ނެދަލޭންޑްސްގެ ގިނަ ކުޅުންތެރިންތަކަކަށް މިދިޔަ ހަފުތާގައި ރޯގާގެ އަސަރުކޮށް ބަލިވެ އުޅެން ޖެހުނު ނަމަވެސް، މެޗަށް ހުރިހާ ކުޅުންތެރިންވެސް ފިޓްކޮށް ތިބޭނެ ކަމަށް ކޯޗު ލުއިސް ވެން ހާލް ބުނެފިއެވެ.
މިއީ ފިނި މޫސުމުގެ ދުވަސްތައް ނަމަވެސް ގަތަރުގެ ހޫނުމިން އަދިވެސް އެހާ ބޮޑަށް ދަށްވެގެން ނުދެއެވެ. އެކަށޭނެ ހޫނުމިނެއްގައި މެޗުތައް ކުޅުމަށް ގަތަރުން ސްޓޭޑިއަމްތައްވެސް އޭސީކޮށް، ފިނި ކޮށްފައިވާ އިރު، ކުއްލި ކުއްލިއަށް ހޫނުމިން ބަދަލުވާން ޖެހުމުން ބައެއް ޓީމުތަކުގެ ކުޅުންތެރިންނަށް ރޯގާގެ އަސަރު ކުރި ކަމަށް ކުރިންވެސް ވަނީ ވާހަކަތައް ދެކެވިފައެވެ.
ކޯޗު ވެން ހާލް ބުނީ ނެދަލޭންޑްސްގެ ގިނަ ކުޅުންތެރިންތަކަކަށްވެސް ރޯގާގެ އަސަރު ކުރި ކަމަށާއި، މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. ގިނަ ކުޅުންތެރިންތަކަކަށް ރޯގާ ޖެހުނު ކަމަށް ވެން ހާލް ބުނި ނަމަވެސް، އެއީ ކިތައް ކުޅުންތެރިންނަކަށް ކަމެއް ވެން ހާލް ބުނެފައެއް ނުވެއެވެ. އޭނާ ބުނީ ސްކޮޑުގެ 26 ކުޅުންތެރިން ފިޓްކޮށް، އެމެރިކާ މެޗަށް ބޭނުންކުރެވޭނެ ކަމަށެވެ.
ގަދަ 16 ގެ މެޗުތައް މިރޭ އެމެރިކާއާއި ނެދަލޭންޑްސްގެ ކުރިމަތިލުމުން ފަށާ އިރު، ޕްރި މެޗް ޕްރެސްގައި ވެން ހާލް ވަނީ އެމެރިކާގެ ސްކޮޑަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. ހާއްސަކޮށް އެޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޔޫރަޕްގައި ކުޅެމުންދާކަމީ، މެޗު ފަސޭހެ ނުވާނެ ސަބަބެއް ކަމަށް ވެން ހާލް ބުންޏެވެ.
"ފިޒިކަލީ ވަރަށް ވަރުގަދަ، ވަރަށް ހަލުވި ކުޅުންތެރިންތަކެއް އެމެރިކާގަ ތިބީ. އެ ޓީމުގެ ފެންވަރު މީގެ ކުރިންވެސް ސާބިތު ކޮށްދީފި. އެމެރިކާއިން ކުރިއަރައިގެން އައިސްފަވަނީ ވަރަށް ރަނގަޅަށް. އެމެރިކާގެ ސްޓައިލްގައި. ޔޫރަޕްގެ އެންމެ މަތީ ފަންތީގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް އެޓީމުގައި އެބަތިބި. އަހަރެން އެމެރިކާ ގަދަ 16 ގައި އޮތުމަކުން ހައިރާނެއްވެސް ނުވޭ. ފުރަތަމަ މެޗުން ފެށިގެންވެސް އެ ފެންވަރު އެމެރިކާ ޓީމުން ފެނުނު،" ވެން ހާލް ބުންޏެވެ.
އެމެރިކާގެ ޓީމަކީ މިފަހަރު ވޯލްޑް ކަޕަށް ދިޔަ ދެވަނައަށް އެންމެ ޒުވާން ޓީމެވެ. އެ ޓީމުގައި ހިމެނޭ 17 ކުޅުންތެރިންނަކީ މިވަގުތުވެސް ޔޫރަޕްގެ އެކިއެކި ކްލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ. އިރާނާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައިވެސް އެމެރިކާއިން ނެރުނު ފުރަތަމަ 11 އަކީ މުޅިން ޔޫރަޕްގައި ކުޅޭ ކުޅުންތެރިންގެ ފުރަތަމަ 11 އެކެވެ.
"އަހަންނަށް އެމެރިކާގެ ކިބައިން ފެންނަނީ ވަކި މަންޒިލަކަށް ވާސިލުވާން މަސައްކަތް ކުރާ ޓީމެއް. އެއީ ވަރަށް މުހިއްމު ކަމެއް. އަދި ކުޅުންތެރިން ބަރާބަރަށް ގޭމް ޕްލޭންގައި ކުޅެމުންދާތަންވެސް ފެނޭ. އެއީވެސް ކޮންމެހެން މުހިއްމު ކަމެއް. އެކަމުން ކޯޗުގެ ފެންވަރުވެސް ސާބިތު ކޮށްދޭ،" ވެން ހާލް ބުންޏެވެ.
ނެދަލޭންޑްސްއާއި އެމެރިކާ ވާދަކުރާ ގަދަ 16 ގެ މެޗު މިރޭ އޮންނާނީ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022