ގަތަރު ވޯލްޑް ކަޕް 2022ގެ ގްރޫޕް ޖީގައި ރޭ ކުޅުނު މެޗުގައި ކެމަރޫނުން ވަނީ ބްރެޒިލް ބަލިކޮށްފައެވެ. އެ ކާމިޔާބީއާއެކުވެސް ކެމަރޫނަށް ގްރޫޕް ސްޓޭޖުން މުބާރާތް ނިންމާލަން ޖެހުނު ނަމަވެސް، އެ ޓީމު ވެފައިވަނީ ވޯލްޑް ކަޕެއްގައި ބްރެޒިލް ބަލިކުރި ފުރަތަމަ އެފްރިކާ ގައުމަށެވެ.
ރޭގެ މެޗުގައި ކެމަރޫނުން ބްރެޒިލްް ބަލިކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ގޯލު ޖަހައިގެންނެވެ. ކެމަރޫނަށް އެ ގޯލު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ކެޕްޓަން ވިންސެންޓް އަބޫބަކާއެވެ. އެ ގޯލަކީ މި ފަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލް ކޮޅަށް ވަދެފައިވާ ފުރަތަަމަ ގޯލެވެ.
އެ ގޯލާއެކު އުފާފާޅުކުރުމަށް އަބޫބަކާ ވަނީ ޖާޒީ ބާލައި ދެވަނަ ރީނދޫ ކާޑެއް ހޯދައި، ރަތް ކާޑަކާއެކު މުބާރާތް ނިންމާލައިފައެވެ. އޭނާ ދަނޑުން ފައިބައިގެން ދިޔައީ ހިނިތުންވުމާއެކުގައެވެ.
ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކެމަރޫންގެ ކޯޗު ރިގޮބާޓް ސޯންގް ބުނީ ކާމިޔާބީއަކީ އެހާ ތާރީހީ ކާމިޔާބީއެއްކަން އޭނާއަށް ކުރިން އެނގިފައި ނެތް ކަމަށެވެ.
"އަހަންނަށް ނުވެސް އެނގޭ މިއީ އެހާ ތާރީހީ ކާމިޔާބީއެއް ކަމެއް. އަހަންނަށް އެނގޭ ކެމަރޫނަކީ އެންމެ ގިނައިން ވޯލްޑް ކަޕްގައި ކުޅުނު ޓީމުކަން. އަދި މިހާރު އެނގިއްޖެ މިއީ ބްރެޒިލް ވޯލްޑް ކަޕެއްގައި ބަލިކުރި ފުރަތަމަ ޓީމުކަންވެސް،" ސޯންގް ބުންޏެވެ.
ރޭގެ މޮޅަކީ ކެމަރޫނުން ބްރެޒިލް ކައިރީ ހޯދި ދެވަނަ މޮޅުވެސް މެއެވެ. މީގެ ކުރިން 2003 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ކެމަރޫނުން ބްރެޒިލް ބަލިކުރި އިރު، އެ މެޗުގައި މިހާރުގެ ކޯޗު ރިގޮބާޓް ސޯންގް ވަނީ ކުޅެފައެވެ. އެހެންކަމުން ރޭގެ މޮޅު ސޯންގަށްވެސް ވަކިން ހާއްސައެވެ.
ރޭގެ މެޗަށްފަހު ސޯންގް އިތުރަށް ބުނީ ކެމަރޫނުން ގަދަ 16 އަށް ދާން ކުރި އުންމީދު ހާސިލު ނުވި ނަމަވެސް ވަކިވެކެން ދަނީ ފަހުރުވެރިކަމާ އެކުގައި ކަމަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022