ފްރާންސުން ޓިއުނީޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ގޯސްތަކުން ކަންކަން ރަނގަޅުކުރަން، ގިނަ ފިލާވަޅުތަކެއް ލިބިގަންނާނެ ކަމަށް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.

އެންމެފަހުގެ ޗެމްޕިއަން ފްރާންސުން ރޭ ގްރޫޕް ޑީގައި ކުޅުނު ފަހު މެޗުގައި ޓިއުނީޝިއާ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ކޮލިފިކޭޝަން ޔަގީންވެފައި އޮތުމާއެކު ކޯޗު ޑިޝޭމްސްޕްސް ވަނީ ފުރަތަމަ 11 އިން އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އެގޮތުން ރޭގެ ފުރަތަމަ 11 ގައި ކިލިއަން އެމްބާޕޭއާއި އުސްމާން ޑެމްބެލޭގެ އިތުރުން އެންޓޮއިން ގްރީޒްމަން އަދި އޮލިވިއާ ޖިރޫއަށްވެސް ކޯޗު ޑިޝޭމްޕްސް ފުރުސަތު ދީފައެއް ނުވެއެވެ.

ފްރާންސް ރޭގެ މެޗުން ބަލިވި ނަމަވެސް އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ގޮސްފައިވާ އިރު، އެ ގްރޫޕްގެ ދެވަނަ ހޯދީ އޮސްޓްރޭލިއާ އެވެ. އެ މޮޅަކީ ޓިއުނީޝިއާއަށް ހުވަފެނީ މޮޅެއް ނަމަވެސް، އެޓީމަށް ކުރިމަތިވި މާޔޫސްކަމަކީ ގަދަ 16 ނުލިބުމެވެ.

ރޭގެ މެޗަށް ފްރާންސުން ނެރުނު ފުރަތަމަ 11 އަށް މީޑިއާތަކުގެ ފާޑުކިޔުން އަމާޒުވާނެކަން އެނގިހުރެ، މެޗަށްފަހު ޑިޝޭމްޕްސް ބުނީ ރޭގެ ނަތީޖާއާއެކު ޓީމުން ކަންތައްތަކެއް ދަސްކުރާނެ ކަމަށެވެ.

"ކުޅުންތެރިން މިނަތީޖާއިން ކަންތައްތަކެއް ދަސްކުރާނެ. ޓިއުނީޝިއާ މެޗުގައި އަހަރެމެންނަށް ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތި ކުރުވި. އެޓީމުން ނުކުތީ ޖޯޝުގައި މެޗު ނަގަން. އަހަރެމެންނަށް ބަލަހައްޓައިގެން ތިބެވުނީ. ހަމަލާތައް ހުއްޓުވުމުގައިވެސް ފަހަތަށް ޖެހެވުނު. އަދި ވަރަށް ބައިވަރު ގޯސްތައްވެސް ހެދުނުތަން ފެނުނު. ތަޖުރިބާކާރު ބައެއް ކުޅުންތެރިންނާއެކު ފަހުކޮޅުގައި ކުޅުން ރަނގަޅު ކުރެވުނު ނަމަވެސް ބޮޑުބައެއްގައި ފެނުނީ ދަށްކޮށް،" ޑިޝޭމްޕްސް ބުންޏެވެ.

ކޯޗު ޑިޝޭމްޕްސް އިތުރަށް ބުނީ ރޭގެ މެޗުން ބަލިވުމާއެކު ގްރޫޕް ސްޓޭޖުގައި ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލުނުވި ނަމަވެސް، ގަދަ 16 އަށް ދެވުން އެއީ ހާސިލުކުރެވުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

ފްރާންސުން ގަދަ 16ގައި ނުކުންނަން ޖެހޭނީ ގްރޫޕް ސީގެ ރަނަރަޕް ޕޮލެންޑާ ދެކޮޅަށެވެ.