ރ. ދުވާފަރު ކައުންސިލުން ހިންގި ހިޔާނާތާ ގުޅިގެން އެކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑް ކުރުމަށްފަހު ކައުންސިލް ހިންގުން ހަވާލުކޮށްފައި ހުންނެވި، ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހްވެސް ސަސްޕެންޑްކޮށްފިއެވެ.
އެލްޖީއޭއިން ދުވާފަރު ހުރިހާ ކައުންސިލަރުން ސަސްޕެންޑްކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު މިއަދު ވިދާޅުވީ، ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު ސަސްޕެންޑްކުރީ ސިވިސް ސާވިސް ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ކަމަށާއި އެ ކައުންސިލްގެ ހިންގުން އެހެން ބޭފުޅަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ގާނޫނީ ގޮތުން ގަޑިން ގަޑިއަށް ކުރަން ހުރި ކައުންސިލްގެ މަސައްކަތްތައް އަތޮޅު ކައުންސިލާ ކޯޑިނޭޓް ކުރާނީ، މިހާރުވެސް ކުރަމުންދަނީ،" އަފްޝަން ވިދާޅުވިއެވެ.
ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް އެ ކައުންސިލުގެ ހަތް މެމްބަރުންގެ ތެރެއިން ކައުންސިލަރު އަހުމަދު ސަމޫހު ވަނީ އިސްތިއުފާދެއްވައިފައެވެ. އޭނާ އިސްތިއުފާދެއްވުމުން ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ.
ދުވާފަރު ކައުންސިލަށް ތުހުމަތުވާ ވައްކަމުގެ މައްސަލަ ހާމަވީ އެލްޖީއޭއިން އެކުލަވައިލި ހާއްސަ ރިޕޯޓަކުންނެވެ. އެ ރިޕޯޓުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައެވެ. އެގޮތުން އެ ރިޕޯޓުގައި ޖުމުލަ 34 މައްސަލައެއް ފާހަގަކޮށްފައިވެއެވެ.
އޭގެ ތެރޭގައި ކައުންސިލަރުންގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމާއި ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަހައްޓަމުން ނުގެންދާ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެމްބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕާސަނަލް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށާއި ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި ޑަބްލިޔުޑީސީ މެމްބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާ ކަމަށާއި ކައުންސިލްގެ މާލިއްޔަތުން އަމިއްލަ ފަރުދުންނަށް އިން-ކައިންޑްގެ ގޮތުގައި ފައިސާ އާއި ތަކެތި ދިނުމާއި ކައުންސިލްގެ މެންޑޭޓުގައި ނުހިމެނޭ ކަންކަމަށް ބޮޑެތި އަދަދުތަކުން ހަރަދުކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައިވާ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާގިނަ ތަފުސީލެއް ފެންނަން ނެތަސް ޖުމުލަ 711،617 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
ކައުންސިލް މެމްބަރު މުހައްމަދު ޝާމަށް 447،837 ރުފިޔާ އާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށްވެސް 252،048 ރުފިޔާ ލިބިފައިވާއިރު، ކައުންސިލް މެމްބަރު މުހައްމަދު ޒުހުދާ އާދަމަށް 181،666 ރުފިޔާ އާއި ކައުންސިލް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހަށް 165،200 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އެކައުންޓަށް 128،697.47 ރުފިޔާ ޖަމާކޮށްފައިވާއިރު އާމިނަތު ސަލާހްގެ އެކައުންޓަށް 119،535.99 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުގައި ކައުންސިލުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ ވަނީ ސެޕްޓެންބަރު 16 ވަނަ ދުވަހު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައެވެ.
މުދަލު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް އެލްޖީއޭއަށް ލިބިފައިވާއިރު، އެ ލިޔުމުގައި ފައިސާ ހަވާލު ކުރި ފަރާތްކަމުގައި ބަޔާންކޮށްފައި ވަނީ ކައުންސިލް މެމްބަރު ޒުހުދާ އާދަމް ކަމަށާއި ނަމަވެސް ޒުހުދާއާ ހަވާލުކުރި ފައިސާއަކީ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޒަކާތުގެ ގޮތުގައި ޖަމާކުރި 318،600 ރުފިޔާކަމެއް ނުވަތަ އެހެން ފައިސާއެއް ކަމެއް ކަށަވަރުވެފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.
އަދި ޒަކާތް ދިނުމަށް ބޭނުންވާ 54,608 ރުފިޔާ ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދުކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އެ ފައިސާއާ ބެހޭ ލިޔެކިޔުމެއްވެސް ނެތް ކަމަށް ބުނެފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުގައި ކައުންސިލްގެ ބައެއް އެހެން އިދާރީ މުވައްޒަފުންނަށްވެސް ވަނީ ރެކޯޑުން ބޭރުން އެކި އަދަދު ތަކުން ފައިސާ ޖަމާކޮށްފައެވެ.
ދުވާފަރު ކައުންސިލްގެ ހިޔާނާތް ބެލުމަށް އެލްޖީއޭގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލަ ތަހުގީގުކޮށް، އޭސީސީން ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.
ނަމަވެސް ދައުވާ ކުރަން ފޮނުވި މީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ދުވާފަރު ކައުންސިލްގެ ކުރީގެ މެންބަރަކާއި މިހާރު ތިއްބެވި ހަ މެންބަރުންނާއި އިދާރީ ބައެއް މުވައްޒަފުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު