ޖަރުމަނު ކޯޗުކަމުގެ މަގާމުގައި ދެމިހުންނާނެ ކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށާއި އެކަމަށް މިވަގުތު ޖަވާބު ދެވެން ނެތް ކަމަށް ހާންސީ ފްލިކް ބުނެފިއެވެ.

ޖަރުމުން މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާ އިރު، އެޓީމުން މުބާރާތް ނިންމާލީ ރޭ ކުޅުނު މެޗުގައި 4-2 އިން ކޮސްޓަ ރީކާ ކައިރިން މޮޅުވެގެންނެވެ. އެމެޗުން މޮޅުވި ނަމަވެސް، އަނެއް މެޗުގައި ޖަޕާނުން ސްޕެއިން ބަލިކުރުމުން ޖަރުމަނު ވަނީ ކަޓައިގެން ރަށަށް ދާން ޖެހިފައެވެ.

ޖަރުމަނުން ރޭ މޮޅުވި ނަމަވެސް އެޓީމަށް ލިބުނީ ގްރޫޕްގެ ތިންވަނައެވެ. އެއްވަނަ ލިބުނީ ޖަޕާނަށެވެ. ދެވަނަ ލިބުނީ އެ މެޗުން ބަލިވި ސްޕެއިނަށެވެ. މިއީ ޖަރުމަނުގެ ތާރީހުގައިވެސް ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނެފައި އޮތީ ކެޓިޔަސް މަގާމު ދޫކޮށް ނުލާނެ ކަމަށެވެ.

"ކެޓިޔަސް މަޑުކުރާނެ ކަމުގެ ޔަގީންކަން އަހަރެން ދެން. އަހަރެންގެ އެއްބަސްވުން އޮތީ 2024 އާ ހަމައަށް. އަމިއްލަ ގައުމުގައި ބާއްވާ ޔޫރޯއަށް އަހަރެންގެ ވިސްނުން އެބަހުރި. އެކަމަކު އެއީ އަދި ވަރަށް ދުވަސްކަންވެސް ހަނދާން ކުރަންވާނެ،" ފްލިކް މެޗުގެ ކުރިން ބުންޏެވެ.

އެހެން ނަމަވެސް ރޭގެ މެޗަށްފަހު ހިތާމައިގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނީ ޖަރުމަނުގައި މަޑުކުރާނެ ކަމާމެދު ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ.

"ޓީމުގައި މަޑުކުރާނެ ކަމާމެދު ގޮތެއް ނިންމަން މިވަގުތު އުނދަގޫ. އެކަމަށް ވަރަށް އަވަހަށް މަޝްވަރާކޮށް އަދި ގޮތެއް ނިންމާނަން،" ފްލިކް ބުންޏެވެ.

ފްލިކް ރޭ އިތުރަށް ބުނީ ޖަރުމަނު ކަޓައިގެން ދާން ޖެހުނީ ލިބުނު ފުރުސަތުތައް ބޭކާރު ކުރުމުގެ ސަބަބުން ކަމަށެވެ. އެއާއެކު ފްލިކް ބުނީ ޖަރުމަނުން ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހިފައި އޮތީ ރޭ ނޫން ކަމަށާއި ޖަޕާން ކައިރިން 20 މިނެޓް ތެރޭ ދެ ގޯލު ކޮޅަށް ވައްދާލި ވަގުތަކީ އެގައުމުގެ ވޯލްޑް ކަޕަށް ނިމުން އައި ހިސާބު ކަމަށެވެ.