މިވަގުތު ބޮޑަށް ސަމާލުކަން ދޭންވީ މިރޭގެ މެޗަށް ކަމަށާއި، "ފެވަރިޓް"އިންގެ ޓެގް އިހަށް ބާއްވައި، މެޗަށް ފޯކަސް ކުރަން ޖެހޭ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
ގަތަރު ވޯލްޑް ކަޕް 2022ގެ ގަދަ 16 ގައި އާޖެންޓީނާއިން މިރޭ ނުކުންނާނީ އޭޭޝިއާގެ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އެމެޗަށް ނުކުންނަ އިރު، އާޖެންޓީނާ ގަދަ 16 އަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، ގްރޫޕް އެއްވަނަ ޓީމުގެ ގޮތުގައެވެ. އާޖެންޓީނާއިން ސައުދީ އަރަބިއާ އަތުން ބަލިވެ، އުނދަގޫ ފެށުމަކުން މުބާރާތް ފެށި ނަމަވެސް ފަހުން ވަނީ މެކްސިކޯއާއި ޕޮލެންޑް ބަލިކޮށް ހަމަޖެހިލައިފައެވެ.
އަނެއްކޮޅުން ނުކުންނަ އޮސްޓްރޭލިއާވެސް ގަދަ 16 އަށް ނުކުންނަނީ ތިން މެޗުން ދެމޮޅު ހޯދައިގެންނެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ބަލިވީ ހަމައެކަނި އެންމެފަހުގެ ޗެމްޕިއަން ފްރާންސް އަތުންނެވެ. އެފަހުން ޑެންމާކާއި ޓިއުނީޝިއާގެ މައްޗަށްވެސް އޮސްޓްރޭލިއާ ކުރި ހޯދާފައިވެއެވެ.
"އޮސްޓްރޭލިއާ ގަދަ 16 އަށް ދަތުރުކުރުމަކުން އަހަރެން ހައިރާނެއް ނުވޭ. އޮސްޓްރޭލިއަކީ ވޯލްޑް ކަޕް ކަހަލަ މުބާރާތްތަކުގެ ސަގާފަތެއް އޮންނަ، ވަރުގަދަ ޓީމެއް. އެޓީމު އުނދަގޫވާނެ. އޯވާ ކޮންފިޑެންޓް ނުވެ، އަހަރެމެންގެ އެންމެ ރަނގަޅު ފުޓުބޯޅަ ކުޅެގެން ނޫނީ އެ ޓީމު ބައްޔެއް ނުކުރެވޭނެ،" ސްކަލޯނީ ބުންޏެވެ.
އާޖެންޓީނާއަކީ މުބާރާތުގެ އެއް ފެވަރިޓުންގެ ގޮތުގައި ގުނާ ޓީމަކަށް ވެފައި އޮތް އިރު، ސްކަލޯނީ ބުނީ އެކަމުގެ ޕްރެޝަރުގައި ޖެހެން މިވަގުތު ބޭނުން ނުވާ ކަމަށެވެ.
"އިދިކޮޅަށް ކުޅޭ ޓީމަކީ ބަލި ޓީމެކޭ ބުނަން ބޭނުމެއް ނޫން. ނޫނީ ކުޑަ ޓީމެކޭ ބުނަންވެސް ބޭނުމެއް ނުވޭ. އެއީ ވަރުގަދަ ޓީމެއް. މިއީ ފުޓުބޯޅަ. މިއީ 11 ކުޅުންތެރިންނާ 11 ކުޅުންތެރިން ކުޅޭ މެޗެއް. އެއީ ރިޔަލިޓީއަކީ. ފެވަރިޓުންގެ ލަގަބު އެއްކިބާކޮށް، ރަނގަޅު މެޗެއް ކުޅެން ޖެހޭ،" ސްކަލޯނީ ބުންޏެވެ.
އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ސްކަލޯނީ ފާހަގަކުރި އިތުރު ކަމަކީ، އާޖެންޓީނާއަށް މާ ގާތްގަތުގައި އިތުރު މެޗެއް ކުޅެން ޖެހުމުން ދިމާވި އުނދަގޫތަކުގެ ވާހަކައެވެ. އޭނާ ބުނީ 48 ގަޑިއިރު ތެރޭ އިތުރު މެޗެއް ކުޅެން ޖެހުމަކީ އޮސްޓްރޭލިއާއަށް އެކަމުގައި ފައިދާ އޮތް ކަމެއް ކަމަށެވެ.
"އޮސްޓްރޭލިއާ ކުޅުނީ އެ ދުވަހު ހައެއް ޖެހި އިރު (ގަތަރު ގަޑިން). އަހަރެމެން މި ކުޅުނީ އެރޭ 10 ޖެހި އިރު (ގަތަރު ގަޑިން). އަހަރެމެންނަށް ނިދަން މި ދެވުނީ އެރޭ ހަތަރެއް ޖެހި އިރު، (ގަތަރު ގަޑިން). އެހެންވީމަ އޭގެ އަސަރު ޓީމަށް ކުރި،" ސްކަލޯނީ ބުންޏެވެ.
ސްކަލޯނީ ބުނީ މެޗަށްފަހު ދެން ޖެހިގެން އައި ދުވަސް އެއްކޮށް ޓީމުން ބޭނުން ކުރީ ރިކަވަރީއަށް ކަމަށާއި، އެ ދުވަހު އާއިލާތަކަށްވެސް ޓީމުން ބައްދަލު ކުރި ކަމަށެވެ. އެހެންކަމުން މެޗަށް ލިބުނީ މަދު ވަގުތު ކޮޅެއްކަމަށްވުމުން ބައެއް އަނިޔާތަކުގެ ފުރިހަމަ ތަފްސީލުވެސް އަދި ނޭނގި އޮތް ކަމަށެވެ.
އާޖެންޓީނާއާއި އޮސްޓްރޭލިއާ ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022