ޚަބަރު

ލޯޔަލްޓީ ރިވޯޑު ލިބޭ ޕާޕަލްލޭން އެޕާ އުރީދޫން ގުޅިއްޖެ

މުހައްމަދު އިޝާން

އުރީދޫ މޯލްޑިވްސްއިން ޕާޕަލްލޭން އެޕް، ލޯޔަލްޓީ ރިވޯޑް ޕްލެޓްފޯމާ އެކު ޕާޓްނާޝިޕް ހަދައިފިއެވެ.

އުރީދޫން ސީ ހައުސް ރެސްޓޯރުންޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފުކޮށްދެއްވީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕަލްލޭން އެޕްގެ ކޯ ފައުންޑާ އުމަރު ފިކްރީއެވެ.

އެ ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑު އަދި ކްލަބް ޕްރިމިއާ ޕާޓްނަރުންނާއި އެ ފަރާތްތަކުން ލިބޭ ހާއްސަ ޑިސްކައުންޓްތަކާއި އޮފާތައް ޕާޕަލް ލޭން އެޕުން ބަލައިލެވެން ހުންނާނެއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ، ޕާޕަލް ލޭނާއެކު ޕާޓްނާޝިޕަކަށް ދިއުމުގެ ސަބަބުން އުރީދޫގެ ލޯޔަލްޓީ ކަސްޓަމަރުންނަށް އިތުރު ކެފޭތަކާއި އައުޓްލެޓުތަކުން ޑިސްކައުންޓުތައް ލިބިގެންދާނެ ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ލޯޔަލްޓީ ޕްލެޓްފޯމް އިތުރަށް ފުޅާވެގެން ދިޔުމަށް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"މި ޕާޓްނަޝިޕާއެކު ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ލިބިގެންދާ ހާއްސަ އޮފާތަކާއި އިނާޔަތްތައް އިތުރުކޮށް ޕާޓްނަރުންގެ ޕޯޓްފޯލިއޯ ފުޅާކުރުމަށް ޕާޕަލް ލޭންއާ އެކު މަސައްކަތް ކުރެވިގެންދާނެ،" ނިޔާޒު ވިދާޅުވިއެވެ.

ޕާޕަލްލޭންގެ ކޯ ފައުންޑާ އުމަރު ފިކްރީ ވިދާޅުވީ އުރީދޫއާ އެކު ހެދި ޕާޓްނާޝިޕާ އެކު އިތުރު ފުރުސަތުތައް އެ ޕްލެޓްފޯމުން ހުޅުވިގެންދާނެ ކަމަށާއި އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށާއި ޕްލެޓްފޯމްގެ ޕާޓްނަރުންނަށް ވިޔަފާރިތަކުން ހާއްސަ އޮފާތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި ޕާޓްނާޝިޕްގެ ސަބަބުން ކަސްޓަމަރުންނަށާއި ޕާޕަލްލޭންގެ އިތުރުން އުރީދޫއަށް ވެސް ފައިދާވެގެންދާނެ ކަމަށެވެ.

“ވޯކް-އިން ކަސްޓަމަރުން ރެގިއުލާ ކަސްޓަމަރުންނަށް ބަދަލުކުރުމުން ފެށިގެން، އަޅުގަނޑުމެންގެ ފަސޭހަ ރިވާޑްސް ޕްލެޓްފޯމް މެދުވެރިކޮށް، ވިޔަފާރިތަކަށް އެބޭފުޅުންގެ އަމިއްލަ ލޯޔަލްޓީ ކާޑު ޕާޕަލްލޭން ޕްލެޓްފޯމް މެދުވެރިކޮށް ދައްކާލެވޭނެ،" އުމަރު ފިކްރީ ވިދާޅުވިއެވެ.

އުރީދޫން ގެންދަނީ ކްލަބް ޕްރިމިއާގެ ހިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފަހުގެ އާ ބްރޭންޑްތަކާއި ޕާޓްނާވެ، ހާއްސަ ޑިސްކައުންޓްތައް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަކޮށްފައިވާ ކްލަބް ޕްރިމިއާ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތް ފަސޭހަކަމާ އެކު ލިބެން ހުންނާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.