ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ތިން މަސްބޯޓެއް ހިފަހައްޓައިފިއެވެ.

އެމްއެންޑިއެފުން މިއަދު ބުނީ ސްރީ ލަންކާގެ އެ ތިން ބޯޓު މިހާރު އޮތީ ކޯސްޓްގާޑް ޝިޕް ގާޒީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއެވެ.

އެގޮތުން އެ ބޯޓުތައް އަތުލައިގަތީ ރާއްޖޭގެ ކަނޑުގެ ކޮން ސަރަހައްދަކުން ކަމެއް އަދި އޭގައި ތިބީ ކިތައް މީހުން ކަމެއް، އެ ބޯޓުތައް ގެންދަނީ ކޮންތަނަކަށް ކަމެއްވެސް ނުބުނެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޭތެރެ ދޭތެރެއިން ބޭރުގެ މަސް ބޯޓުތައް ފެނެއެވެ. އެގޮތަށް ހުއްދަ ނުހޯދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މަސް ބޯޓުތައް ޖޫރިމަނާކުރެވޭ ގަވާއިދަށް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އަމަލުކުރަން ފަށައިފައެވެ.