ގްރޫޕް ސްޓޭޖުން ކަޓައިގެން ދާންޖެހުނީ ޕޯޗުގަލްއާއި އުރުގުއާއީ ވާދަކުރި މެޗުގެ ފަހުކޮޅުގައި ޕޯޗުގަލްއަށް ދިން ނާއިންސާފު ޕެނަލްޓީއެއްގެ ސަބަބުން ކަމަށް އުރުގުއާއީގެ ކޯޗު ޑިއޭގޯ އެލޯންސޯ ބުނެފިއެވެ.

އުރުގުއާއީން ގަދަ 16 އިން ކަޓައިގެން ދިޔައީ ރޭ އެ ޓީމުން ކުޅުނު މެޗުގައި 2-0 އިން ގާނާ ބަލިކޮށްފައި އޮވެގެންނެވެ. އުރުގުއާއީން މި ފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ ކައިރިން އެއްވަރުވި އިރު، ދެން ކުޅުނު މެޗުގައި ޕޯޗުގަލް އަތުން ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.

ރޭގެ އަލްވަދާއަށްފަހު ކޯޗު އެލޯންސޯ ބުނީ ބަލިވީ ފައިދާ ގޯލެއް މަދުވެގެން ކަމަށާއި އެ ފައިދާ ގޯލު ގެއްލުނީ ޕޯޗުގަލް މެޗުގައި ރެފްރީ ދިން ޕެނަލްޓީއަކުން ކަމަށެވެ.

"ޕޯޗުގަލަށް ދިން ޕެނަލްޓީގެ ސަބަބުން އަހަރެމެންނަށް ފައިދާ ގޯލު އަތު ނުލެވުނީ. ދެކުނު ކޮރެއާ ކައިރިން ޕޮއިންޓުގެ ސަބަބަކުންވެސް ނޫން. ކެޓީ ޕޯޗުގަލް ކައިރީ ކުޅުނު މެޗުގެ ފަހު ވަގުތުގައި ރެފްރީ ޕޯޗުގަލަށް ދިން ޕެނަލްޓީގައި ޖެހި ގޯލު ކޮޅަށް ވަނީމަ. އެއީ ފީފާއިން ފަހުން ރިވިއު ކުރިއިރުވެސް ޕެނަލްޓީއެއް ނޫން. އެއީ ނާއިންސާފުން ދިން ޕެނަލްޓީއެއް،" އެލޯންސޯ ބުންޏެވެ.

ޕޯޗުގަލުން އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގެ 90 ވަނަ މިނެޓާ ހަމައަށް ޕޯޗުގަލް ލީޑު ކުރީ 1-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާގައި އޮއްވައި ޕޯޗުގަލަށް ޕެނަލްޓީއެއް ލިބުނީ އުރުގުއޭގެ މާރިއާ ހިމަނޭޒް އަތުގައި ޖެހުނު ބޯޅައަކުންނެވެ. ވީއޭއާރް ބަލައި ދިން އެ ޕެނަލްޓީ ދީފައި ވަނީ ހިމަނޭޒް ކުރި ސްލައިޑިން ޓެކުލްއެއްގެ ތެރެއިން އަތުގައި ބޯޅަ ޖެހުމުންނެވެ.

ގްރޫޕް އެޗުގެ ފަހު މެޗުގައި ޕޯޗުގަލް ރޭ ދެކުނު ކޮރެއާ އަތުން 2-1 އިން ބަލިވި ބަލިވުމާއެކު އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކޮރެއާ ގަދަ 16 ހޯދި އިރު، އެ މެޗުން ޕޯޗުގަލް މޮޅުވި ނަމަވެސް، ނޫނީ އެ މެޗު އެއްވަރުވި ނަމަވެސް އުރުގުއާއީއަށް ގަދަ 16 ލިބޭނެއެވެ. އެ ނަތީޖާއާއެކު ކަޓައިގެން ދާން ޖެހުނު ނަމަވެސް ކުޅުންތެރިންނަށް ބުނާނެ އެއްވެސް ބަދު ބަހެއް ނެތް ކަމަށް ކޯޗު އެލޯންސޯ ބުންޏެވެ.

"ރޭގެ މެޗުގައި ފެނުނު އުރުގުއާއީ ތަންކޮޅެއް ކުރިން ފެނުނު ނަމަ ރަނގަޅުވީސް. އެކަމަކު އެ ހާލަތަކުން ނޫން ކެޓީ. ކުޅުންތެރީން އެންމެ ރަނގަޅަށް، ބުރަ މަސައްކަތް ކޮށް ކުޅުނު. އެކަމާ ބުނާނެ އެއްޗެސް ނެތް. ކުރީ މެޗުގައި ކަން ހިނގި ގޮތުން ކެޓީ،" އެލޯންސޯ ބުންޏެވެ.