ޚަބަރު

ބެރިންމަދޫ އެއްބަސްވުން: 50 މިލިޔަން ޑޮލަރާއި 160 މިލިޔަން ރުފިޔާ ހޯދަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް މއ. ނިޔާޒީ ވިލާ އަހުމަދު އިބްރާހިމް ދީދީއަށް ހއ. ބެރިންމަދޫ ދިން އެއްބަސްވުމާބެހޭ މައްސަލައިގައި، ލިބުނު ކަމަށްބުނާ ގެއްލުމުގެ ބަދަލަށް 50.4 މިލިޔަން ޑޮލަރާއި 160.8 މިލިޔަން ރުފިޔާ ސަރުކާރުން ނަގައިދިނުމަށް އެދި ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރު ކޮށްލައިފިއެވެ.

މި މައްސަލައަކީ ރިސޯޓެއް ތަރައްގީ ކުރުމަށް އަހުމަދު އިބްރާހިމް ދީދީއަށް ހއ. ބެރިންމަދޫ ދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކޮށް، އެ ރަށުގެ ބައެއް، ތަރައްގީ ކުރުމަށްފަހު އެ ރަށަކީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް އެކަށީގެންވާ ރަށެއް ނޫންކަން ފާހަގަ ވުމުން، އެ ރަށުގެ ބަދަލުގައި ރިސޯޓެއް ތަރައްގީ ކުރުމަށް އެހެން ރަށެއް ދިނުމުގައި، އަހުމަދު އިބްރާހިމް ދީދީ ބެރިންމަދޫއަށް ކޮށްފައިވާ އެއްވެސް ހަރަދަކަށް ބަދަލުދީފައިނުވާތީއާއި ބެރިންމަދޫ ސަރުކާރަށް ނެގުމަށްފަހު އެރަށުގައި އަލުން ރިސޯޓެއް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވައިލުމުން ޓޫރިޒަމް މިނިސްޓްރީއަށް ނާޖާއިޒް މަންފާ ލިބިފައިވާ ކަމަށްބުނެ އަހުމަދު އިބްރާހިމް ދީދީގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ބެރިންމަދޫގެ ބަދަލުގައި ރ.ފުރަވެރި ދިނުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގައި ގާނޫނާ ހިލާފު މާއްދާތަކެއް ހުރި ކަމަށްބުނެ އެފަދަ މާއްދާތައް ބާތިލު ކުރުމަށާއި އޭނާއަށް ލިބިފަިއވާ އެންމެހައި ގެއްލުންތަކުގެ ބަދަލު ނަގައިދިނުމަށްވެސް ހުށަހަޅާފައިވެއެވެ. އެގޮތުން ޖުމްލަ 50،432،079 ޑޮލަރާއި 160،864،225 އެކީ އެއްފަހަރާ ދައްކައި ހަލާސް ކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް މި މައްސަލައިގައި އޭނާ ވަނީ އެދިފައެވެ.

ނަމަވެސް މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ސިވިލްކޯޓުގައި ތާވަލުކޮށް އެ އަޑުއެހުމުގައި ބައިވެރިވުމަށް އަހުމަދު އިބްރާހިމް ދީދީއަށް ފޮނުވި ސިވިލް ކޯޓުގެ އަމުރާ އެއްގޮތަށް އޭނާގެ ފަރާތުން ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެފައި ނުވާތީ، މި ގަޒިއްޔާ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން މި ގަޒިއްޔާގެ ފޯމު ބާތިލު ކުރިއެވެ.

ސިވިލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އަހުމަދު އިބްރާހިމް ދީދީގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން އިއްޔެ ވަނީ ބޭރު ކޮށްލައިފައެވެ.

އެ މައްސަލައާމެދު ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ވަނީ، އަހުމަދު އިބްރާހިމް ދީދީގެ ފަރާތުން ހުށަހެޅި މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގައި "ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން" މިމަހުގެ އެއްވަނަ ދުވަހު މެއިލް އިން އަންގާފައިވާ މުއްދަތުގައި ރަޖިސްޓްރީ ފީ ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.