ޚަބަރު

ބޭންކުތަކުގައި ރައްކާކުރާ ޑޮލަރުގެ އަދަދު މަދުވެއްޖެ

މުހައްމަދު ޖަމްޝަތް ވަހީދު

މި އަހަރުގެ ތިންވަނަ ކުއާޓާގައި ބޭންކުތަކަށް ޑިޕޮސިޓް ކުރި ނުވަތަ ރައްކާކުރަން ލީ ބޭރު ފައިސާގެ އަދަދު ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރު ރިޕޯޓުގައި ބުނެފައިވާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލައި އިރު، ތިންވަނަ ކުއާޓާގައި ބޭންކުތަކަށް ޖަމާކޮށްފައި ހުރި ފައިސާގެ އަދަދު 52.2 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. އެއީ 10 ޕަސެންޓުގެ ދަށްވުމެކެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ތިންވަނަ ކުއާޓަރުގައި ބޭންކުތަކަށް ޖަމާކުރި ފައިސާގެ ތެރެއިން 76 ޕަސެންޓް މަދުވެފައި ވަނީ ބޭރު ފައިސާއިންނެވެ. އޭގެ ސަބަބަކީ މާލީ ދާއިރާއިން ބޭރުގަައި ހަރަކާތްތެރިވާ ސަރުކާރުގެ އަދި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުން ބޭންކަށް ޖަމާކުރި ފައިސާގެ އަދަދު މަޑުޖެހުން ކަމަށް ރިޕޯޓުގައިވެއެވެ.

އަދި މާލީ ދާއިރާ ނޫން ސިނާއަތްތަކުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނިތަކުން ޑިޕޮސިޓް ކުރި ފައިސާގެ އަދަދު މަދުވުމުގެ ސަބަބުން ބޭންކުތަކުގައި ދިވެހި ރުފިޔާއިން ޖަމާކޮށްފައި ހުރި ފައިސާގެ އަދަދުވެސް މަދުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެ އޮތޯރިޓީން ބުނާ ގޮތުން ބޭންކުތަކަށް ޖަމާކުރާ ފައިސާ އެހާ ބޮޑަށް މަދުވެފައިވަނީ އިމްޕޯޓްކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުންނެވެ. އަދި ބޭންކުތަކަށް ޖަމާކުރާ ފައިސާ ދަށްވުމުގެ ސަބަބުން އިގުތިސާދުގައި ދައުރުވާ ފައިސާގެ އަދަދު 11 ޕަސެންޓަށް ދަށްވެފައިވާ ކަމަށާއި ސޭވިން އެކައުންޓުތަކަށް ޖަމާކުރާ ޑޮލަރަށް ބޭންކުތަކުން ދޭ އިންޓަރެސްޓްގެ އަދަދުވެސް މަތިކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި ޑިޕޮސިޓްކުރާ ފައިސާގެ އަދަދު ދަށްވި ނަމަވެސް ބޭންކުތަކުގެ ވިޔަފާރިއާއި ފައިދާ އަދި މާލީ ހާލަތު ޖުމުލަ ގޮތެއްގައި ވަނީ ރަނގަޅުވެފައެވެ. އެގޮތުން ތިންވަނަ ކުއާޓާގައި ބޭންކުތަކުގެ ޖުމުލަ ފައިދާ ދެ ޕަސެންޓަށް އިތުރުވެފައިވާއިރު ފައިސާއިން އެ އަދަދު 3.3 ބިލިއަން ރުފިޔާއަށް އަރައެވެ.

އަދި ބޭންކުތަކުން ދޫކުރި ޖުމުލަ ލޯނުގެ އަދަދު 32.5 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން ޕްރައިވެޓް ސެކްޓަރަށް ދޫކުރާ ލޯނާއި ކްރެޑިޓްގެ އަދަދު 28.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ތިންވަނަ ކުއާޓާގައި އެންމެ ބޮޑު ޕަސެންޓެއްގެ ލޯނު ދޫކޮށްފައި ވަނީ ޓޫރިޒަމާއި ކޮންސްޓްރަކްޝަން ދާއިރާއަށެވެ. ޓޫރިޒަމް ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު 38 ޕަސެންޓަށް އަރައެވެ. އޭގެ ތެރޭގައި ގިނައީ ރިސޯޓުތަކުގެ ރިނޮވޭޝަނާއި އާ ރިސޯޓުތައް ހެދުމަށް ނެގި ލޯނުތަކެވެ. އަދި އަމިއްލަ ފަރާތްތަކުން ކްރެޑިޓް ކާޑު މެދުވެރިކޮށް ނެގި ލޯނުގެ އަދަދު 27 ޕަސެންޓަށް ވަނީ އިތުރުވެފައެވެ.