ވޯލްޑްކަޕުގައި އުރުގުއާއީ އާއި ޕޯޗުގަލް މިހަފުތާގައި ކުޅުނު މެޗުގައި ޕޯޗުގަލް މޮޅުވީ ދޭއްސުމަކުންނެވެ. ޕޯޗުގަލްގެ ދެގޯލުގެ ތެރެއިން ފުރަތަމަ ގޯލް ޖަހައިދިނީ ކާކުބާވައެވެ. ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބާވައެވެ. ނުވަތަ މިޑްފީލްޑަރު ބްރޫނޯ ފެނާންޑެޒް ބާވައެވެ. ރޮނާލްޑޯ ބުނަނީ މިގޯލް ޖެހީ އޭނާ ކަމުގައެވެ. ފީފާއިން ބުނަނީ ގޯލުގެ ކްރެޑިޓް ހައްގުވަނީ ބްރޫނޯ ފެނާންޑެޒްއަށް ކަމުގައެވެ. އެހެންވެ ފީފާއިން ވަނީ މިއީ ފެނާންޑެޒްގެ ގޯލަކަށް ހަދައިފައެވެ. ގޯލް ޖެހުމާއެކު އެއީ ރޮނާލްޑޯގެ ގޯލެއްކަމަށް ހީކުރެވުނަސް އިރުކޮޅެއްގެ ތެރޭގައި ފީފާގެ އޮފިޝަލުން ވަނީ އެގޯލުގެ ކްރެޑިޓް ބްރޫނޯ ފެނާންޑެޒްއަށް ދީފައެވެ. ފީފާއިން ބުނާގޮތުގައި ފެނާންޑެޒް ކުރިއަށް ފޮނުވާލި ބޯޅަ އެއްވެސް މީހެއްގެ ގައިގައި ޖެހުމަކާނުލައި ގޯލަށްވަނީއެވެ. އެހެންވީމާ އެއީ ކާކުގެ ގޯލެއްކަމާމެދު ޝައްކެއްވެސް ނުއުފެދެއެވެ.
ގޯލުގެ ހައްގުވެރިޔަކީ ކާކުކަމާމެދު އުފެދިފައިވާ ބަހުސް މިހާރު ވަނީ ވަރަށް ފޯރިގަދަ ހިސާބެއްގައެވެ. ބަހުސް ފޯރިގަދަވާ މައިގަޑު ސަބަބަކީ މިއީ ރޮނާލްޑޯގެ ގޯލަކަށް ވެއްޖެނަމަ އޭނާއަށް ވޯލްޑްކަޕުގައި ޕޯޗުގަލްގެ ޒަމާންވީ ރިކޯޑަކާ އެއްވަރު ކުރެވޭތީއެވެ. ވޯލްޑްކަޕުގައި ޕޯޗުގަލްއަށް އެންމެ ގިނަ ގޯލް ޖަހާދީފައިވާ ކުޅުންތެރިޔަކީ މަޝްހޫރު ޔޫސޭބިއޯއެވެ. އޭނާ ޖަހާފައިވަނީ 9 ގޯލެވެ. ޔޫސޭބިއޯ މިއަދަދަށް ގޯލް ޖަހާފައިވަނީ 1966 ގެ ވޯލްޑްކަޕުގައެވެ. އެ މުބާރާތުގައި އެންމެ ގިނަ ގޯލްޖެހީވެސް އޭނާއެވެ. އެފަހަރު ޕޯޗުގަލްއަށް ލިބުނީ މުބާރާތުގެ ތިންވަނައެވެ. ޔޫސޭބިއޯއަކީ މޮޒަމްބީގަށް އުފަން ފޯވާޑެކެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޯޗުގަލްގެ ފުރަތަމަ ކުޅުންތެރިޔަކީވެސް އެއީއެވެ. މިހާރު މައްސަލަޖެހިގެން އުޅޭ ގޯލުގެ ކްރެޑިޓް ރޮނާލްޑޯއަށް ލިބިއްޖެނަމަ އެއީ ރޮނާލްޑޯގެވެސް 9 ވަނަ ގޯލެވެ.
