ބްރެޒިލްގެ ލެޖެންޑް، ޕެލޭގެ ސިއްހީ ހާލަތު ގޯސްވެ، އުންމީދު ކަނޑާލާފައިވާ ކަމަށް ބްރެޒިލްގެ ނޫސްތަކުން ބުނެފިއެވެ.
މިދިޔަ އަހަރުން ފެށިގެން ގޮހޮރުގެ ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ޕެލޭ، މިދިޔަ އަންގާރަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވެއެވެ. އާއިލާއިން ބުނީ އެއީ އެމަޖެންސީ ހާލަތެއްގައި ނޫން ކަމަށާއި އެއީ އާންމުކޮށްވެސް މިހާރު ދޭންޖެހޭ ފަރުވާތަކެއް ދިނުމަށް ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކެންސަރަށް ފަރުވާ ދޭން ޕެލޭއަށް ކީމޯތެރަޕީ ދެމުންދާ އިރު، ބްރެޒިލްގެ ނޫސް، ފޮޅާއިން ރިޕޯޓް ކޮށްފައި ވަނީ ކީމޯއިން ޕެލޭގެ ހާލަތު ރަނގަޅު ނުވާ ކަމަށާއި ޑޮކްޓަރުން މިހާރު ވަނީ އުންމީދު ކަނޑާލާފައި ކަމަށެވެ. އެހެންކަމުން ޕެލޭ އިތުރު ފަރުވާއަކަށް މިހާރު މަސައްކަތް ނުކުރާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.
ޕެލޭގެ ސިއްހީ ހާލަތު މިހާރަކަށް އައިސް ފެންނަނީ ދަށްކޮށެވެ. 2015 ވަނަ އަހަރުވެސް ޕެލޭ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ އިރު، އެއަށްފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރުމަތިން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްގެންވެސް ފަރުވާ ދިނެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕެލޭއަށް ވަރަށް ބޮޑަށް ހިނގާ އުޅެން ދަތިވުމުގެ މައްސަލަތައް ދިމާވެފައިވާ އިރު، އޭނާގެ ދަރިފުޅު އެ ފަހަރު ބުނެފައި ވަނީ އަމިއްލައަށް ހިނގާބިނގާވެ އުޅެން ޕެލޭއަށް ދަތިވާތީ ގެއިން ބޭރަށް ނުކުންނަން ލަދުގަންނަ ކަމަށެވެ. މީގެ ކުރިން 2019 ވަނަ އަހަރު ޔޫރިން އިންފެކްޝަނެއްގެ ސަބަބުންވެސް ޕެލޭއަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދީފައެވެ.
ބްރެޒިލަށް އެންމެ ގިނަ ގޯލު ޖަހައިދިން ރެކޯޑް އޮތް ޕެލޭއަކީ ފުޓްބޯޅައިގައިވެސް ބޮޑު ރެކޯޑުތަކެއް މުގުރާލާފައިވާ ތަރިއެކެވެ. ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަަހައިފައެވެ. އޭނާއަކީ ތިން ވޯލްޑް ކަޕެއް އުފުލާލި ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް