ގަތަރު ވޯލްޑް ކަޕް 2022ގެ ކުއާޓާ ފައިނަލްގެ ޖާގައެއް އިންގްލެންޑުންވެސް ހޯދައިފިއެވެ.

އިންގްލެންޑުން ކުއާޓާ ފައިނަލް ޔަގީންކުރީ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16 ގެ މެޗުގައި އެފްރިކާގެ ޗެމްޕިއަން ސެނެގާލް ކައިރިން 3-0 އިން މޮޅުވެގެންނެވެ.

އިންގްލެންޑުން މިރޭގެ މެޗަށް ނުކުތީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި އިންގްލެންޑުން ވޭލްސްއާއި އިރާން ކައިރިން ބޮޑެތި މޮޅުތައް ހޯދައި، އެމެރިކާއާ އެއްވަރު ކޮށްފައިވެއެވެ. އަނެއްކޮޅުން ނުކުތް ސެނެގާލަކީ ގްރޫޕް އޭގެ ދެވަނަ ޓީމެވެ. ސެނެގާލުން ގްރޫޕް ސްޓޭޖުގައި ނެދަލޭންޑްސް އަތުން ބަލިވި ނަމަވެސް ގަތަރާއި އެކުއެޑޯ ބަލިކުރިއެވެ. ރަނގަޅު ފޯމެއްގައި އުންމީދާއެކު މިރޭ ސެނެގާލް ނުކުތީ އެގައުމުގެ ތާރީހުގައި ދެވަނަ ފަހަރަށް ކުއާޓާ ފައިނަލެއް ހޯދުމަށެވެ.

މީގެ ކުރިން ސެނެގާލުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅުނީ 2002 ވަނަ އަހަރުއެވެ. އޭހެ ފަހުން މިއީ ގަދަ 16 ގައި ކުޅުނުވެސް ފުރަތަމަ ފަހަރެވެ. ސަޑިއޯ މާނޭ ނެތި ވޯލްޑް ކަޕަށް ނުކުތް ސެނެގާލަށް އެޓޭކިންގައި އުނދަގޫތަކެއް ދިމާވި ނަމަވެސް އެޓީމުން އައީ މެޗަކަށްފަހު މެޗެއްގައި ކުޅުން ރަނގަޅުކުރަމުންނެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އިންގްލެންޑުން ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ ނަމަވެސް އެޓީމަށްވެސް އެޓޭކްތައް އުފައްދަން އުނދަގޫތަކެއް ދިމާވިއެވެ. އަނެއްކޮޅުން ސެނެގާލްގެ ހަލުވި އެޓޭކްގެ ނުރައްކާ އިންގްލެންޑްގެ ފަހަތަށް ކޮންމެވެސް ވަރަކަށް ފޯރަމުން ދިޔައެވެ. ހާއްސަކޮށް އިސްމައިލާ ސާ އާއި ބޫލާޔޭ ޑިއާ ފަދަ ކުޅުންތެރިން ދިޔައީ އިންގްލެންޑްގެ ފަހަތަށް ނުރައްކާކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން 23 ވަނަ މިނެޓުގައި ސެނެގާލަށް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައެވެ.

އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ އަތުން ގެއްލުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޫލާޔޭ ޑިއާ ފޮނުވާލި ހަމަލާ، އިންގްލެންޑް ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ ބްލޮކްކޮށްފައެވެ. އަދި ޑިއާގެ ހަމަލާ ބްލޮކްކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައިން އިސްމާއިލާ ސާ ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ހަމަލާތައް މަދުކޮށް ފެނުނު އިންގްލެންޑަށް ދިރުން ލިބިގެން ދިޔައީ ހާފް ނިމެން ފަސްވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 39 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ނުރައްކާތެރި ހަމަލާއިން ލީޑުވެސް ނެގިއެވެ. ރަނގަޅު ކުޅުމަކާއެކު ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޯޑަން ހެންޑަސަންއެވެ.

ގޯލާއެކު އުންމީދު އާވެ، އިންގްލެންޑް އިތުރަށް ނުރައްކާކޮށް، ހާފް ނިންމާލީ ދެވަނަ ގޯލަކާވެސް އެކުގައެވެ. ސެނެގާލުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި ކުރިއަށް ޖެހުނު ދަނޑިވަޅުގައި އިންގްލެންޑްގެ ދެވަނަ ގޯލް ޖެހީ ކައުންޓާ އެޓޭކެއްގައެވެ. ކައުންޓާ އެޓޭކެއްގައި ފިލް ފޮޑެން ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން އިންގްލެންޑަށް ދެވަނަ ގޯލް ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. އެ ގޯލު ޖެހުމުގައި ވެސް ބެލިންހަމްގެ ދައުރު ފާހަގަކޮށްލެވުނެވެ. މެދުތެރެއިން ފޮޑެންއަށް ޕާސް ދޭން އޭނާ ވަނީ ސެނެގާލްގެ ދެ ކުޅުންތެރިން ނައްޓާލައިފައެވެ. މިރޭ ކޭން ޖެހި ގޯލަކީ މި ވޯލްޑް ކަޕްގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

ކޭންއަކީ 2018 ވަނަ އަހަރު ރަޝިއާ ވޯލްޑް ކަޕްގެ ރަން ބޫޓް ހޯދި ކުޅުންތެރިޔާއެވެ.

ދެ ގޯލްގެ ލީޑެއްގައި އިންގްލެންޑުން ފުރަތަމަ ހާފް ނިންމާލި އިރު، ދެވަނަ ހާފްވެސް އެޓީމުން ފެށީ ރަނގަޅަށެވެ. ހާފްގެ ކުރީކޮޅުގައި ކޭން ޖެހި ބާރު ހަމަލާއެއް ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީ މަތަކުރި އިރު، އޭގެ މިނެޓެއް ފަހުން 57 ވަނަ މިނެޓުގައި ތިންވަނަ ގޯލެއް ޖަހައި ކުއާޓާ ޔަގީންވެސް ކުރިއެވެ.

ފޮޑެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާއެވެ. އެ ގޯލަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ސަކާ ޖެހި ތިންވަނަ ގޯލެވެ. ފޮޑެންގެ އެސިސްޓް ފާހަގަކޮށްލެވުނު އިރު، މިރޭގެ މެޗުގައި އިންގްލެންޑްގެ މެދުތެރެއިން ފޮޑެންއާއި ބެލިންހަމްގެ ކޮންބިނޭޝަން ކުޅުން ވަރަށް ރަނގަޅަށް ފާހަގަކޮށްލެވުނެވެ.

މިރޭ ފަހުކޮޅުގައި ހަމަޖެހިލައިގެން އިންގްލެންޑް ކުޅެފައިވާ އިރު، އެޓީމުން ކުއާޓާ ފައިނަލްގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހުގެ ރޭ 12:00 ގައި އޮންނަ މެޗުގައެވެ.