ސްޓޭޑިއަމަށް ވަދެތިބި އެންމެންވެސް ހީކުރީ އެއީ ރޮނާލްޑޯގެ ގޯލެއް ކަމުގައެވެ. ރޮނާލްޑޯ އުފާފާޅުކުރީވެސް އެއީ އޭނާ ޖެހި ގޯލެކޭ ހީވާ ބީދަޔަކުންނެވެ. އެކަމަކު އިރުކޮޅަކުން ސްޓޭޑިއަމުގެ ސްކްރީންތަކުން އެއީ ބްރޫނޯ ފެނާންޑެޒްގެ ގޯލެއްކަމަށް ފީފާއިން އިއުލާންކުރުމުން ރޮނާލްޑޯ ދަނޑުން ފޭބީ ވަރަށް ބޮޑަށް ނުރުހިފައި ހުރެގެންނެވެ. ޑްރެސިން ރޫމް ތެރެއަށްވަދެ އެންމެފުރަތަމަވެސް އޭނާގެ އެކުވެރި ޕިއަރ މޯގަންއަށް މެސެޖުކޮށްފައި ބުންޏެވެ. އެ ގޯލްޖެހީ މަށެވެ. ގޯލުގެ ތެރެއަށް ބޯޅަ ވައްދައިލީ މަށެވެ. ބްރޫނޯ ފެނާންޑެޒްއެއް ނޫނެވެ. އެހެންވީމާ އެއީ މަގޭ ގޯލެކެވެ. ކްރެޑިޓް ލިބެންޖެހެނީ މަށަށެވެ. ފީފާއިން އެނިންމީ ގޯސް ނިންމުމެކެވެ. ރޮނާލްޑޯގެ މި މެސެޖުގެ ވާހަކަ ޕިއަރ މޯގަން ކިޔައިދިނީ އެމެރިކާގެ ކުރީގެ ޑިފެންޑަރު އެލެކްސީ ލާލާސް އަށެވެ. މީޑިއާގައި މިވާހަކަ ތިލަކޮށްދިނީ އޭނާއެވެ.
މި ގޯލްގެ މައްސަލަ މީޑިއާގައި ތިލަވެ ވަރަށް ގިނަބަޔަކު ރޮނާލްޑޯއަށް ފާޑުކިޔައި މަލާމާތްކުރަން ފެށުމުން ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ރޮނާލްޑޯގެ ދިފާއުގައި ނުކުމެފައެވެ. ރޮނާލްޑޯގެ ދިފާއުގައި އެއްޗެކޭ ބުނެފައިވަނީވެސް ޕޯޗުގަލްގެ އެފްއޭ އެކަންޏެވެ. ރޮނާލްޑޯއަށް ކްރެޑިޓް ލިބުން ހައްގު ގޯލެއްކަމަށް ބުނާ ހަމައެކަނި ފަރާތަކީވެސް ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަނެވެ. އެ މީހުން ބުނަނީ ވަރަށް ރަނގަޅަށް ވީޑިއޯ ތަހުލީލުކޮށް ބަލައިފި ކަމަށާއި ރޮނާލްޑޯގެ ބޮލުގައި ބޯޅަ ޖެހުނުކަން ޔަގީންކަމަށެވެ. އެހެންވީމާ އޭގެ ކްރެޑިޓް ދޭންޖެހޭ ފަރާތަކީ ރޮނާލްޑޯ ކަމަށާއި މިހެކިތައް ވަރަށް އަވަހަށް ފީފާއަށް ހުށައަޅާނޭ ކަމަށްވެސް ބުނެފައިވެއެވެ. އެހެންބަޔަކަށް ނުލިބޭ ނުވަތަ ނުފެންނަ ހެކިތަކުގެ ތެރެއިން ޕޯޗުގަލްއަށް ލިބުނީ ކޮން ހެކިތަކެއްކަމެއް ނުބުނެއެވެ.
