ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ގާނޫނުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރޭތޯ ސަރުކާރުން ޔަގީންކުރަންޖެހޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ބައިނަލްއަގުވާމީ ދުވަހުުގެ މުނާސަބަތުގައި ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެފަދަ މީހުންނަށް ހަމަހަމަ ފުރުސަތާއި ރައްކާތެރިކަމާއި ހިދުމަތް ފޯރުކޮށްދިނުމަށް ދައްކަންޖެހޭ ހުއްޖަތެއް އޮވެގެން ނުވާނެ ކަމަށެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ސާވޭއަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ކޮންމެ 10 މީހަކުން އެކަކީ ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހެކެވެ. އެއީ ރާއްޖޭގެ މުޅި އާބާދީގެ ނުވަ ޕަސެންޓެވެ. އަދަދުން ބަލާނަމަ އެއީ 36000 އަށްވުރެ ގިނަ މީހުންނެވެ.

އެންމެ ގިނައީ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. މީގެ އިތުރުން އަޑުއިވުމާއި ފެނުމުގެ ނުކުޅެދުންތެރިކަމާއި އަމިއްލައަށް ކަންކަން ކުރުމުގައި އެހީތެރިކަން ބޭނުންވާ މީހުން ހިމެނެއެވެ.