ފަނޑިޔާރެއްގެ މައްސަލަ ބަލާނެ ކަމަށް ބުނެ، އެ ފަނޑިޔާރަކަށް ބިރުދެއްކުމަކީވެސް ނުފޫޒު ފޯރުވުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒު އަލީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.
ޖޭއެސްސީން ބުނެފައިވާ ގޮތުގައި ފަނޑިޔާރު މަހާޒްއާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކީ އޭނާ ބެއްލެވި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމް ކުރުމުން އެ މައްސަލައިގެ ހިމެނޭ ހަސްމެއްގެ ސަޕޯޓަރަކު އެކަމުގެ އުފަލުގައި ފޮނުވި ޖާފަތަކާ ހަވާލުވެ، ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި މައްސަލައެކެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އެއީ ރައީސް ޔާމީން މިނިވަންވި ހުކުމް ނެރުއްވުމަށްފަހު ހިނގި ކަމެކެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ، މައްސަލަތައް ޝަރީއަތުގައި ހިނގަމުންދާއިރު، މައްސަލަ ބައްލަވާ އެކިއެކި ފަނޑިޔާރުންގެ މައްސަލަތައް ބަލައި، އެ ފަރާތްތަކަށް ގޯނާކޮށް ދައުލަތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އަދި މައްސަލައެއް ބަލާނެ ކަމަށް ބުނެ ބިރު ދެއްކުމަކީވެސް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާޒް ވިދާޅުވީ، ރައީސް ޔާމީނަށް މިނިވަން އިންސާފުވެރި ޝަރީއަތެއް ލިބުމުގެ މަގުފަހުކޮށްދޭން އެދޭ ކަމަށެވެ. އަދި އެ މަނިކުފާނަށް ދައުވާކުރަނީ އެއް މައްސަލައެއްގައި ކަމަށާއި އެހެންކަމުން އެއީ ކުރެވޭނެ ދައުވާއެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.