ސެނެގާލްގެ ކޯޗު އަލިއޯ ސީސޭ މިވަގުތު އުޅެނީ ހުން އައިސްގެން ބަލިވެ ނަމަވެސް، އިންގްލެންޑް މެޗުގައި ބެންޗުން ފެންނާނެކަމުގެ ބޮޑު ޔަގީންކަމެއް ދޭ ކަމަށް އެސިސްޓެންޓް ކޯޗު ރެގިސް ބޮގާޓް ބުނެފިއެވެ.

މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗަށް ސެނެގާލް ނުކުންނަނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން ބަލިވި ނަމަވެސް އޭގެ ފަހުން ގަތަރާއި އެކުއެޑޯ ބަލިކުރިއެވެ. ސެނެގާލް ވާދަކުރާ އިންގްލެންޑް ގަދަ 16އަށް ދިޔައީ ވޭލްސްއާއި އިރާން ބޮޑު ތަފާތަކުން ބަލިކޮށްފައެވެ. އެޓީމަށް ގްރޫޕް ބީގައި ޕޮއިންޓް ގެއްލުނީ އެމެރިކާއާ އެއްވަރު ވެގެންނެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ބޮގާޓް ބުނީ ސީސޭއަށް ޓީމުގެ އެންމެފަހު ފަރިތަކުރުންތަކުގައި ބައިވެރިނުވެވުނު ނަމަވެސް ކިރިޔާ ކޮޅަށް ހުރެވުނަސް މެޗަށް ނުކުންނާނެ ކަމަށެވެ.

ބޮގާޓް އިތުރަށް ބުނީ ސެނެގާލަށް އިންގްލެންޑް ބަލިކުރޭވެނެ ކަމަށް ޓީމުން ގަބޫލުކުރާ ކަމަށާއި، މިހާތަނަށް ވޯލްޑް ކަޕްގެ ނަތީޖާތައް ފެނުނު ގޮތުން އެކަމަށް ހާއްސަ މެސެޖެއްވެސް ދޭ ކަމަށެވެ.

"ވޯލްޑް ކަޕުން ވަރަށް ބާރުގަދަ ހާއްސަ މެސެޖެއް ދީފި. ކެމަރޫނުން ބްރެޒިލް ބަލިކުރިތަންވެސް އަހަރެމެންނަށް ފެނިއްޖެ. ޓިއުނީޝިއާއިން ފްރާންސް ބަލިކުރިތަންވެސް. އެހެންވީމަ ސެނެގާލަށް އިންގްލެންޑްވެސް ބަލިކުރެވޭނެ. އެކަމަށް ނުކުންނާނީވެސް. އެއީ މުހިއްމުވެސް މެސެޖެއް،" ބޮގާޓް ބުންޏެވެ.

މެޗުގެ ކުރިން އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް ބުނީ އިންގްލެންޑުން ނުކުންނަނީ އެފްރިކާ ޗެމްޕިއަން ސެނެގާލަށް އިހުތިރާމު ކޮށްގެން ކަމަށެވެ. ސެނެގާލާއި އިންގްލެންޑް ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.