ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން ފްރާންސް ދަތުރު ކޮށްފިއެވެ.
ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްރާންސުން ޕޮލެންޑް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފްރާންސްގެ ގޯލްތައް ޖެހީ އޮލިވިއާ ޖިރޫއާއި ކިލިއަން އެމްބާޕޭއެވެ. ޕޮލެންޑްގެ ގޯލް ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީއެވެ.
އެންމެފަހުގެ ޗެމްޕިއަން ފްރާންސުން މިރޭގެ މެޗަށް ނުކުތީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި ފްރާންސުން ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ބަލިކުރީ 4-1 އިންނެވެ. ދެވަނަ މެޗުގައި ޑެންމާކް ބަލިކުރީ 2-1 އިންނެވެ. އެ ދެމެޗުން މޮޅުވެ، ގަދަ 16 ޔަގީންކޮށް، ބަދަލުތަކާއެކު ތިންވަނަ މެޗަށް ނުކުތް ފްރާންސް، ޓިއުނީޝިއާ ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއަކީ މާޔޫސްކަމެއް ނަމަވެސް، އެޓީމަށް ގްރޫޕް އެއްވަނަ ޔަގީންވުމާއެކު ކޯޗު ހުރީ ހިތްހަމަ ޖެހިފައެވެ.
އަނެއްކޮޅުން ޕޮލެންޑަށް މިއީ 1986 ވަނަ އަހަރަށްފަހު ފުރަތަމަ ގަދަ 16 އެވެ. ގްރޫޕް ސީގެ ދެވަނަ ހަނިގޮތަކަށް ޕޮލެންޑުން ހޯދައި ފައިދާ ގޯލުގެ ފަރަގުންނެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުގައި މެކްސިކޯއާ އެއްވަރުވީ ގޯލެއް ނުޖެހިއެވެ. ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ސައުދީ އަރަބިއާ ބަލިކުރި އިރު، ތިންވަނަ މެޗަށް ނުކުތް އިރު ޕޮލެންޑަށް އޮތީ އަމިއްލަ ބާރު ގެއްލިފައެވެ. އެ މެޗުގައި އާޖެންޓީނާ އަތުން 2-0 އިން ބަލިވި އިރު، ޕޮލެންޑަށް ގަދަ 16 ލިބުނީ މެކްސިކޯއަށްވުރެ ފައިދާ ގޯލު ގިނަވުމުންނެވެ. އަދި މެކްސިކޯ އަތުން ސައުދީ ބަލިވުމުންވެސް މެއެވެ.
މެޗުގެ ފުރަތަމަ ހާފް ފެނިގެން ދިޔައީ ހަމަލާތައް ގިނަ ހާފެއްގެ ގޮތުގައެވެ. ވަރުގަދައަށް ފުރަތަމަ ހާފް ފަށައި، ފްރާންސުން ދިޔައީ އެޓީމުގެ ހަލުވި ވިންގް ބޭނުންކޮށް، ޕޮލެންޑަށް ނުރައްކާ ކުރަމުންނެވެ. އުސްމާން ޑެމްބެލޭއާއި ކިލިއަން އެމްބާޕޭގެ ބާރު ދުވެލި ނުރައްކާކޮށް ފެނުނު އިރު، 16 ވަނަ މިނެޓުގައި ޑެމްބޭލޭ ފޮނުވާލި ހަމަލާ އަމާޒުވީ ޕޮލެންޑް ގޯލްކީޕަރު ޝެޒްނީ އަތަށެވެ.
އޭގެ ފަހުން މެޗުގެ 29 ވަނަ މިނެޓުގައި ފްރާންސަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ޕޮލެންޑުން މެދު ތެރެއިން ގެއްލުވާލި ބޯޅައިގެ ބޭނުންކޮށް ފްރާންސުން އުފެއްދި ހަމަލާގައި ޑެމްބެލޭ ހުރަސް ކޮށްލި ބޯޅަ އޮލިވިއާ ޖިރޫއަށް ހުސްކޮށް ލިބުނު ނަމަވެސް، ޓެކުލްކޮށް ގޯލަށް ޖަހަން ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.
ޖިރޫ މިރޭ މެޗުގެ ކުރިން އޮތީ ފްރާންސްގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތް ތިއެރީ އޮންރީއާ ހަމަކޮށްފައެވެ. އެންމެ ގޯލަކާއެކުވެސް ފްރާންސް ފުޓުބޯޅައިގެ ތާރީހު ލިޔެލެވޭނެކަން އެނގުހުރެ މެޗަށް ނުކުތް ޖިރޫ ފުރަތަމަ ހާފްގައިވެސް ފެނުނީ ނުރައްކާ ކޮށެވެ.
