އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އެދިގެން ނޫން ގޮތަކަށް އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިން ކުޅެން ނުނެރޭނެ ކަމަށް އެޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

އާޖެންޓީނާއަށް ވޯލްޑް ކަޕްގެ ގަދަ 16ގެ ޖާގައެއް ލިބިފައިވަނީ ރޭ ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅެއް ހޯދުމުންނެވެ. އެ މެޗަށް ނުކުތް އިރު، އާޖެންޓީނާއަށް ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރެވެން އޮތީ ޕޮލެންޑް ބަލިކޮށްގެންނެވެ. އެކަމަކު ޕޮލެންޑަށް އެއްވަރުކޮށްލައިގެންވެސް ޖާގައެއް ކަށަވަރުކުރެވެން އޮތެވެ. ރޭގެ މެޗުން އާޖެންޓީނާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

"ގްރޫޕު ސީ" ގެ ގްރޫޕު ސްޓޭޖުގެ ފަހު މެޗުތައް ދިޔައީ ފޯރިގަދަކޮށެވެ. ފަހު މެޗާ ކުރިމަތިލީ އިރު، އާޖެންޓީނާ އާއި ޕޮލެންޑްގެ އިތުރުން މެކްސިކޯ އަދި ސައުދީ އަރަބިއާއަށް ވެސް ފުރުސަތު އޮތެވެ. އެއް ވަގުތެއްގައި ކުޅުނު ދެ މެޗު ވަކި ހިސާބަކަށް ދިޔަ އިރު، ހުރިހާ ގޮތަކުން ޕޮލެންޑާއި މެކްސިކޯ އެއްވަރުވެފައި ވެސް އޮތެވެ. އޭރު ބަލަން ޖެހިފައި އޮތީ ފެއާ ޕްލޭ ރެކޯޑަށެވެ. އެގޮތަށް ބަލައިގެން ކާޑު މަދުން ދެއްކި ޓީމުގެ ގޮތުގައި ކުރީގައި އޮތީ ޕޮލެންޑެވެ. އަލުން ގޯލުގެ ތަފާތަށް ބަލަން ޖެހުނީ ފަހު ވަގުތު މެކްސިކޯ ކޮޅަށް ސައުދީން ގޯލެއް ޖެހުމުންނެވެ. އެ މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެކްސިކޯ ކުރީގައި އޮވެގެންނެވެ.

ގްރޫޕުގެ އެއްވަނައިގައި އާޖެންޓީނާ ނިންމާލީ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ނިންމާލި ޕޮލެންޑް އަދި ތިންވަނައިގައި ނިންމާލި މެކްސިކޯއަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޕޮލެންޑް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ސައުދީއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މެސީއަށް ރެސްޓު ދިނުމުގެ ގޮތުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ވަކި ހިސާބެއްގައި އޭނާ ބަދަލުކުރަން ވިސްނާފައިވާނެތޯ ސުވާލުކުރުމުން މެޗަށްފަހު ސްކަލޯނީ ބުނީ އެފަދަ އެއްވެސް ވިސްނުމެއް ގެންގުޅެފައި ނުވާނެ ކަމަށެވެ.

"އަހަރެން ކައިރީ އެދިގެން ނޫން ގޮތަކަށް އަހަރެން މެސީ ބަދަލެއް ނުކުރާނަން. މެޗުގައި ގެނައި ބަދަލުތައް ވަރަށް ރަނގަޅަށް މަސައްކަތްކުރި. ހުރިހާ ކުޅުންތެރިންނަށް ވެސް ދައުރެއް އަދާކުރެވޭތީ ހިތްހަމަޖެހޭ. ހުރިހާ ކުޅުންތެރިންނަށް ވެސް މޮޅު ހައްގު. އަހަރެމެން އިދިކޮޅު ޓީމަށް ކައުންޓާ އެޓޭކުގައި ނުރައްކާކުރަން ވެސް ފުރުސަތެއް ނުދެން. އެއީ އެޓީމުގެ މައްސަލައެއް ނޫން. އެއީ އަހަރެމެން އެ ފުރުސަތު ނުދިނުމުން ނުކުރެވުނު ކަމެއް،" އާޖެންޓީނާ ކޯޗު ބުންޏެވެ.

ގަދަ 16 ގައި އާޖެންޓީނާ ނުކުންނަން ޖެހޭނީ "ގްރޫޕު ޑީ" ގެ ދެވަނަ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. ގްރޫޕު ސްޓޭޖަށްފަހު އެ މެޗު މާ އަވަހަށް ކުޅެން ޖެހޭތީ ސްކަލޯނީ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ދެ ދުވަސްތެރޭ އަނެއްކާ އެ މެޗުން ކުޅެން ޖެހުމަކީ އުނދަގޫކަމެއް. އަހަރެމެންނަކީ ފޭވަރިޓުންނެއް ނޫން. މި ނިންމައިލެވުނީ ވެސް އުނދަގޫ ގްރޫޕެއް. އަހަރެމެން ގްރޫޕުގެ އެއްވަނަ ހޯދުމަކީ އަދި މުޅިން މޮޅުވުމެއް ނޫން. އޮސްޓްރޭލިއާއިން ކުޅުނު ބައެއް މެޗުތަކުގެ ވީޑިއޯތައް އަހަރެމެން ބަލައިފިން. އެ ވީޑިއޯތަކަށް ބަލައި، އަހަރެމެން އެ މެޗަށް ތައްޔާރުވާނަން،" އޭނާ ބުންޏެވެ.

ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ ވާދަކުރަންޖެހޭ އޮސްޓްރޭލިއާ އަކީ އޭޝިއާއަށް ނިސްބަތްވާ ޓީމެކެވެ. ގްރޫޕު ސްޓޭޖުގައި އާޖެންޓީނާ ބަލިވި ސައުދީ އަކީ ވެސް އޭޝިއާއަށް ނިސްބަތްވާ ޓީމެކެވެ. ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދީ އަތުން އާޖެންޓީނާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ނަތީޖާއަކީ މުޅި ފުޓުބޯޅަ ދުނިޔެއަށް ސިހުން ގެނުވި ނަތީޖާއެކެވެ.