ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ މެޗެއް ބެއްލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، ވޯލްޑްކަޕްގެ މެޗެއް ބެއްލެވުމަށް ގަތަރުގެ އަމީރު، ޝައިޚް ތަމީން ބިން ހަމަދް އަލް ތާމީންގެ ދައުވަތެއް ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
މިއުވާން ވިދާޅުވީ، ވޯލްޑްކަޕްގެ ފަހުކޮޅު ރައީސް ގަތަރަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ވަޑައިގަންނަވާނެ ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.
"ސީދާ ކޮން މެޗަކަށްކަން ރައީސް ވަޑައިގަންނަވަނީ ބުނަން އަޅުގަނޑަށް ވަރަށް ދަތި. ހީވަނީ ފައިނަލް ނުވަތަ ސެމީ ފައިނަލްގެ މެޗަކަށް ރައީސް ވަޑައިގެންފާނެހެން،" މިއުވާން ވިދާޅުވިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ތަށްޓަށް ފީފާ ވޯލްޑްކަޕް ފަށާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.