އާޖެންޓީނާ ކައިރިން ބަލިވެ، އޮސްޓްރޭލިއާ ގަދަ 16 އިން ކަޓައިގެން ދާން ޖެހުމުގައި އެންމެ ބޮޑަށް މާޔޫސްވި ކަމަކީ ލިބުނު ހުސް ފުރުސަތުތައް ގެއްލުވައިލުން ކަމަށް ކޯޗު ގްރަހަމް އާނޯލްޑް ބުނެފިއެވެ.

އޮސްޓްރޭލިއާއިން އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 އަށް ނުކުތީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވި ނަމަވެސް، ޓިއުނީޝިއާ އާއި އިރާންގެ މައްޗަށް އޮސްޓްރޭލިއާ ކުރި ހޯދިއެވެ. ރޭގެ މެޗުގައި 2-1 އިން އޮސްޓްރޭލިއާ ބަލިވި އިރު، މެޗުގެ ފަހު ކޮޅުގައި އޮސްޓްރޭލިއާއަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަވި ހަމަލާތަކަކީ ބެހިޗްގެ ހަމަލާގެ އިތުރުން އެންމެ ފަހު މިނެޓް ގަރަންގް ކުއޯލް ފޮނުވާލި ހަމަލާއެވެ. އާޖެންޓީނާގެ ހަތަރު ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާއަށް ވަދެ، ބެހިޗް ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ޑިފެންޑަރު ލިސެންޑްރޯ މާޓިނޭޒް ވަނީ ފަހު ވަގުތު ބްލޮކް ކޮށްފައެވެ. ފަހު މިނެޓް ގްރަންގް ޖެހި ބޯޅަ މަތަކުރީ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒެވެ.

"ބެހިޗް އެ ގޯލް ޖެހިނަމަ ހީވާނީ މެސީ ރީނދޫ ޖާޒީގައި ފެނިގެންދާނެހެން. އެއީ އެހާވެސް ހިތްގައިމު ކުޅުމެއް. ގަރަންގަށް ލިބުނު ފުރުސަތުވެސް އެއީ ހުސް ފުރުސަތެއް. އެކަމަކު އެއީ އަދި އެންމެ ޒުވާން އެއް ކުޅުންތެރިޔާ. އޭނާ އެކަމުން ފިލާވަޅުތައް ހޯދައި، ދަސްކުރާނެ،" އާނޯލްޑް ރޭގެ މެޗަށް ފަހު ބުންޏެވެ.

ރޭގެ މެޗުގައި އާޖެންޓީނާއިން ޖެހި ދެވަނަ ގޯލްގައި އޮސްޓްރޭލިއާގެ ގޯލްކީޕަރު، އަދި ކެޕްޓަން މެޓް ރަޔަންގެ ބޮޑު ގޯހެއް ފެނިގެން ގޮސްފައިވެއެވެ. އެކަމަށް އާނޯލްޑް ބުނީ، ހުރިހާ އެންމެންނަކީވެސް ގޯސް ހެދޭނެ މީހުން ކަމަށާއި، ރަޔަންއަކީ ފުރިހަމަ ކެޕްޓަނެއް ކަމަށެވެ.

މުސްތަގުބަލާމެދު ސުވާލުކުރުމުން އޭނާ ބުނީ އެކަމަށް ވިސްނާނީ ކުޑަ ދުވަސްކޮޅަކަށް ބްރޭކެއް ނެގުމަށްފަހުގައި ކަމަށެވެ.