އަނެއްކޮޅުން ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ދިޔައީ ފްރާންސަށް ނުރައްކާވެސް ކުރަމުންނެވެ. އޭނާ ދުރުން ޖެހި ބޯޅަ ބޭރަށް ދިޔަ އިރު، 38 ވަނަ މިނެޓުގައި ޕޮލެންޑުން ލީޑު ނެގުމާ ވަރަށް ގާތަށްވެސް ޖެހިލިއެވެ. އެޓީމުން ފުލުފުލުގައި ދެ ހަމަލާއެއް އުފެއްދި އިރު، ބާޓޯޒް ބެރެޒީންސްކީ ދިން ބޯޅައިން، ޕެނަލްޓީ އޭރިއާ ތެރެއިން ޕިއޮޓާ ޒީލިންސްކީ ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފައެވެ. އަދި އެ ހަމަލާގެ ރީބައުންސް ބޯޅައިން ޔަކުބް ކަމިންސްކީ ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ވަނީ ދިފާއުކޮށްފައެވެ.
ފްރާންސް ނުރައްކާ ހާފުގެ ފަހު ކޮޅަށް ގޮސް ބޮޑުކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ހާފް ނިންމާލީވެސް ލީޑު ގައެވެ. 44 ވަނަ މިނެޓުގައި ގޯލް ޖަހައި، ފްރާންސްގެ ތާރީހީ ގޯލް ޖެހުމުގެ ރެކޯޑު ޖިރޫ މުގުރާލިއެވެ. އެމްބާޕޭ ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ދިން ބޯޅައެއް ގޯލްގެ ކަނަށް ވައްދާލައި، ޖިރޫ އޭނާ ފްރާންސަށް ޖަހައިދިން 52 ވަނަ ގޯލް ކާމިޔާބު ކޮށްދިނެވެ. އޮންރީގެ ރެކޯޑު މުގުރާލައި ތާރީހުވެސް ލިޔެލިއެވެ.
މެޗުގެ ފަހު ހާފްގެ ބޮޑު ބައެއް ފެނުނީ ހަމަލާތައް މަދު ކޮށެވެ. ހާއްސަކޮށް ޕޮލެންޑުން އިތުރު ގޯލަކަށް މަސައްކަތް ކުރުމުގެ ކުރިން ފްރާންސް ހިފަހައްޓަން ކުރަން ޖެހުނު މަސައްކަތް ބޮޑުވުމުން، އެޓީމު ފެނުނީ ފަހަތަށް ޖެހި ކުޅުނު ތަނެވެ. ފްރާންސްގެ ދެ އަރިމަތިން ހަމަލާތައް އުފައްދަން މަސައްކަތްތަކެއް ކުރި ނަމަވެސް ދެވަނަ ހާފްގެ ބޮޑުބައެއްގައި މާ ގިނަ ހަމަލާތަކެއް ނުފެނުނެވެ.
އެހެން ހަމަލާތައް މަދުކޮށް ފަހު ހާފް ދަނިކޮށް، ފްރާންސަށް ލީޑު ފުޅާކޮށްދިނީ އެމްބާޕޭއެވެ. 77 ވަނަ މިނެޓުގައި ޑެމްބެލޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ އެމްބާޕޭ އަމާޒުކޮށްލީ ގޯލްގެ މަތީ ކަނަށެވެ. އެ ގޯލާއެކު އެމްބާޕޭ މި ވޯލްޑް ކަޕްގައި ޖެހި ގޯލްގެ އަދަދުވެސް ހަތަރަކަށް އެރީއެވެ. އެއީ މިވަގުތު މި ވޯލްޑް ކަޕްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާވެސް މެއެވެ.
އެ ގޯލާއެކު ހިތްވަރު ހޯދައި ފްރާންސްގެ ނުރައްކާވީ އިތުރަށް ބޮޑެވެ. ހާއްސަކޮށް އެމްބާޕޭގެ ކުޅުން ރަނގަޅުކޮށް، އިތުރު ގޯލެއް ޖަހައި ފަސޭހަ މޮޅެއް ފްރާންސަށް ހޯދައިދިނެވެ. މެޗުގެ އިތުރު ވަގުތުގައި ތުރާމް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ އަމާޒުކޮށްލީ ޕޮލެންޑް ގޯލުގެ މަތީ ކަނަކަށެވެ. ހިތްގައިމު އެ ގޯލާއެކު މެޗު ޔަގީންކޮށް ފްރާންސް ކުއާޓާގެ ފުރުސަތު ޔަގީންކުރިއެވެ. އެމްބާޕޭ ވޯލްޑް ކަޕްގައި ޖެހި ފަސްވަނަ ގޯލެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި ޕޮލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ފްރާންސްގެ ޑިފެންޑަރު އަތުގައި ޖެހިގެން ލިބުނު ޕެނަލްޓީގައި ލެވަންޑޯސްކީ ފުރަތަމަ ފޮނުވާލި ބޯޅަ ލޮރިސް މަތަކުރި ނަމަވެސް، ރެފްރީ ނިންމީ އަލުން ޖަހުވާށެވެ. އެއީ ލޮރިސް މާ އަވަހަށް ރޮނގުން ނުކުތުމުންނެވެ. ދެވަނަ ޕެނަލްޓީ ވައްދާލައި، ލެވަންޑޯސްކީ އޭނާގެ ދެވަނަ ގޯލް ޖެހި ނަމަވެސް ފްރާންސް ކުއާޓާ ޔަގީންކުރިއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022