ގްރޫޕް ސްޓޭޖުގެ ކުޅުނު 13 ދުވަހުން ނިންމާލީ 48 މެޗެއް ކުޅެފައެވެ. އަރަބި ގައުމެއްގެ ފުރަތަމަ ވޯލްޑް ކަޕުން މިހާތަނަށްވެސް އެތައް ތަފާތެއް ގަތަރު ވޯލްޑް ކަޕުން ދައްކުވައިދީފިއެވެ. ހާއްސަކޮށް ސަޕޯޓަރުންގެ ނަންބަރުތަކުންނާއި އިންތިޒާމުންވެސް، މިއީ ހަމަ އެއްވަނައިގެ ވޯލްޑް ކަޕެކެވެ. ރެކޯޑު އަދަދަކަށް މީހުން ދަނޑަށް ވަދެ، މިލިއަނުން މީހުން އަންނަނީ ގަތަރުގައި އުފާކުރަމުންނެވެ.
ގަތަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ނިމުމާއެކު ފީފާއިން ވަނީ ގްރޫޕް ސްޓޭޖުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. ހާއްސަކޮށް ސަޕޯޓަރުންނާއި އިންތިޒާމާ ގުޅޭ ތަފާސް ހިސާބުތަކެވެ. ގަތަރުގެ ހިދުމަތްތަކުގެ ތަފާސްހިސާބެވެ. އެ އަދަދުތަކުން ގަތަރު ވޯލްޑް ކަޕް ހާއްސަކަން އެތައް ގޮތަކުން ޔަގީން ވެއެވެ. ގަތަރަށް އެތައް ބަޔަކު ފާޑު ކިޔަމުން ދިޔަ ދިޔުމަކީ ވޯލްޑް ކަޕަށް ތަރުހީބު ކުޑަވެދާނެ ކަމެއް ކަމަށް ހީވެފައި އޮތް ނަމަވެސް، އެކަން އޮތީ އެގޮތަކަށް ނޫންކަންވެސް އެ ހިސާބުތަކުން ދައްކުވައިދެއެވެ.
މިހާތަނަށް މެޗު ބަލަން ދަނޑުތަކަށް ވަން މީހުންގެ އަދަދު 2.45 މިލިއަނަށް އަރައިފިއެވެ. ސަޕޯޓަރުން ގަތަރަށް އެތެރެވެ، ވޯލްޑް ކަޕްގެ ހުރިހާ ކަމެއްގައި ބައިވެރިވުމަށް ބޭނުންކުރާ ހައްޔާ ކާޑު ދެމިލިއަން މީހުން މިހާރުވެސް ހައްދާފައިވެއެވެ. ސްޓޭޑިއަމަށް ވަން މީހުންގެ އަދަދަށް ބަލާ އިރު، އެއީ 96 ޕަސެންޓްގެ ސްޓޭޑިއަމް ކެޕޭސިޓީއެވެ. ގަތަރުން އިއުލާންކުރި އަދަދަށްވުރެ ގިނަ މީހުން ވަދެވޭނެ ގޮތަށް ސްޓޭޑިއަމްތައް ބޮޑުކޮށް ހަދާފައިވާ އިރު، މިހާރު ސަޕޯޓަރުން މެޗުތަކަށް ވަން އަދަދުންވެސް 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް މެޗުތަކަށް ވަން 2.17 މީހުންގެ މައްޗަށް ގަތަރު ކުރި ހޯދައިފިއެވެ.
އޭގެ އިތުރުން ވޯލްޑް ކަޕް މެޗެއް ބަލަން 1994 ވަނަ އަހަރު ފައިނަލް މެޗަށްފަހު އެންމެ ގިނަ މީހުން ވަން މެޗުވެސް ގަތަރު ވޯލްޑް ކަޕްގައި ކުޅެވިއްޖެއެވެ. އެއީ ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި އާޖެންޓީނާ އާއި މެކްސިކޯ ވާދަކުރި މެޗެވެ. އެމެޗަށް 88،966 ސަޕޯޓަރުން ވަދެފައިވެއެވެ.
