ގަތަރު ވޯލްޑް ކަޕް 2022ގެ ގްރޫޕް ޖީގައި މިރޭ ކުޅުނު މެޗުގައި ސާބިއާ ބަލިކޮށް، ސްވިޒަލޭންޑުން ގަދަ 16 ޔަގީން ކޮށްފިއެވެ.
ސްޓޭޑިއަމް 974 ގައި މިރޭ ކުޅުނު މެޗުން ސްވިޒަލޭންޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. އެޓީމަށް ގްރޫޕް ސްޓޭޖުގެ ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ލިބުނީ ގްރޫޕް ޖީގެ ދެވަނަ މަގާމެވެ. އެއްވަނައިގައި ފައިދާ ގޯލްގެ ތަފާތުން ގަދަ 16 އަށް ދިޔައީ ބްރެޒިލެވެ.
މެޗަށް ނުކުތް އިރު ފުރުސަތު ބޮޑުކޮށް އޮތީ ސްވިޒަލޭންޑަށެވެ. ސްވިޒަލޭންޑުން ސާބިއާ ބަލިކޮށްފިނަމަ، އެޓީމަށް ގަދަ 16 ޔަގީން ކުރެވެން އޮތެވެ. ސާބިއާއިން މިރޭގެ މެޗުން މޮޅުވިޔަސް އަނެއް މެޗަށް ބަރޯސާވާން ޖެހޭނެ ހާލަތެއްގައި އޮވެގެންނެވެ. އެ މެޗު އެއްވަރުވެގެން ނުވަތަ ކެމެރޫން ބަލިވެގެން ނޫނީ ސާބިއާއަށް ގަދަ 16 ޔަގީން ނުކުރެވޭކަށް ނެތެވެ.
މެޗުގައި ގޯލްތައް ފެންނާނެކަން ފުރަތަމަ މިނެޓުންވެސް އެނގިގެން ދިޔައެވެ. ފުރަތަމަ މިނެޓްގައި އެކަނިވެސް ފުލުފުލުގައި ތިން ހަމަލާއެއް ސްވިޒަލޭންޑުން ފެނުނެވެ. ބްރީލް އެމްބޯލޯގެ ހަމަލާ ސާބިއާގެ ގޯލްކީޕަރު މިލިންކޮވިޗް-ސަވިޗް މަތަކުރި އިރު، ރީބައުންސްގައި ޖަކާ ޖެހި ބޯޅަވެސް މަތަކުރީ އޭނާއެވެ. ތިންވަނަ ހަމަލާއެއްގައި ޖަކާ ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.
އޭގެ ފަހުން މެޗުގެ 11 ވަނަ މިނެޓުގައި ދެން ފެނުނީ ސާބިއާގެ އެޓޭކްލައިންގެ ނުރައްކަލެވެ. އަރިމަތިން ޕެނަލްޓީ އޭރިއާ ކަނުން ކަހަލަ ގޮތަކަށް ޒިވްކޮވިޗް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ދެކޮޅަށްވެސް ހަމަލާ ބަދަލުވަމުން ގޮސް، ފުރަތަމަ ލީޑު ނެގީ ސްވިޒަލޭންޑުންނެވެ. އެ ގޯލް ޖަހައިދިނީ ޒެރްދާން ޝަކީރީއެވެ. ޝަކީރީ އުފާފާޅުކުރީ ސްޓޭޑިއަމްގައި އޭނާއަށް "ބޫ" ކުރަމުން ދިޔަ ސާބިއާގެ ސަޕޯޓަރުންނަށް އަމާޒުކޮށެވެ. ސާބިއާގެ ސަޕޯޓަރުން ޝަކީރީއަށް ބޫ ކުރަމުން ދިޔައީ މި ދެގައުމުން 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު މެޗުގައި އޭނާ އަލްބޭނިއާގެ ދިދައިގެ ރަމްޒެއް ދައްކައި އުފާފާޅުކޮށްފައި އޮތް މައްސަލައިގެ ސަބަބުންނެވެ.
