ވޯލްޑް ކަޕްގެ "ގްރޫޕު އެޗް" ގައި ފަހު ވަގުތު ޖެހި ގޯލާއެކު ޕޯޗުގަލް ބަލިކޮށް، ދެކުނު ކޮރެއާ އިން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ޕޯޗުގަލްގެ މައްޗަށް ކޮރެއާ އިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޕޯޗުގަލާއެކު ކޮރެއާއަށް ވަނީ ގަދަ 16 ގެ ޖާގައެއް ލިބިފައެވެ.
މެޗަށް ނުކުތް އިރު، ޕޯޗުގަލަށް ވަނީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ. ދެކުނު ކޮރެއާއަށް އޮތީ ޕޯޗުގަލް ބަލިކުރި ނަމަވެސް، ގަދަ 16 ހޯދުމަށް އުރުގުއާއީ އާއި ގާނާ މެޗުގެ ނަތީޖާއަށް ބަރޯސާވުމެވެ. އެއް ވަގުތެއްގައި ކުޅުނު އެ މެޗަށް ނުކުތް އުރުގުއާއީ އާއި ގާނާއަށް ވެސް ގަދަ 16 ގެ ފުރުސަތު އޮތެވެ.
ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި 2-0 ގެ ނަތީޖާއަކުން އުރުގުއާއީ ވަނީ ގާނާ ބަލިކޮށްފައެވެ. ގްރޫޕުގެ ދެވަނައިގައި ނިންމާލި ކޮރެއާ އާއި ތިންވަނައިގައި ނިންމާލި އުރުގުއާއީ ޕޮއިންޓް ގޮތުން އެއްވަރުވެފައިވާ އިރު، ގޯލުގެ ތަފާތުން ވެސް ދެ ޓީމު އެއްވަރެވެ. ކޮރެއާއަށް ދެވަނަ ލިބުނީ ޖެހި ގޯލުން ކުރީގައި އޮތުމުންނެވެ. ހަ ޕޮއިންޓާއެކު ޕޯޗުގަލުން ގްރޫޕުގެ އެއްވަނަ ހޯދި އިރު، ކޮރެއާ އާއި އުރުގުއާއީއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފުލުގައި ނިންމާލި ގާނާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ޕޯޗުގަލުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޑިއޭގޯ ޑަލޮޓް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ދިން ބޯޅައަކުން ޕޯޗުގަަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރިކާޑޯ ހޯޓާއެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްލުމަށް ޕޯޗުގަލަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޖޮއާ ކެންސެލޯ ފޮނުވާލި އެ ހަމަލާ، ކޮރެއާގެ ކީޕަރު ކިމް ސޫންގް ގިޔޫ ވަނީ މަތަކޮށްފައެވެ. އެ ބޯޅައަށް ޕެނަލްޓީ އޭރިއާ ތެރޭ ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ހުރީ ތައްޔާރަށެވެ.
ކޮރެއާ އިން ދިޔައީ ކުޅުން ރަނގަޅު ޕޯޗުގަލްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ކޮރެއާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކެޕްޓަން ސޮން ހިއުން މިން ނަގައިދިން ހިލޭ ޖެހުމުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޗޯ ގޫ ސުންގް ބޮލުން ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ރީބައުންސް ބޯޅަ، ކޮރެއާގެ ކިމް ޖިން ސޫ، ޕޯޗުގަލްގެ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައަވެ.
ކޮރެއާ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރީ މެޗުގެ 27 ވަނަ މިނެޓުގައެވެ. ކޯނަރެއްގެ ތެރެއިން ޕޯޗުގަލް ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ކޮރެއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކިމް ޔަންގް ގުވޮންއެވެ. އޭނާއަކީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2018 ގެ ގްރޫޕު ސްޓޭޖުން ޖަރުމަން ކަޓުވާލި މެޗުގައި ގޯލު ޖެހި ކުޅުންތެރިއެކެވެ.
އެ ގޯލަށްފަހު ޕޯޗުގަލްގެ ނުރައްކާތަކެއް ފެނިގެންދިޔައެވެ. އެގޮތުން ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯއަށް ލިބުނު ހުސް ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ. ރޮނާލްޑޯގެ ފުރަތަމަ ހަމަލާ ކޮރެއާގެ ކީޕަރު ކިމް ސޫންގް ގިޔޫ މަތަކުރި އިރު، ދެވަނަ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ނުރައްކާކޮށް ފެނުނީ ކޮރެއާއެވެ. އެގޮތުން އެޓީމަށް ގޯލު ޖަހާނެ ރަނގަޅު ފުުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ޗޯ ގޫ ސުންގް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ކެޕްޓަން ސޮން ހިއުން މިން ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ޑިފެންޑަރު ރިކާޑޯ ސިލްވާ ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ކޮރެއާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހުވަންގް އިން ބިއޮމް ފޮނުވާލި ބާރު ހަމަލާ، ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ކޮރެއާ ކެޕްޓަން ސޮން ހިއުން މިން ފޮނުވާލި ބާރު ހަމަލާ، ޕޯޗުގަލް ޑިފެންޑަރު ޖޮއާ ކެންސެލޯ ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކޮރެއާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގައި ސޮން ހިއުން މިން ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޮރެއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހުވަންގް ހީ ޗާންއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022