ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުން ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު ކަޓައިފިއެވެ.
ޖަރުމަނު މުބާރާތުން ކެޓީ މިރޭ ކުޅުނު މެޗުގައި 4-2 އިން ކޮސްޓަ ރީކާ ކައިރިން މޮޅުވި ނަމަވެސް، އަނެއް މެޗުގައި ޖަޕާނުން ސްޕެއިން ބަލިކުރުމުންނެވެ.
ޖަރުމަނުން މިރޭ މޮޅުވި ނަމަވެސް އެޓީމަށް ލިބުނީ ގްރޫޕްގެ ތިންވަނައެވެ. އެއްވަނަ ލިބުނީ ޖަޕާނަށެވެ. ދެވަނަ ލިބުނީ އެ މެޗުން ބަލިވި ސްޕެއިނަށެވެ. މިއީ ޖަރުމަނުގެ ތާރީހުގައިވެސް ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓި ފުރަތަމަ ފަހަރެވެ.
ޖަރުމަނު މިރޭގެ މެޗަށް ނުކުތީ އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ. އެޓީމަށް އަމިއްލަ ބާރުގައި ގަދަ 16 އަށް ދެވެން އޮތީ މިރޭގެ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ކޮސްޓަ ރީކާ ބަލިކޮށްގެން އެކަންޏެވެ. އެހެން ނަމަވެސް ސްޕެއިނުން ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުގައި ސްޕެއިން މޮޅުވެއްޖެނަމަ، ޖަރުމަނަށް ހަނި މޮޅަކާއެކުވެސް ގަދަ 16 ލިބެން އޮތެވެ. އެހެންކަމުން ޖަރުމަނުން މިރޭގެ މެޗަށް ނުކުތީ ސްޕެއިންްގެ އަތް މައްޗަށް ޖަޕާން ދޫކޮށްލައިގެންނެވެ.
ޖަރުމަނަށް މެޗުގެ ކުރިން އޮތް އެންމެ ބޮޑު ޕްރެޝަރަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް އެންމެފަހުގެ ޗެމްޕިއަނުން ގޮތުގައި ނުކުމެވެސް ޖަރުމަނަށް ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔަން ޖެހިފައި އޮތުމެވެ. އެގައުމުގެ ތާރީހުގައި އަދި އަލަށްވެސް ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފައެއް ނުވެއެވެ. މިފަހަރު އެކަމުން ސަލާމަތް ކޮށްދިނުމުގެ ޒިންމާ އެޅިފައި އޮތީ މިދިޔަ އަހަރު ޓީމާ ހަވާލުވި، ކުރިން 2006 އިން 2014 އަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުރި ހާންސީ ފްލިކްގެ ބޮލުގައެވެ.
މެޗަށް އެ ޕްރެޝަރާއެކު ނުކުމެ، ޖަރުމަނުން ފެށީ ވަރުގަދަ ކޮށެވެ. ޖަމާލް މުސިއާލާގެ ހަމަލާގެ އިތުރުން ތޯމަސް މުލާގެ ހަމަލާއެއް ފުރަތަމަ ކޮޅުގައި ބޭކާރުވެގެން ދިޔަ އިރު، އޭގެ އިރުކޮޅެއްފަހުން ޖަރުމަނު ލީޑު ނެގިއެވެ. 10 ވަނަ މިނެޓުގައި ޖަރުމަނުން ލީޑު ނެގީ ގްނަބްރީ ޖެހި ގޯލުންނެވެ. ގްނަބްރީ ޖެހި ގޯލަކީ ރައުމްގެ ހުރަހެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ޖެހި ގޯލެކެވެ. އެ ގޯލަކީ ގްނަބްރީ ގައުމީ ޖާޒީގައި ޖެހި 21 ވަނަ ގޯލެވެ.
އެ ގޯލަށްފަހުވެސް ބޮޑު ބައެއްގައި ނުރައްކާ ކުރީ ހަމަ ޖަރުމަނެވެ. ގްނަބްރީގެ ހުސް ދެ ފުރުސަތު އޭނާ ނަގާލި އިރު، 36 ވަނަ މިނެޓުގައި މުސިއާލާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އޭނާއަށް ހުރަސް އަޅަން ހުރީ ހަމައެކަނި ގޯލްކީޕަރު ނަވާސް ނަމަވެސް ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.
