ގަތަރު ވޯލްޑް ކަޕް 2022ގެ ގަދަ 16ގެ ހަތަރުވަނަ މެޗުގައި މިރޭ އިންގްލެންޑާއި ސެނެގާލް ކުރިމަތިލާނެއެވެ. އަބަދުވެސް މީޑިއާގެ ފޯކަސް އެންމެ ބޮޑަށް އަމާޒުވެފައިވާ އިންގްލެންޑަކީ "ފެވަރިޓް"އެއްގެ ގޮތުގައި މިފަހަރުވެސް ލޭބަލް ކޮށްފައިވާ ޓީމެއް ކަމަށް އެ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ ބުނެފައެވެ. އަނެއްކޮޅުން ނުކުންނަނީ އެފްރިކާގެ ޗެމްޕިއަން ސެނެގާލެވެ.
މެޗަށް ސެނެގާލް ނުކުންނަނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމުން ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން ބަލިވި ނަމަވެސް އޭގެ ފަހުން ގަތަރާއި އެކުއެޑޯ ބަލިކުރިއެވެ. އިންގްލެންޑް ގަދަ 16 އަށް ދިޔައީ ވޭލްސްއާއި އީރާން ބޮޑު ތަފާތަކުން ބަލިކޮށްފައެވެ. އެ ޓީމަށް ގްރޫޕް ބީގައި ޕޮއިންޓް ގެއްލުނީ އެމެރިކާއާ އެއްވަރުވެގެންނެވެ.
މެޗުގެ ކުރިން ބޭއްވި ޕްރެސްއަށް ސެނެގާލްގެ ކޯޗު އަލިއޯ ސީސޭ ހާޒިރެއް ނުވެއެވެ. އޭނާ ޕްރެސްއަށް ނުދިޔައީ ކޮންމެވެސް ވަރަކަށް ބަލިވެ އުޅޭތީ ކަމަށް އެސިސްޓެންޓް ކޯޗު ރެގިސް ބޯގާޓް ބުނެފައިވެއެވެ. ނަމަވެސް ކޮންމެހެނެއް ހަދާފައިވެސް ސީސޭ މެޗަށް ނުކުންނާނެއެވެ.
ޕްރެސްގައި އިންގްލެންޑް ކޯޗު ސައުތުގޭޓް ބުނީ އިންގްލެންޑަކީ "ފެވަރިޓް" އެއް ނަމަވެސް ސެނެގާލަށް އޮންނާނެ ޕްރެޝަރު ކުޑަ ނުވާނެ ކަމަށާއި ސެނެގާލަކީ އެފްރިކާގެ ޗެމްޕިއަން ޓީމު ކަމަށެވެ.
"އަބަދުވެސް އިންގްލެންޑަކީ ފެވަރިޓަކަށް ވާނެ. އެކަމަކު އެއީ މެޗުގައި ތަފާތު ފެންނާނެ ކަމެއް ނޫން. އެހެން އޮތަސް ސެނެގާލަށް އޮތް ޕްރެޝަރުވެސް ކުޑައެއް ނުވާނެ. އެއީ ކޮންމެ ޓީމަކަށް ގައުމަށްޓަކައި ކުޅެން ޖެހުމުގެ ޕްރެޝަރު އޮންނާނެ،" ސައުތުގޭޓް ބުންޏެވެ.
"އަހަރެމެންވެސް ޝައުގުވެރިވޭ ސެނެގާލްގެ ކުޅުމަށް. ސެނެގާލަކީ އެފްރިކާގެ ޗެމްޕިއަނުން. އެ ޓީމުން އެކަން ތަމްސީލުކުރަނީ ފަހުރުވެރިކަމާއެކު. އެ ޓީމުން ހާއްސަ ރޫހެއް ފެނޭ. އަދި ވަކިން ބޮޑަށް ވަކިވަކި ކުޅުންތެރިންގެ ހުނަރަށްވެސް އިހުތިރާމު ކުރަންޖެހޭ. ސީސާއާއެކު ސެނެގާލް ކުރަމުން ދަނީ ބަލައިގަންނަންޖެހޭ ބުރަ މަސައްކަތެއް. އަހަރެމެން ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަން އެނގޭ ސެނެގާލް ޓީމުގެ ފެންވަރުން،" ސައުތުގޭޓް އިތުރަށް ބުނެފައިވެއެވެ.
އެންމެފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑުން ކުޅެފައިވާ އިރު، އެ ފަހަރު ސެމީގައި އިންގްލެންޑް ކެޓީ އިތުރު ވަގުތުގައި ކްރޮއޭޝިއާ ކައިރިންނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ފައިނަލުގައިވެސް އިންގްލެންޑް ކުޅެފައިވާ އިރު، ކޯޗު ސައުތުގޭޓް ބުނީ އެ މުބާރާތްތަކުގެ ތަޖުރިބާ ޓީމަށް ލިބިފައިވާ ކަމަށާއި މެޗުތަކަށް ވަކިވަކިން ފޯކަސްކުރުމުގެ ވިސްނުމަށް މިހާރު ޓީމު ވަރަށް ބޮޑަށް ހޭނިއްޖެ ކަމަށެވެ.
ގްރޫޕް ސްޓޭޖުން ސަލާމަތްވި ކުރީ ވޯލްޑް ކަޕްގައި ކުރި ގޮތަށް މި ވޯލްޑް ކަޕްގައި އުފާފާޅު ނުކުރުމުން ދައްކުވައިދެނީ އިންގްލެންޑް ކުރިއަށް ދާން އޮތް މަގަށް ވިސްނާވަރު ކަމަށްވެސް ސައުތުގޭޓް ފާހަގަކުރިއެވެ.
އިންގްލެންޑާއި ސެނެގާލް މިރޭ ކުޅޭ ގަދަ 16ގެ މެޗު އޮންނާނީ މެންދަމު 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022