ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގދ. ތިނަދުއަށް ވަޑައިގެންފިއެވެ.
އެ މަނިކުފާނު ތިނަދުއަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތުގެއްގައެވެ. ނަޝީދަށް މަރުހަބާ ދެންނެވުމަށް އެރަށު ކައުންސިލާއި އެ މަނިކުފާނަށް ތާއިދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރަށް ޖަމާވެފައެވެ.
ނަޝީދު ތިނަދުއަށް ވަޑައިގެންނެވީ ކޮވިޑް-19 ގެ އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ އަޕަސްކިލިން އަދި ޓްރެއިން ޕްރޮގްރާމްގެ ޑައިވިން ދާއިރާގެ މީހުން ތަމްރީނުކޮށް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށެވެ.
އޭގެ އިތުރުން މިރޭ ތިނަދޫގެ އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިގަންނަވައެވެ. ނަޝީދު އެ ޖަލްސާގައި ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާކަން ރަސްމީކޮށް ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނުގެ އަރިސް ބޭފުޅަކު ވަނީ މީގެ ކުރިން "ވަން" އަށް ވިދާޅުވެފައެވެ.
ނަޝީދު ޕްރައިމަރީގައި ވާދަކުރައްވަން ތައްޔާރުވުމުގެ ގޮތުން ހެދި ވަޓްސްއެޕް ގްރޫޕުގެ ސްކްރީން ޝޮޓުތަކެއް ވަނީ ސޯޝަލް މީޑިއާގައި ލީކުވެފައެވެ. އޭގައި ނަޝީދުގެ ދެބޭންގެ ދެދަރި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ފިރިކަލުން މުހައްމަދު ޝާހިދު (ސާބެ) ވިދާޅުވެފައިވަނީ އެ ގްރޫޕަކީ ނަޝީދަށް ޕްރައިމަރީގައި ވޯޓު ޔަގީން ކުރުމަށް ހެދި ގުރޫޕެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު