާތުގައި ހަމަލާތައް ސްޕެއިނުން އުފައްދަން ފެށުމުން އަހަރެންގެ ހަނދާނަށް އައީ ހަމަ 'ޓްރެޖެޑީ އޮފް ދޯހާ.' އެކަމަކު އެގަޑީގައި ކުޅުންތެރިން ދެއްކީ އާދަޔާހިލާފު ހިތްވަރެއް. މިއީ ޖަޕާނުގެ އާޖީލެއްކަން އަހަންނަށް އިހުސާސް ކުރެވުނު. ޖަޕާންގެ ފުޓުބޯޅަ ބަދަލުވެއްޖެކަން އިހުސާސް ކުރެވުނު،" މޮރިޔަސޫ ސްޕެއިން މެޗަށްފަހު، ކޮލިފިކޭޝަން ޔަގީންކޮށް ބުންޏެވެ.

އެއީ ދޯހާގެ ހިތްދަތިކަން ހަނދާނުން ފޮހެލަން މޮރިޔަސޫ އެޅި ފުރަތަމަ ފިޔަވަޅެވެ. ގަދަ 16 އިން ސަލާމަތްވެ، ޖަޕާނަށް މިރޭ އޮތީ ތާރީހު ލިޔެލުމަށް ފުރުސަތެކެވެ. އެގައުމުގެ ފުޓުބޯޅަ ތާރީހުގައި އަދި ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލް ކުޅެފައެއް ނުވެއެވެ. މިދިޔަ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ކައިރިން ގަދަ 16 އިން ކެޓީ ހިތްދަތިކޮށެވެ. މޮރިޔަސޫގެ ފުރަތަމަ ވޯލްޑް ކަޕްގެ ތަޖުރިބާގައި، އެ ތާރީހު ފަހަނައަޅައި ދާން އޭނާ އެ ހުރީ "ހިތްވަރަކީ" އެންމެ މުހިއްމު ހަތިޔާރު ކަމަށް ދެކިގެންނެވެ.

"މިއީ ދުނިޔެއަށް އަހަރެމެންގެ ކާބަފައިން، ދެއްކި ސަމުރާއީސްގެ ހިތްވަރު ދައްކަން ލިބޭ ބޮޑު ފުރުސަތެއް. ލެޖެންޑަރީ ސަމުރާއީ ހަނގުރާމަވެރިން ހަނގުރާމައިގެ ކުރިން ބަޑިތައް ޕޮލިޝްކޮށް، އެ ބޭނުންކުރާނެ އެންމެ ފުރިހަމަ ގޮތް ދަސްކުރާނެ. އެހެންނަމަވެސް އެމީހުން އަބަދުވެސް ބުނާ ބަހެއް އޮންނާނެ، އެއީ ބިރުގެ ވާހަކަ. ބިރު ގަނެފައި ތިބެ އެންމެ ރަނގަޅަށް ހަތިޔާރެއްގެ ބޭނުމެއް ނުކުރެވޭނެ ކަމުގެ ވާހަކަ. އެއީ ފުޓްބޯޅައިގައިވެސް ވާނެ ގޮތް. ޓެކްޓިކްސްއާއި ޓެކްނީކްސް މުހިއްމު. އެކަމަކު އެކަންކަން ކިތަންމެ ފުރިހަމަކޮށްގެން މެޗަށް ނުކުތަސް، އެންމެ ފުރަތަމަ ކަމަކީ ބިރަކާނުލައި މެޗަށް ނުކުތުން،" ކްރޮއޭޝިއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޮރިޔަސޫ ބުންޏެވެ.

މޮރިޔަސޫ އިތުރަށް ބުނީ ޖަޕާނަކީ ކުރިންސުރެވެސް އޯގަނައިޒް ފުޓުބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި، އެއީ މިހާރު ހަމައެކަނި ފުއްދާލެވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ އިތުރުން ޓީމަށް ވަކިވަކި ކުޅުންތެރިންގެ ހުނަރު މުހިއްމުކަމަށް ފާހަގަކޮށް މޮރިޔަސޫ ބުނީ މިހާރު އޮތް ސްކޮޑުގައި އެ ފެންވަރުގެ ކުޅުންތެރިން ތިބުން އެއީ ކުރިއަށް ދާން އޮތް އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

ޖަޕާނާއި ކްރޮއޭޝިއާ ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.