ގަތަރު ވޯލްޑް ކަޕް 2022 ގެ ގަދަ 16 އިން ކެޓި އެމެރިކާ ޓީމުގައި މަދުވީ ނެދަލޭންޑްސް ޓީމުގައި ހުރި ފެންވަރުގެ "މެމްފިސް ޑިޕާއީ"އެއް ކަމަށް ކޯޗު ގްރެގް ބާހޯލްޓާ ބުނެފިއެވެ.

އެމެރިކާއިން ވޯލްޑް ކަޕްގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުގައި ނެދަލޭންޑްސް އަތުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ބޮޑު ބައެއްގައި އެމެރިކާއިން ބޯޅަ ކޮންޓްރޯލްކޮށް، ހަމަލާތައް އުފެއްދި ނަމަވެސް ނެދަލޭންޑްސްއިން ވަނީ ކައުންޓާގައި ކުރިއަށް އެރި ގިނަ ފަހަރުތަކުގައި ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ހާއްސަކޮށް ނެދަލޭންޑްސްއިން ވަނީ ގޯލް ޖެހުމުގައި ތަފާތު ދައްކާފައެވެ. ނެދަލޭންޑްސްގެ ގޯލްތައް ޖަހައިދިނީ މެމްފިސް ޑިޕާއީއާއި ޑެންޒިލް ޑަމްފްރީސް އަދި ޑެލީ ބްލިންޑެވެ.

"އަހަރެމެން ޓީމުގައި ޑިޕާއީއެއް ނެތް. އެއީ ދެއްކި ތަފާތެއް. މި ފެންވަރުގެ މުބާރާތްތަކުގައި ހޯދާ ފުރުސަތުތައް ގޯލަށް ވައްދާލަން ޖެހޭނެ. އެއީ ކޮލިޓީ ޓީމްތަކުންވެސް ފެންނާނެ މަންޒަރަކީ،" ބާހޯލްޓް ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕް ގަދަ 16 އިން ކަޓައިގެން ދާން ޖެހުނު ނަމަވެސް ބާހޯލްޓްގެ މާ ބޮޑު ޝަކުވާއެއް އެކަމުގައި ނެތެވެ. އަމިއްލަ ގައުމުގައި 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް އެގައުމަށް އޮތީ ރަނގަޅު ބިންގަލެއް އެޅިފައި ކަމަށް އޭނާ ގަބޫލުކުރެއެވެ.

"ޓީމުން ދެއްކި ކުޅުމަށް އަހަރެން ފަހުރުވެރިވޭ. ބަލިވީމަ އެކަމުގެ މާޔޫސްކަން ހުންނާނެ. އެކަމަކު މި މުބާރާތާއެކު ދެން އޮތީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް. އަމިއްލަ ގައުމުގެ ވޯލްޑް ކަޕަށް ގޯސްތައް ރަނގަޅު ކުރަން ހަތަރު އަހަރު އެބައޮތް. ދެން ކުރާނީ އެ މަސައްކަތް،" ބާހޯލްޓް ބުންޏެވެ.

އެމެރިކާއަކީ މިފަހަރު ވޯލްޑް ކަޕްގައި ވާދަކުރި ދެވަނައަށް އެންމެ ޒުވާން ސްކޮޑެވެ. އެޓީމުގައި ޔޫރަޕްގެ އެންމެ މަތީ ފަންތީގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް ތިބި އިރު، 2026 އަށް ބޮޑު އުންމީދެއް އެބައޮތެވެ.