ދެން ފެނުނީ މިހާތަނަށް މި ވޯލްޑް ކަޕް މެޗެއްގައި ފެނުނު އެންމެ ޝައުގުވެރި ފުރަތަމަ ހާފުގެ ވަގުތުތަކެވެ. ދެކޮޅުންވެސް ގޯލްތައް ޖެހިތަނެވެ. މެޗުގެ 27 ވަނަ މިނެޓްގައި އެލެކްސެންޑްރާ މިޓްރޮވިޗް ޖަހައިދިން ގޯލާއެކު ސާބިއާއިން ނަތީޖާ ހަމަހަމަކޮށް، 35 ވަނަ މިނެޓުގައި ފަހަތުން އަރައި ލީޑު ނެގިއެވެ. ލީޑް ނެގުމަށް ގޯލް ޖަހައިދިނީ ޔުވެންޓަސް ފޯވަޑް ޑޫސާން ވްލާހޮވިޗެވެ.
ގްރޫޕްގައި ކުޅެމުން ދިޔަ އަނެއް މެޗުގައި ކެމަރޫނާއި ބްރެޒިލް އޭރު 0-0 ގައި އޮތުމުން އެއީ ސާބިއާއަށް އުންމީދީ ގޯލެއް ނަމަވެސް އެޓީމަށް އެ ލީޑުގައި ހާފު ނިންމައެއް ނުލެވުނެވެ. ސްވިޒަލޭންޑްގެ ދެވަނަ ގޯލް ޖެހީ ކެމަރޫން ކޮޅަށްވެސް ގޯލް ޖެހި ބްރީލް އެމްބޯލޯއެވެ.
ފުރަތަމަ ހާފު ފޯރިގަދަކޮށް ނިމިގެން ދިޔަ ދެވަނަ ހާފުވެސް ފެށީ ކުރީކޮޅުގައި ޖެހި ގޯލަކާއެކުގައެވެ. 48 ވަނަ މިނެޓުގައި ސްވިޒަލޭންޑުން ޖެހީ ހިތްގައިމު ޓީމް ގޯލެކެވެ. އެމްބޯލޯ ބޯޅަ ހިފަހައްޓައި ޝަކީރީއަށް ދިނުމުން އޭނާ ޖައްސާލި ބޯޅައިގައި ވާގާސް ފްލިކް ކޮށްލުމު ގޯލް ޖެހީ ފްރެއުލާއެވެ. އެ ގޯލާއެކު ގަދަ 16 އަށް އެޓީމަށް އަނެއްކާވެސް ބޮޑު އުންމީދެއް ލިބިގެން ދިޔައެވެ.
ބްރެޒިލާއި ކެމަރޫން މެޗުގައި ގޯލެއް ނުޖެހި އޮތުމުން ސަވިޒަލޭންޑަށް ދެވަނައިގައި އެވަގުތަށް ހަމަޖެހި ލެވުނެވެ.
މެޗުގެ ފަހު ކޮޅުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، ސްވިޒަލޭންޑުން ދިޔައީ ގަދަ 16 ޔަގީންކުރަން ޑިފެންސް ކުރަމުންނެވެ. ހަމަލާތަކަށް ފުރުސަތު ނުދޭން މަސައްކަތް ކުރި ނަމަވެސް ސާބިއާގެ މިޓްރޮވިޗް ދެފަހަރެއްގެ މަތިން ނުރައްކާކުރިތަން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން މިޓްރޮވިޗް ބޮލުން ޖެހި ބޯޅައެއްގެ އިތުރުން ޓަޑިޗް ޖެހި ހަމަލާއެއްވެސް މަތަކުރީ ގޯލްކީޕަރު ކޮބެލްއެވެ.
އަނެއްކޮޅުން ސްވިޒަލޭންޑުން ލީޑު ފުޅާކުރަން ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވިއެވެ. އެހެންނަމަވެސް އެޓީމުން ގަދަ 16 ޔަގީންކުރީ ހަމަޖެހިލައިގެންނެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ގަދަ 16 ކުޅުނު ސްވިޒަލޭންޑުން މިފަހަރު ނުކުންނަން ޖެހޭނީ ޕޯޗުގަލްއާ ދެކޮޅަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022