1930 ވަނަ އަހަރުގެ ފުރަތަމަ ވޯލްޑް ކަޕަށްފަހު މި ވޯލްޑް ކަޕް ވެގެންދަނީ އެންމެ ކުޑަ ސަރަހައްދެއްގައި ހޯސްޓް ކުރެވޭ ވޯލްޑް ކަޕަށެވެ. އެކަމުގެ ސަބަބުން ވޯލްޑް ކަޕްގެ ފުޓުބޯޅަ ފެސްޓިވަލްގެ އިހުސާސް ގަތަރުގައި ބޮޑެވެ. ޓީމުތައް ތިބޭ ހޮޓާތައް ހިމެނޭ ސަރަހައްދަކީވެސް އެންމެ 10 ކިލޯމީޓަރުގެ ރޭޑިއަސްއެއްގެ ސަރަހައްދަކަށްވީ އިރު، ޓީމުތަކުގެ 3،321 ދަތުރެއް ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ތެރެއިން މިހާތަނަށް ފުރިހަމަ ކޮށްފައިވެއެވެ.
ސައުދީ އަރަބިއާ އާއި އިންޑިއާގެ ސަޕޯޓަރުން އެންމެ ގިނައިން ގަތަރު މެޗުތަކަށް ވަދެފައިވާ އިރު، އޭގެ ފަހަތުން ހިމެނެނީ އެމެރިކާއާއި އިނގިރޭސިވިލާތް އަދި މެކްސިކޯގެ ސަޕޯޓަރުންނެވެ. ވޯލްޑް ކަޕަށް ހާއްސަ، އިންޓަނޭޝަނަލް ދެ އެއާޕޯޓެއް ބަރާބަރަށް އޮޕަރޭޓް ކުރަމުން އަންނަ އިރު، ދޯހާ މެޓްރޯ އާއި ލުސައިލް ޓްރާމްގެ ދަތުރުފަތުރު ނެޓްވޯކުން ގްރޫޕް ސްޓޭޖުގައި އެކަނިވެސް 9.19 މިލިއަން ދަތުރު ފުރިހަމަކޮށްފައިވެއެވެ. އެއީ ދުވާލެއްގެ މައްޗަށް އެވަރެޖް 707،032 ފަސެންޖަރުން އުފުލުމަށެވެ.
"މިއީ ހުރިހާ ގޮތަކުންވެސް ތަފާތު އިހުސާސެއް ގެނެސްދޭ ފުރިހަމަ ވޯލްޑް ކަޕެއް. އަދަދުތަކަށް ބަލައިލުމުންވެސް، ދަނޑު ބޭރާއި ދަނޑު ތެރެއިންވެސް މި ވޯލްޑް ކަޕް ވަރަށް ހާއްސަކަން އެނގޭ. ސަޕޯޓަރުން ދޯހާގައި ހޭދަކުރަނީ އާދަޔާހިލާފު މަޖާ، އުފާވެރި ވަގުތުތަކެއް. މުޅި ދުނިޔެ މި ވޯލްޑް ކަޕް ޓީވީންވެސް ބަލަނީ ހިތްހަމަ ޖެހުމާއެކު،" ފީފާ ވޯލްޑް ކަޕްގެ ސީއޯއޯ ކޮލިން ސްމިތު ބުނެފައިވެއެވެ.
ގަތަރު ވޯލްޑް ކަޕްގެ އެންމެ ބޮޑު ފޭން ފެސްޓިވަލަށްވެސް މިލިއަނަކަށްވުރެ ގިނަ ސަޕޯޓަރުން ޒިޔާރަތް ކޮށްފައިވާ އިރު، ހުޅަނގުން އެރުވި އަޑުތަކާއެކުވެސް މިފަހަރުގެ ވޯލްޑް ކަޕް ވެގެންދަނީ ތަފާތު ވޯލްޑް ކަޕަކަށެވެ. ގަތަރުގެ އިންތިޒާމްތައް އަދި ފެންނަނީ ވަރަށްވެސް ފުރިހަމަ ކޮށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022