ޚަބަރު

ރައީސް ޔާމީންގެ މައްސަލައަށް އޭސީޕީ ރިޔާޒު ނުފޫޒު ފޯރުވާ އޯޑިއޯއެއް އެބަ އޮތް: ޔާމީންގެ ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހިންގި ތަހުގީގުތަކުގައި ވަކިގޮތަކަށް ބަޔާން ދިނުމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒު އަންގާ އޯޑިއޯއެއް އެބަ އޮތް ކަމަށް ޔާމީންގެ ވަކީލުން ބުނެފިއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހު ވިދާޅުވީ، ސިޔާސީ ފަރާތްތައް ހިމެނޭ މައްސަލަތަކުގައި ވަކިގޮތަކަށް ބަޔާންދީ، ވަކި ގޮތަކަށް އަމަލުކުރުމަށް ފުލުހުންގެ ބައެއް އިސްވެރިން މަސައްކަތް ކުރައްވާ ކަމަށެވެ.

"ވަކި ގޮތަކަށް ރައީސް ޔާމީން ފްރޭމްކުރުމަށްޓަކައި ކަންކަން ކުރުމަށާއި އަދި އެގޮތަށް ބަޔާންދީފިނަމަ ބައެއް ފަރާތްތަކަށް ދައުވާނުކުރާނެ ކަމަށް ބުނެ، މިފަދަ ކަންތައްތައް ހިނގާފައި އެބަ ހުރި. އެފަދަ ބައެއް އޯޑިއޯތައްވެސް އެބަ ހުރިމެ، އެފަދަ އޯޑިއޯތައް ހުރިކަން ފުލުހުންނަށްވެސް އެނގޭނެ،" ޝާހު ވިދާޅުވިއެވެ.

އޯޑިއޯގައި ހިމެނެނީ ކޮން ބޭފުޅެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޝާހު ވިދާޅުވީ އެއީ އޭސީޕީ ރިޔާޒު ކަމަށެވެ.

މި ތުހުމަތާ ގުޅިގެން އޭސީޕީ ރިޔާޒަށް "ވަން" އިން ގުޅުމުން، ފޯނަށް ގުޅޭ ގޮތެއް ނުވެއެވެ. މެސެޖު ކުރުމުން އަދި ޖަވާބެއް ދެއްވާފައެއްވެސް ނުވެއެވެ.

ޝާހު ވިދާޅުވީ، ކުށުގެ ތުހުމަތު ކުރެވޭ އެތައް ބަޔަކު ދައުލަތުގެ ތެރޭގައި އެބަ ތިބި ކަމަށާއި އެ މީހުންގެ މައްސަލަ ނުބަލާ ދޫކޮށްލަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތުގެ ހުރި ކަންކަމަށް ބަލައި އިރު، އެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތުނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.