ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީއަކީ ދުނިޔޭގައި ހުރި އެންމެ ތޫނުފިލި، އަދި އެންމެ ކުޅަދާނަ އެއް ފޯވަޑް ނަމަވެސް، އޭނާއަށް އެކަނި ފޯކަސް ކޮށްގެން މެޗު ނުނެގޭނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.

ގަތަރު ވޯލްޑް ކަޕް 2022ގެ ގަދަ 16 ގައި މިރޭ އެންމެފަހުގެ ޗެމްޕިއަން ފްރާންސް ނުކުންނާނީ ގްރޫޕް ސީގެ ރަނަރަޕް ޕޮލެންޑާ ދެކޮޅަށެވެ. ފްރާންސުން ގަދަ 16 އަށް ކުރި ދަތުރުގައި ފުރަތަމަ ދެމެޗުން މޮޅުވި ނަމަވެސް، އެންމެފަހުން ކުޅުނު މެޗުގައި ޓިއުނީޝިއާ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ފްރާންސްގެ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކަކާއެކު ޑިޝޭމްޕްސް ނުކުތް އިރު، މިރެއަކީ އެފަދަ "ރިސްކް"އެއް ނެގެން ނެތް ރެއެކެވެ. އޭނާގެ ޓީމަށް އޮތީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފޯވަޑް ހިފަހައްޓަން ޖެހިފައެވެ.

"ޔަގީނުންވެސް އެއީ މިވަގުތުވެސް ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި ފޯވަޑް. އޭނާ މެޗުގައި ބައިވެރި ނުކުރުވައި ކުޅެވޭނެ ގޮތެއް ހޯދަން ޖެހޭ ފެންވަރުގެ ކުޅުންތެރިއެއްގެ ވާހަކަ މި ދައްކަނީ. އޭނާއަށް ލިބޭ ބޯޅަތައްވެސް މަދުކުރަން ޖެހޭނެ. ލެވަންޑޯސްކީއަކީ ވަރަށް ތޫނުފިލި ކުޅުންތެރިއެއް. ހަށިގަނޑުގެ ބޭނުންކޮށް، ލިބޭ އެންމެ ފުރުސަތެއްގައިވެސް ލެވަންޑޯސްކީ ގޯލް ޖަހާނެ،" ޑިޝޭމްޕްސް ބުންޏެވެ.

ކެރިއަރުގައި 600 އަށްވުރެ ގިނަ ގޯލް ޖަހައިފައިވާ ލެވަންޑޯސްކީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ގޯލް ޖެހީ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއާ ކޮޅަށެވެ. އެ ގޯލާއެކު ކުރެވުނު އުފާވެރިކަމުގެ އިހުސާސާއެކު ލެވަންޑޯސްކީ ފެނުނީ ރޮވިފައި ހުރި މަންޒަރެވެ. ލެވަންޑޯސްކީގެ ނުރައްކާ ބޮޑުކަމަށް ފާހަގަކުރަމުން ފްރާންސްގެ ކޯޗު ޑިޝޭމްޕްސް ބުނީ އެ ނުރައްކަލަށް އެކަނި ފޯކަސް ކޮށްގެންވެސް ސަލާމަތް ނުވާނެ ކަމަށެވެ.

"ހަމައެކަނި ލެވަންޑޯސްކީއަށް ފޯކަސް ކޮށްގެންވެސް ކަމަކު ނުދާނެ. އެހެން ހުރިހާ ކުޅުންތެރިންނަށްވެސް ދޭން ޖެހޭ ސަމާލުކަން ދޭން ޖެހޭނެ،" ޑިޝޭމްޕްސް ބުންޏެވެ.

އިދިކޮޅު ޓީމުގެ ނުރައްކަލަށް ވާހަކަ ދައްކަމުން ޑިޝޭމްޕްސް ބުނީ، ޕޮލެންޑަށްވެސް ފްރާންސްގެ ސްކޮޑު ފަސޭހަ ނުވާކަން ޔަގީންވާ ކަމަށެވެ. އެއީ ފްރާންސްގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނި، އެ ކުޅުންތެރިން މިހާތަނަށް ތަފާތު ދައްކަމުން ދާތީ ކަމަށްވެސް ޑިޝޭމްޕްސް ބުންޏެވެ.

ފްރާންސުން ތަށި ދިފާއުކުރުމުގެ މަސައްކަތުގައި މިރޭ ނުކުންނަނީ އެޓީމުގެ ތާރީހުގައި ވޯލްޑް ކަޕް ދެވަނަ ބުރުގެ 10 ވަނަ މެޗަށެވެ. ތާރީހު ފްރާންސް އަތުގައި އެބައޮތެވެ. ފްރާންސަކީ ދެފަހަރުގެ ޗެމްޕިއަނުންވެސް މެއެވެ.

ޕޮލެންޑާއި ފްރާންސް ވާދަކުރާ މެޗު އޮންނާނީ މިރޭ 8:00 ގައެވެ.