ފުޓުބޯޅަ ތަރިންގެ އެންމެ މަގުބޫލު އެއް ޗުއްޓީގެ މަރުކަޒަކީ އަބަދުވެސް ރާއްޖެއެވެ. މިފަހަރުވެސް ވޯލްޑް ކަޕުން ކަޓައިގެން ދާ ކުޅުންތެރިންގެ މާޔޫސްކަން ފިލުވާލުމަށާއި ވޯލްޑް ކަޕްގައި ނުފެންނަ ތަރިންގެ ހުސް ވަގުތުތައް ހޭދަކޮށްލަންވެސް ގިނަ ކުޅުންތެރިންތަކެއް ވަނީ ރާއްޖެ އައިސްފައެވެ.

ވޯލްޑް ކަޕުން ނުފެންނަ ބައެއް ތަރިންގެ ތެރޭގައި ހިމެނޭ އޮސްޓްރިއާގެ ޑޭވިޑް އަލާބާ އާއި އެގައުމުގެ ފޯވަޑް މާކޯ އަރްނޯޓިވިޗް ފަދަ ކުޅުންތެރިންވެސް ވޯލްޑް ކަޕް ދުވަސްވަރުގައި ރާއްޖެ އައިސްފައިވާ އިރު، ބްރެޒިލް ސްކޮޑުން ބާކީވި ރޮބާޓް ފިރްމީނޯވެސް ވޯލްޑް ކަޕަށް ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް، ރާއްޖެ އައިސްފައިވެއެވެ. އޭގެ އިތުރުންވެސް އިޓަލީ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންވެސް ޗުއްޓީއަށް ރާއްޖެ އައިސްފައިވެއެވެ.

މީގެ ދެ ދުވަސްކުރިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ނިމިފައިވާ އިރު، ގްރޫޕް ސްޓޭޖުން ކެޓި ބައެއް ކުޅުންތެރިންވެސް މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފައެވެ. އެގޮތުން އުރުގުއާއީގެ ފޯވަޑް ލުއިސް ސުއަރޭޒް އާއިލާއާއެކު މިއަދު ރާއްޖެ އައިސްފައިވާ އިރު، އެގައުމުގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭވެސް މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ހަބަރުތައް ބުނެފައިވެއެވެ. އޭގެ އިތުރުންވެސް ކެމަރޫންގެ ކާލް ޓޯކޯ އެކާމްބީ އާއި ބެލްޖިއަމްގެ ގޯލްކީޕަރު ތީބޯ ކޯޓުއާވެސް މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރޭ ގަދަ 16 ގެ މެޗުތައް ކުޅުނު ބައެއް ކުޅުންތެރިންވެސް މިވަގުތު ރާއްޖެ އައިސްފައިވާ ކަމަށް މައުލޫމާތުތައް ލިބިފައިވެއެވެ. އެގޮތުން އޮސްޓްރޭލިއާގެ މިޑްފީލްޑަރު އައިޑިން ރުސްޓިޗްވެސް މިވަގުތު ރާއްޖޭގައި ހުރި އިރު، އެޓީމުގެ އިތުރު ބައެއް ކުޅުންތެރިންވެސް މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ނޫސްތައް ބުނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ އޭޝިއާގައި ބޭއްވޭ ދެވަނަ ވޯލްޑް ކަޕަށްވެފައިވާ އިރު، ވޯލްޑް ކަޕުން މާޔޫސްވާ ގިނަ ކުޅުންތެރިންގެ ޗުއްޓީގެ މަންޒިލަކަށް ރާއްޖޭ ވާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ގަތަރަކީ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާ ގައުމަކަށްވުމާ އެކު، ޗުއްޓީއަށް އަންނަ ކުޅުންތެރިން ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ. ރާއްޖެއަކީ ދުނިޔޭގެވެސް އެންމެ މަގުބޫލު ޗުއްޓީ މަންޒިލެވެ. މީގެ ކުރިންވެސް އެތައް ކުޅުންތެރިންނަކާއި ތަރިންނެއް އަބަދުވެސް ރާއްޖެގައި ޗުއްޓީ ހޭދަކުރަމުން ދެއެވެ.