ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގެ ފަސްވަނަ މެޗުގައި ދެކުނު ކޮރެއާއާއި ޕޯޗުގަލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މެޗަށް ނުކުންނަ އިރު ޕޯޗުގަލް އޮތީ މިހާރުވެސް ގަދަ 16 އަށް ކޮލިފައިވެފައި. އެޓީމަށް އެއްވަނަ ހޯދަން ބޭނުންވަނީ ޕޮއިންޓެއް. ދެކުނު ކޮރެއާއަށް ގަދަ 16 އަށް އޮތީ އުނދަގޫ މަގެއް. އެޓީމުން ޕޯޗުގަލް ބަލިކުރި ނަމަވެސް ގަދަ 16 ހޯދުމަށް އަނެއް މެޗުގެ ނަތީޖާއަށް ބަރޯސާ ވާން ޖެހޭ. އަނެއް މެޗުގައި މި މެޗުގެ ވަގުތުގައި ކުޅޭނީ އުރުގުއާއީ އާއި ގާނާ. އެ ދެޓީމަށްވެސް ގަދަ 16 އަށް ފުރުސަތު އެބައޮތް.

  • މިދިޔަ ބުދަ ދުވަހު ބޭއްވި ޕޯޗުގަލްގެ ތަމްރީނުތަކުގައި އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބައިވެރިވެފައެއް ނުވޭ
  • ޕްރި މެޗު ޕްރެސްގައި ކޯޗު ބުނީ ރޮނާލްޑޯއަށް ކޮރެއާއާ ދެކޮޅަށް ކުޅެވޭނެ ކަމެއް ނުވަތަ ނޫން ކަމެއް ބުނަން ނޭނގޭ ކަމަށް
  • އޭނާއަށް ކުރިމަތިވެފައިވާ އަނިޔާގެ ތަފްސީލެއް ޓީމުން އޭރުވެސް ދީފައެއް ނުވޭ
  • އެހެން ނަމަވެސް އަނިޔާ ސީރިއަސް ނޫންކަމަށް ރިޕޯޓުތައް ބުނި
  • މިރޭގެ ފުރަތަމަ 11ގައި ރޮނާލްޑޯ ފެނުން ވެގެންދަނީ ސަޕޯޓަރުންނަށް ލިބުނު ހިތްހަމަ ޖެހުމަކަށް