އިންގްލެންޑުން ރޭގެ މެޗު ފެށީ އުނދަގޫކޮށް ނަމަވެސް، އެ ހަލާތުން ސަލާމަތްކޮށް، މެޗު ކާމިޔާބުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެދުތެރެއަށް ކުޅުނު ޖޫޑް ބެލިންހަމްއާއި ޖޯޑަން ހެންޑަސަން ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.
އިންގްލެންޑުން ކުއާޓާ ފައިނަލް ޔަގީންކުރީ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ރޭ ކުޅުނު ގަދަ 16 ގެ މެޗުގައި އެފްރިކާގެ ޗެމްޕިއަން ސެނެގާލް ކައިރިން 3-0 އިން މޮޅުވެގެންނެވެ. ކޯޗު ސައުތުގޭޓާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީގައި ކުޅުނު އިންގްލެންޑުން ރޭގެ މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކުގައެވެ. މެޗުގެ ގޯލްތައް ޖެހީ ޖޯޑަން ހެންޑަސަންއާއި ހެރީ ކޭން އަދި ބުކަޔޯ ސަކާއެވެ. އިންގްލެންޑްގެ ގޯލްތަކުގައި ފިލް ފޮޑެންއާއި ޖޫޑް ބެލިންހަމްގެ ހިއްސާ ވަކިން ބޮޑެވެ.
ރޭގެ މެޗުގެ ފުރަތަމަ 11 އަށް ސައުތުގޭޓް ނެގި އެންމެ ބޮޑު ރިސްކެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރީ ހެންޑަސަން ނެރުމެވެ. ވޯލްޑް ކަޕާ ހަމައަށް ލިވަޕޫލާއެކުވެސް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ހެންޑަސަން ސްކޮޑަށް ނެގުމުންވެސް އެކަމަށް ފާޑު ކިޔުން އަމާޒުވެފައިވާ އިރު، ރޭގެ މެޗަށްފަހު ސައުތުގޭޓް ވަނީ އެ ފާޑުކިޔުންތަކަށް ޖަވާބު ދީފައެވެ.
"ފުރަތަމަ 25 ނުވަތަ 30 މިނެޓްގައި ބޯޅަ ހިފަހައްޓައި، އެޓޭކް ކުރަންވެސް އިންގްލެންޑަށް އުނދަގޫތަކެއް ކުރިމަތިވި. އެހެންނަމަވެސް ސެނެގާލް އަތުން މެދުތެރެއިން ހޯދި ބޯޅަތަކުން ރަނގަޅު ފުރުސަތުތަކެއް ފަހިވި، އެ ހުނަރަށް ބަލާއިރު ޖޫޑާއި ހެންޑޯ ދެއްކީ އާދަޔާހިލާފު މޮޅު ކުޅުމެއް،" ހިތްހަމަ ޖެހިފައި ހުރި ސައުތުގޭޓް ބުންޏެވެ.
"އެ ދެކުޅުންތެރިންނަކީވެސް އެޓޭކްގެ ވިސްނުން ހުންނަ، ކުރިއަށް ދުވާވެސް ދެމިޑްފީލްޑަރުން. މެޗުތަކުގައި ހެންޑޯގެ ގޯލްތައް އަބަދު ނުފެންނަނަމަވެސް އެއީ ތަފާތު މޮޅު ކުޅުންތެރިއެއް. އޭނާ މުޅި ޓީމު އެއްކުރުވާ. ކޭމްޕް ތެރޭގައިވެސް އެއީ އެންމެ މުހިއްމު ލީޑަރު،" ހެންޑަސަންއަށް ތައުރީފު ކުރަމުން ސައުތުގޭޓް އިތުރަށް ބުންޏެވެ.
ރޭގެ މެޗަށްފަހު އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ބެލިންހަމްވެސް ވަނީ ހެންޑަސަންއަށް ތައުރީފު ކޮށްފައެވެ. އޭނާ ބުނީ ހެންޑަސަންއާ ގުޅޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދައްކާ އަޑު އަބަދުވެސް އިވޭކަމަށާއި، އެކަމަށް ރޭގެ މެޗުންވެސް ހެންޑަސަން ރައްދު ދިން ކަމަށެވެ. ބެލިންހަމް ބުނީ ހެންޑަސަންއަކީ މިހާރަށްވުރެ ބޮޑަށް އިހުތިރާމު ލިބެން ޖެހޭ ލީޑަރެއް ކަމަށެވެ.
އިންގްލެންޑުން ކުއާޓާ ފައިނަލްގައި ނުކުންނަން ޖެހޭނީ އެންމެފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ. އެ ކުރިމަތިލުން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022