ހާފުގެ ފަހު ކޮޅުގައި ޖަރުމަނުގެ ފަހަތުން ގޯސްތަކެއް ފެނުނު އިރު، އެންޓޯނިއޯ ރުޑިގާގެ ގޯހަކުން ކޮސްޓަ ރީކާއިން ތަނަވަސްކުރި ފުރުސަތުގައި ފުލާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ މަތަކުރީ މެނުއަލް ނޯޔާއެވެ.
ދެވަނަ ހާފުގައި ގްރޫޕް އީގެ ދެމެޗުގެ މަންޒަރުވެސް ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. ސްޕެއިން މެޗުގައި ޖަޕާނުން ފަހަތުން އަރައި ދެ ގޯލް ޖެހުމާއެކު ޖަރުމަން ކަރުތާ ފެނަށް އެޅިގެން ދިޔައެވެ. ޖަރުމަނުން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަން ފެށި އިރު، އެޓީމަށްވެސް ލިބުނީ ޝޮކެކެވެ.
ފުލުފުލުގައި ކޮސްޓަ ރީކާއިން ދެ ގޯލު ޖަހައި ޖަރުމަނު މާޔޫސްކޮށްލިއެވެ. 58 ވަނަ މިނެޓުގައި ކޮސްޓަ ރީކާއިން ނަތީޖާ ހަމަހަމަ ކުރީ ވަސްޓޮން ބޮލުން ޖެހި ބޯޅަ ނޯޔާ މަތަކުރި ނަމަވެސް ރީބައުންސްގައި ޓެޖެޑާ ފޮނުވާލި ހަމަލާއިންނެވެ. އޭގެ ފަހުން ޖަރުމަނުގެ ހަމަލާތަކެއް ފުލުފުލުގައި ފެނިގެން ގޮސްފައިވާ އިރު، މުސިއާލާގެ ދެ ހަމަލާއަކާއި ރުޑިގާ ބޮލުން ޖެހި ހަމަލާއެއްވެސް އަމާޒުވީ ދަނޑިއަށެވެ.
އެ ހަމަލާތައް ބޭކާރުވެގެން ދިޔަ އިރު، އަނެއްކޮޅުން ކޮސްޓަ ރީކާ ދެވަނަ ގޯލެއް ޖަހައި ލީޑު ނެގިއެވެ. އެ ގޯލު ޖަހައިދިނީ ވާގާސްއެވެ. ހިލޭ ޖެހުމަކުން ވާގާސް ބޮލުން ޖެހި ބޯޅަ ވައްދާލީ މަތީ ކަނަށެވެ. އެ ގޯލާއެކު އަނެއް މެޗުގައި ބަލިވަމުން ދިޔަ ސްޕެއިންވެސް ކެޓުމާ ދިމާލަށް މިސްރާބު ޖެހި އިރު، ޖަރުމަނުން ލަދަކާ ދިމާލަށް މިސްރާބު ޖެހިއެވެ.
ޖަރުމަނުން އެޓޭކިން ބަދަލުތަކަކާއެކު ގޯލަކަށް ކުރި މަސައްކަތް ފަހުން އަނެއްކާވެސް ކާމިޔާބުކުރިއެވެ. ބަދަލަކަށް އެރި ކައި ހަވާޓްސް، 72 ވަނަ މިނެޓާއި 85 ވަނަ މިނެޓުގައި ޖެހި ދެ ގޯލާއެކު ޖަރުމަނުން އަނެއްކާވެސް އުންމީދެއް ހޯދިއެވެ. ކޮސްޓަ ރީކާ ކައިރީ ޖަރުމަނު ލީޑު ކުރަމުން ދިޔަ ނަމަވެސް، ސްޕެއިން ގޯލެއް ނުޖަހަނީސް ޖަރުމަނަށް ހިން ދެމިލެވެން ނެތެވެ.
ޖަރުމަނުން އޭގެ ފަހުންވެސް ހަމަލާތައް އުފައްދަމުން ދިޔަ އިރު، ސްޕެއިން މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރެވުނެވެ. އެ އިންތިޒާރުގައި ޖަރުމަނުން އަނެއްކާވެސް ގޯލެއް ޖަހައި ލީޑު އިތުރަށް ފުޅާކުރިއެވެ. އެ ގޯލު ޖަހައިދިނީ ނިކްލަސް ފުލްކްރަގެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022