ބްރެޒިލްގެ ކޯޗު، އަޑްނޯ ލިއެނާޑޯ ބާޗީ (ޓީޓޭ)ގެ ކާފަ ދަރިފުޅު ކޮނޑުގައި ޖަހައިގެން ލުސައިލް ސްޓޭޑިމުން މެޓްރޯއަށް ގެންގޮސްދިން މީހާއަކީ ކާކުތޯ ބަލަން އޭނާ ޕްރެސްގައި އެދުނެވެ. ޓީޓޭ އެ ދުވަހު ބުނީ އިހުސާންތެރިވި އެމީހަކު ހޯދަން ބޭނުންވާ ކަމަށާއި އެއީ ހާއްސަ މީހެއްކަން އެނގޭ ކަމަށެވެ.
"އަހަރެންގެ އާއިލާ މެޗަށްފަހު ދިޔައީ މެޓްރޯއަށް. އެއީ ހިނގާފައި ދާން ޖެހޭ ވަރަށް ދުރު ހިސާބެއް. އެހެން ދިޔަ މީހަކު އަހަރެންގެ ދަރިފުޅު ކައިރީގައި ބުނި ނިދާފައި އޮތް ކާފަ ދަރިފުޅު ގެންގޮސްދީފާނެ ކަމަށް. އެ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަހަންނަށް ފެނުނު. އެ މަންޒަރަކީ ފުޓުބޯޅައިގެ ބޭރުން ނުހަނަ ވަރުގަދަ މެސެޖެއް ދިން މަންޒަރެއް. އަހަރެން ބޭނުން އެ އަރަބި މީހާއާ ދިމާކޮށްލަން،" ފަލަސްތީނުގެ ސްކާފެއްގައި ހުރި މީހާގެ ވާހަކަ ޓީޓޭ ނޫސްވެރިން ގާތުގައި ބުނަމުން، ބުންޏެވެ.
ވީޑިއޯ ވައިރަލްވިތާ ހަފުތާއެއް ފަހުން އެ މީހަކު ފެނިއްޖެއެވެ. އެ މީހާ ފެނި، ޓީޓޭ ފުރަތަމަވެސް އޭނާއަށް ދިނީ ހާއްސަ ދައުވަތެކެވެ. އެއީ ބްރެޒިލްގެ ތަމްރީނުކުތަކަށް ދާން ދިން ދައުވަތެކެވެ. ޓީޓޭ ބޭނުންވީ އެ މީހާ ކައިރިއަށް ގެންގޮސް އެކަމަށް ޝުކުރު އަދާކުރާށެވެ. ތަމްރީނުތަކަށް ގެންގޮސް ޓީޓޭ ވަނީ އޭނާއަށް، ޓީމުގެ ހުރިހާ ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީއެއް ދީ، ކާފަ ދަރިއާވެސް ބައްދަލުކުރުވާފައެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ދައްކުވައިދިން މަންޒަރުން. އެއީ އެތައް މެސެޖެއްދޭ ހެޔޮ މަންޒަރެއް. އަހަންނަށް އެކަމުން އަސަރުކުރުވި. އެއީ ހެޔޮ ކަމެއް. ވަރަށްވެސް ބޮޑު ކަމެއް،" ޓީޓޭ ބުންޏެވެ.
ފަލަސްތީނުގެ އެ ރައްޔިތަކީ ބްރެޒިލްގެ ސަޕޯޓަރެއްވެސް މެއެވެ. ޓީޓޭއާ ބައްދަލުވެ، ލިބުނު ޖާޒީއަކީ އޭނާއަށް ބުނެދޭން ނޭނގޭ އިހުސާސެއް ކުރެވުނު ހަދިޔާއެކެވެ.
"އަހަރެން މިހުރީ ޓީޓޭގެ ހިތްހެޔޮކަމުން ބުނާނެ އެއްޗެއް ނޭނގިފައި. އަހަރެން އެއްވެސް ކަމެއް ނުކުރަން މިފަދަ ހަދިޔާއެއް ލިބޭނެ. މިއީ އަހަންނަށް ލިބުނު އާދަޔާހިލާފު ވަގުތު ކޮޅެއް. މިއީ ފައިސާއިން ގަނަވޭނެވެސް ވަގުތުކޮޅެއް ނޫން. އަހަރެން އުންމީދުކުރަން ބްރެޒިލް ތަށި ނަގާނެ ކަމަށް،" ފަލަސްތީން މީހާ ޓީޓޭއަށް ބުންޏެވެ.
ބްރެޒިލާއި ޓީޓޭ މިހާރު ތައްޔާރުވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށެވެ. މިރޭ ކެމަރޫނާ ދެކޮޅަށް ކުޅޭ މެޗަށްފަހު ދެން އެޓީމަށް އޮންނާނީ ގަދަ 16 ގެ މެޗެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022