ގަތަރު ވޯލްޑް ކަޕް 2022ގެ ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުގައި ޑެންމާކް ބަލިކޮށް، އޮސްޓްރޭލިއާއިން އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ދެވަނަ ފަހަރަށް ވޯލްޑް ކަޕް ގަދަ 16 ޔަގީންކުރިއެވެ. ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި އެ ނަތީޖާއާއެކު އޮސްޓްރޭލިއާ ގަދަ 16އަށް ދިޔައީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިފައެވެ. ގްރޫޕްގެ އެއްވަނަ ހޯދި ފްރާންސަށްވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އޮސްޓްރޭލިއާ ކައިރިން ފްރާންސަށް ކުރި ލިބުނީ ފައިދާ ގޯލުންނެވެ.
މިއީ އޮސްޓްރޭލިއާގެ ފުޓުބޯޅަ ތާރީހުގައިވެސް އެޓީމުން ވޯލްޑް ކަޕްގެ ގަދަ 16 އަށް ދިޔަ ދެވަނަ ފަހަރެވެ. 2006 ވަނަ އަހަރު މީގެ ކުރިން ގަދަ 16 އަށް ދިޔައީ ޖުމުލަ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. މިފަހަރު ޖެހިޖެހިގެން ދެމެޗުން މޮޅުވި އިރު، މިއީ އޮސްޓްރޭލިއާއަށް ވޯލްޑް ކަޕެއްގައި ޖެހިޖެހިގެން ހޯދުނު ފުރަތަމަ ދެމޮޅުވެސް މެއެވެ.
އޮސްޓްރޭލިއާއިން 2006 ވަނަ އަހަރު ވޯލްޑް ކަޕްގެ ގަދަ 16 އަށް ދިޔަ ޓީމުގައި އޭރު ދުނިޔޭގެ އެންމެ މަތީ ފަންތީގައި ކުޅެމުން ދިޔަ މާކް ވިޑޫކާއާއި ހެރީ ކިއުލް އަދި ޓިމް ކޭހިލް ފަދަ ތަރިން ހިމެނުނެވެ. އެއީ އެތައް ޒަމާނެއް ވަންދެން އޮސްޓްރޭލިއާގައި ލޭބަލްވެފައިވާ ރަން ޖީލެވެ. ރޭގެ މެޗުން ކުރިންވެސް ކޯޗު ގްރަހަމް އާނޯލްޑް ވަނީ އޮސްޓްރޭލިއާގެ ޔޫތު ޑެވަލޮޕްމަންޓަށް ފާޑު ކިޔައި، އާ ޖީލަކަށް ފުރުސަތު ނެތް ކަމަށް ބުނެފައެވެ. ރޭގެ މެޗަށްފަހު އޭނާ ބުނީ މިއީ އާ ރަން ޖީލެއް ކަމަށެވެ.
"އަހަންނަށް ހީވަނީ މިއީ އާ ރަން ޖީލެއްހެން. 2006 ވަނަ އަހަރުން ފެށިގެން އަހަރެމެން އަޑު އަހަމުން މިއައައީ އޭރު އޮތް ރަން ޖީލެއްގެ ވާހަކަ. އެ ޖީލަށް ގްރޫޕް ސްޓޭޖުގައި ހޯދުނީ ހަތަރު ޕޮއިންޓް. އެކަމަކު މި ޓީމަށް ހަ ޕޮއިންޓް ހޯދިއްޖެ. އެހެންވީމާ މިއީ އާ ރަން ޖީލެއް،" އާނޯލްޑް ރޭގެ މެޗަށްފަހު ބުންޏެވެ.
އާނޯލްޑް ބުނީ ކުޅުންތެރިންގެ ހިތްވަރަށް އޭނާ ސާބަސް ދޭ ކަމަށާއި، ނަތީޖާ ނެރުނީ ކެތްތެރި ކުޅުމެއް ކުޅެގެން ކަމަށެވެ. ރޭގެ މެޗުގެ ކުރީކޮޅުގައި ޑެންމާކް ނުރައްކާކުރި ނަމަވެސް އޮސްޓްރޭލިއާ ބޮޑަށް ބެލީ ޑިފެންސް ކުރުމަށެވެ. އެޓީމުގެ މެތިއު ލެކީ ގޯލު ޖެހީ ކައުންޓާ ފުރުސަތެއްގައެވެ.
ރޭގެ މެޗަށްފަހު ލެކީ ބުނީ ޓީމު އޮތީ އުފަލުން ފޮޅިފައި ކަމަށާއި، ގޯލު ޖެހުމާއެކު އެ ކުރެވުނު އިހުސާސް ބުނެދޭންވެސް ނޭނގޭ ކަމަށެވެ.
ރޭގެ މެޗަށްފަހު ޑެންމާކްގެ ކޯޗު ކެސްޕާ ޖުލްމާންޑް ބުނީ ބަލީގެ ޒިންމާއާއި ކެޓުމުގެ ޒިންމާވެސް ނަގާނީ އޭނާ ކަމަށާއި، އުންމީދު ކުރިވަރުގެ ނަތީޖާއެއް ނުނެރެވުމުން އެކަމުގައި މައާފައަށް އެދޭ ކަމަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022