ވޯލްޑްކަޕުގައި ބޭނުންކުރާ މެޗު ބޯޅައަކީ ވަރަށް ބޮޑަށް ޓެކްނޮލޮޖީއާ ގުޅުވާލެވިފައިވާ ބޯޅައެކެވެ. މިފަހަރު ބޭނުންކުރާ ބޯޅައަށް ކިޔަނީ އައްރިހުލާއެވެ. ބޯޅަ އުފެއްދީ އެޑިޑާސް ކުންފުނިންނެވެ. ބޯޅައިގެ ތެރޭގައި ޒާތެއްގެ އިލެކްޓޯނިކް ޗިޕެއް ހަރުކޮށްފައި ހުރެއެވެ. އެހެންވީމާ ބޯޅައިގައި ކިތަންމެ ކުޑަކޮށް ޖެހިލިއަސް އެކަން އެނގޭނެއެވެ. މި ބޯޅަ އުފެއްދި އެޑިޑާސް ކުންފުނިން ބުނެފައިވަނީ ކީކޭބާވައެވެ. ޓެކްނޮލޮޖީގެ އެހީގައި ބެލި ހުރިހާ ބެލުންތަކުން ރޮނާލްޑޯގެ ބޮލުގައި ބޯޅަ ޖެހިފައިނުވާކަން ކަށަވަރު ކަމަށް އެޑިޑާސް ކުންފުނިން އެބަބުނެއެވެ. މެޗު ބޯޅައިގެ ތެރޭގައި ހަރުކޮށްފައިވާ ޗިޕާއި ސެންސަރިން ނިޒާމުގެ އެހީގައި ދިރާސާކުރުމަށްފަހު އެޑިޑާސް ކުންފުނިން ބުނެފައިވަނީ ރޮނާލްޑޯގެ ބޮލުގައި ބޯޅަ ނުޖެހޭކަން މުޅިން ކަށަވަރު ކަމުގައެވެ.
ޕޯޗުގަލްގެ ޓީމުން މިބަހުސްގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނުވެއެވެ. އަދި ގޯލްގެ ކްރެޑިޓް ލިބިފައިވާ ބްރޫނޯ ފެނާންޑެޒް އަމިއްލައަށް އެއީ އޭނާގެ ގޯލެކޭ ފާޅުގައި ނުވެސް ބުނެއެވެ. ފެނާންޑެޒް ބުނެފައިވަނީ އެއީ ރޮނާލްޑޯގެ ބޮލަށް އޭނާ ނަގައިދިން ހުރަހެއް ކަމަށާއި އެބޯޅަ ގޯލުގެ ތެރެއަށް ވައްދައިލީ ރޮނާލްޑޯކަމަށް ހީކުރި ކަމަށެވެ. ރޮނާލްޑޯގެ ބޮލުގައި ޖެހުނަސް ނުޖެހުނަސް، އަދި އެހެން މީހެއްގެ ގައިގައި ޖެހުނަސް ނުޖެހުނަސް ފަރުވާލެއް ނެތްކަމަށާއި މުހިއްމީ ގޯލްކަމަށް އޭނާ ބުންޏެވެ. މެޗުން މޮޅުވެވުނީމާ ނިމުނީކަމަށާއި އެކަން ހާސިލްވެއްޖެކަމަށްވެސް ފެނާންޑެޒް ބުންޏެވެ. ފެނާންޑެޒް މިގޮތަށް ބުނެ ނިންމާލަން އުޅުނަސް ރޮނާލްޑޯގެ ކަންކަން ހުރިގޮތުން އޭނާއާ ފޮށިލައި ހަޖުލެއް ކިޔާނުލައި ނިންމާލަން ބޭނުންވާ މީހުން ވަރަށް މަދެވެ. އެހެންވީމާ މުޅި މީސްމީޑިއާގައި މިހާރު އޮތީ މިވާހަކައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު