ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގެ މެޗުތައް ރޭ ނިމިގެން ދިޔައީ އާދަޔާ ހިލާފު ފޯރިގަދަ ގޮތަކަށެވެ. ގްރޫޕް ސީގެ ފަހު ދެމެޗު ރޭ އެއްވަގުތެއްގައި ކުޅެވިގެން ދިޔަ އިރު، ގަދަ 16 ޔަގީންކުރީ އާޖެންޓީނާ އާއި، އާޖެންޓީނާ އަތުން ރޭ ބަލިވި ޕޮލެންޑެވެ. މެކްސިކޯއިން 2-1 އިން ސައުދީ އަރަބިއާ ބަލިކުރި ނަމަވެސް މެކްސިކޯއަށްވެސް ގަދަ 16 އެއް ނުލިބުނެވެ. އެއީ ފައިދާ ގޯލަށް ބަލައިގެންނެވެ.

މެޗުތައް ނިމުނު އިރު، ގްރޫޕުގެ އެއްވަނައިގައި އާޖެންޓީނާ ނިންމާލީ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ނިންމާލި ޕޮލެންޑް އަދި ތިންވަނައިގައި ނިންމާލި މެކްސިކޯއަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޕޮލެންޑް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ސައުދީއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ރޭ ސައުދީ އާއި މެކްސިކޯ ކުޅުނު މެޗުގެ ސްކޯ ފަހު މިނެޓާ ޖެހެންދެން 2-0 ގައި މެކްސިކޯ ކުރީގައި އޮތް އިރު، އެއިރު މެކްސިކޯ ކަޓަން އޮތީ ރީނދޫ ކާޑުގެ ފަރަގަށް ބަލައިގެންނެވެ. އެ ހާލަތު ބަދަލުވީ ފަހު ވަގުތު ސައުދީން ގޯލެއް ޖެހުމުންނެވެ. ރޭގެ މެޗަށް ނުކުތް އިރު މޮޅަކާއެކު ގަދަ 16 ޔަގީންކުރެވެން ސައުދީއަށް އޮތް ނަމަވެސް، އެޓީމަށް 1994 ވަނަ އަހަރުގެ ތާރީހު އިޔާދަ ނުކުރެވި ޖެހުނީ ކަޓައިގެން ދާށެވެ.

"ވޯލްޑް ކަޕަކީ ދުނިޔޭ ފުޓުބޯޅައިގެ އެންމެ މަތީ ފަންތި. އަހަރެމެން ގްރޫޕްގައި އޮތީވެސް ވަރަށް ފެންވަރު ރަނގަޅު ޓީމުތަކެއް. މިރޭގެ މެޗުގައި ސައުދީއަށްވުރެ މެކްސިކޯ މާ ބޮޑަށްވެސް ރަނގަޅު. ސައުދީން ދިޔައީ އުންމީދުކުރަމުން. އެކަމަކު މިރޭ ކުޅުނު ކުޅުމާއެކު ގަދަ 16 ހައްގެއް ނޫން. އަހަރެމެންގެ ކުޅުންތެރިން ހުރިހާ މަސައްކަތެއް ކުރި. އެ ކުޅުންތެރިންނަށް ފަހުރުވެރިވޭ، އަހަރެން އަބަދުވެސް ކުޅުންތެރިން ދިފާއުކުރާނަން،" ސައުދީގެ ކޯޗު ހާވޭ ރެނާޑް ބުންޏެވެ.

އަނެއްކޮޅުން މިއީ މެކްސިކޯގެ ވޯލްޑް ކަޕް ތާރީހުގައި ބޮޑު ފެއިލިއާއެކެވެ. މިދިޔަ ހަތް ވޯލްޑް ކަޕްގައިވެސް މެކްސިކޯ އިން ވޯލްޑް ކަޕްގެ ގަދަ 16 ހޯދާފައިވީ ނަމަވެސް މިފަހަރު ދިޔައީ ކަޓައިގެންނެވެ. އޭގެ ކުރިން ވޯލްޑް ކަޕްގައި ބޭންއެއްގެ ސަބަބުން މެކްސިކޯ ވާދަކޮށްފައި ނުވާ އިރު، 1986 ވަނަ އަހަރުވެސް އެގައުމުން ކުއާޓާ ކުޅުނެވެ. އެޓީމު ކޮލިފައިނުވެ އޮތީ އޭގެ ކުރީ ވޯލްޑް ކަޕަށެވެ. އެހެންކަމުން މިފަހަރު ގަދަ 16 ގެއްލުނީ 28 އަހަރަށްފަހުއެވެ.

"ކުރިން މެޗުތަކުގެ ނަތީޖާތަކަކުންނެއް ނޫން ކެޓީ. މިއަދު މެޗުން. ފުރުސަތު އޮތީމާ އެ ފުރުސަތުން ދެމިގަންނަން މެކްސިކޯ ނުކުތީ. އެ ގޯލުގެ ފަރަގުން. އަހަރެމެންނަށް މާ ކުރިންވެސް އެނގޭ ޕޮލެންޑް ރީނދޫކާޑު މަދުކަން. އެހެންވީމާ އަހަރެމެން ފެއިލްވީ މި މެޗުގައި ގޯލެއް ނުޖެހިގެން. މި ބޮޑު ފެއިލިއާއެކު ޒިންމާ އަހަރެން ނަގަން. މިއީ ބޮޑު ހިތާމައެއް. މި ހިތާމައާއެކު ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުންވެސް މި ނިމުނީ،" މެކްސިކޯގެ ކޯޗު ޓާޓާ މާޓިނޯ ބުންޏެވެ.

މާޓިނޯ ގައުމީ ޓީމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާއަކީ ބާސެލޯނާއާއި އާޖެންޓީނާގެ އިތުރުން އާޖެންޓީނާގެ އެކިއެކި ކްލަބުތަކުންވެސް ފާހަގަކޮށްލެވުނު ކޯޗެކެވެ.