ރަށެއްގެ އިގުތިސާދީ ހަރަކާތަށް ބަލައި އެ ރަށަކަށް ސިޓީގެ ދަރަޖަ ދެވެން ޖެހޭނެ ކަމަށާއި އެފަދަ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ވައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫއަށް މިދިިޔަ ހުކުރު ދުވަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ނުދޭ މައްސަލާގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ, ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ޖެހޭ ކަމަށެވެ.

އެގޮތުން 1950 އަހަރުގެ ތެރޭގައި ތިނަދޫ ފަޅުކުރި ނަމަވެސް, އޭގެ 50 އަހަރު ފަހުން ތިނަދޫއަކީ އަނެއްކާވެސް އާބާދީ ބޮޑު އަދި އިގުތިސާދީ ގޮތުން ވަރުގަދަ ރަށަކަށް ވެފައިވާ ކަމަށް ވިދާޅުވިއެވެ.

"މަޖިލީހުން އިސްލާހެއް އަޅުގަނޑު ގެންނާނަން. ގެނެވޭތޯ މަސައްކަތްކުރާނަން. އެއީ އިގުތިސާދީ ހަރަކާތަށް ބަލަން ޖެހޭނޭ ސިޓީއަކަށް ބަދަލުވާއިރު. އާބާދީއަށް އެކަންޏެއް ނޫނޭ. އުފެއްދުންތެރިކަން މިވެނި މިންގަނޑެއްގައި ހުރެއްޖެއްޔާ އެއީ ސިޓީގެ ދަރަޖަ ދިނުމުގައި ކުރަން ޖެހޭ ކަމެކޭ," ނަޝީދު ވިދާޅުވިއެވެ.

ތިނަދޫގައި މިހާރުވެސް ސިޓީއެއްގައި ދޭން ޖެހޭ ގިނަ ހިދުމަތްތަކެއް ދެމުން އައި ނަމަވެސް, އެ ރަށަށް ސިޓީއެއްގެ ދަރަޖައަށް އޮތް ހުރަހަކީ އާބާދީ އެވެ. ރަށެއް ސިޓީއަކަށް ބަދަލުކުރެވެނީ އެ ރަށެއްގެ އާބާދީ 10،000 މަތިވުމުންނެވެ. ތިނަދޫގައި މިހާރު ދިރިއުޅެނީ 5،000 އެއްހާ މީހުންނެވެ.