ޖަރުމަނަށް މިފަހަރުގެ ގަތަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސަލާމަތް ނުވެވުނަސް، އިސްތިއުފާ ދީފައި ދާން ވިސްނުން ނުގެންގުޅޭ ކަމަށް ކޯޗު ހާންސީ ފްލިކް ބުނެފިއެވެ.
ޖަރުމަނަށް އަމިއްލަ ބާރުގައި ގަދަ 16 އަށް ދެވެން އޮތީ މިރޭގެ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ކޮސްޓަ ރީކާ ބަލިކޮށްގެން އެކަންޏެވެ. އެހެން ނަމަވެސް ސްޕެއިނުން ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުގައި ސްޕެއިން މޮޅުވެއްޖެނަމަ، ޖަރުމަނަށް މޮޅަކާއެކު ގަދަ 16 ލިބޭނެއެވެ. ނޫން ނަމަ ޖެހޭނީ އަށްވަރަކަށް ގޯލުގެ ތަފާތަކުން މޮޅުވާށެވެ.
މި ވޯލްޑް ކަޕްގެ ކުރިން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް އެންމެފަހުގެ ޗެމްޕިއަނުން ގޮތުގައި ނުކުމެވެސް ޖަރުމަނަށް ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔަން ޖެހިފައިވާ އިރު، އެގައުމުގެ ތާރީހުގައި އަދި އަލަށްވެސް ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފައެއް ނުވެއެވެ. މިފަހަރު އެކަމުން ސަލާމަތް ކޮށްދިނުމުގެ ޒިންމާ އެޅިފައި އޮތީ މިދިޔަ އަހަރު ޓީމާ ހަވާލުވި، ކުރިން 2006 އިން 2014 އަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުރި ހާންސީ ފްލިކްގެ ބޮލުގައެވެ.
"ކެޓިޔަސް މަޑުކުރާނެ ކަމުގެ ޔަގީންކަން އަހަރެން ދެން. އަހަރެންގެ އެއްބަސްވުން އޮތީ 2024 އާ ހަމައަށް. އަމިއްލަ ގައުމުގައި ބާއްވާ ޔޫރޯއަށް އަހަރެންގެ ވިސްނުން އެބަހުރި. އެކަމަކު އެއީ އަދި ވަރަށް ދުވަސްކަންވެސް ހަނދާން ކުރަންވާނެ،" ފްލިކް ބުންޏެވެ.
މެޗާ ގުޅޭ ގޮތުން ފްލިކް ބުނީ ކޮސްޓަ ރީކާ ޑިފެންސް ކުރާނެ ކަމަށް ވިސްނޭ ކަމަށާއި، ބަލާނީ އަވަސްކޮށް ގޯލެއް ޖަހައި މެޗުން މޮޅުވެ އުންމީދު ކުރުމަށް ކަމަށެވެ.
"އަހަރެން ބަލާނީ އަވަހަށް ގޯލެއް ޖަހައި މި މެޗުން މޮޅުވާނެ ގޮތެއް. ސްޕެއިން ކައިރީ ދެއްކި ހިތްވަރު ދައްކައި، ކޮސްޓަ ރީކާ ޑިފެންސް ފޫއަޅުވާލަން ޖެހޭ. ތާވަލަށް ބަލައިލީމަ ކޮސްޓަ ރީކާއަށް ގަދަ 16ގެ ފުރުސަތު ފަހިކޮށް އޮތްތަން މި ފެންނަނީ. އެމީހުން މެޗު އެއްވަރުކޮށްލައި، ސްޕެއިން ކުޅޭ މެޗުން އެޓީމު މޮޅުވިޔަސް ގަދަ 16 އަށް ދާނެ. އެހެންވީމަ ޑިފެންސިވް ކޮސްޓަ ރިކާއެއް ފެންނާނީ،" ފްލިކް ބުންޏެވެ.
އިދިކޮޅަށް ނުކުންނަ ކޮސްޓަ ރީކާގެ ކޯޗު ލުއިސް ފެނާންޑީ ސުއަރޭސް ބުނީ ޖަރުމަނު ކަޓުވާލެވުމަކީ ފަހުރުވެރިވާނެ ކާމިޔާބީއަކަށް ވާނެ ކަމަށާއި، އެކަން ކުރަން އަޒުމެއްގައި ޓީމު ތިބި ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ކޮސްޓަ ރީކާއަށް ވޯލްޑް ކަޕްތަކަށް ގޮސް މޮޅަށް ކުޅުމަކީ "ޖެނެޓިކްސް" ކަމެއް ކަމަށާއި، ތާރީހަށް ބަލައިލުމުން އެ މަންޒަރު ފެންނާނެ ކަމަށެވެ. އޭނާ ބުނީ ދައްކަންވީ 2014ގެ ވޯލްޑް ކަޕް ވާހަކަ އެކަނި ނޫން ކަމަށާއި، 1990 ގައިވެސް ކޮސްޓަ ރީކާއިން ގަދަ 16 އަށް ދިޔައީ އެންމެން ހައިރާން ކޮށްލާފައި ކަމަށެވެ.
ކޮސްޓަ ރީކާ އާއި ޖަރުމަނު ވާދަކުރާ މެޗު މިރޭ އޮންނާނީ މެންދަމު 12:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022