ގަތަރު ވޯލްޑް ކަޕް 2022

އާޖެންޓީނާ ގަދަ 16 އަށް، ހަނި ގޮތަކަށް ޕޮލެންޑަށް ވެސް ޖާގައެއް

ވޯލްޑް ކަޕްގެ "ގްރޫޕު ސީ" ގައި ޕޮލެންޑް ބަލިކޮށް، އާޖެންޓީނާ އިން ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.

ގަތަރުގެ ސްޓޭޑިއަމް 974 ގައި މިރޭ ކުޅުނު މެޗުގައި ޕޮލެންޑްގެ މައްޗަށް އާޖެންޓީނާ އިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އާޖެންޓީނާއަށް ވަނީ ގަދަ 16 ގެ ޖާގައެއް ލިބިފައެވެ.

މެޗަށް ނުކުތް އިރު، އާޖެންޓީނާއަށް ގަދަ 16 ގެ ޖާގައެއް ލިބެން އޮތީ ޕޮލެންޑް ބަލިކޮށްގެންނެވެ. އަނެއްކޮޅުން ޕޮލެންޑަށް އާޖެންޓީނާ އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ފުރުސަތު ލިބެން އޮތެވެ.

ގްރޫޕު ސީގެ ފަހު މެޗުތައް މިރޭ އެއް ވަގުތެއްގައި ކުރިއަށްދިޔަ އިރު، އަނެއް މެޗުގައި ވާދަކުރީ ސައުދީ އަރަބިއާ އާއި މެކްސިކޯއެވެ. އެ މެޗުން މެކްސިކޯ ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މެޗުތައް ނިމުނު އިރު، ގްރޫޕުގެ އެއްވަނައިގައި އާޖެންޓީނާ ނިންމާލީ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ނިންމާލި ޕޮލެންޑް އަދި ތިންވަނައިގައި ނިންމާލި މެކްސިކޯއަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޕޮލެންޑް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ސައުދީއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މިރޭގެ މެޗު ފެށުނީއްސުރެ، އާޖެންޓީނާ އިން ދިޔައީ ޕޮލެންޑްގެ ގޯލަށް ނުރައްކާކުރަމުންނެވެ. އާޖެންޓީނާގެ ފޯވަޑް ލައިން ނުރައްކާކޮށް ފެނުނު އިރު، ކެޕްޓަން ލިއޮނެލް މެސީ އާއި ޖޫލިއަން އަލްވަރޭޒްގެ ނުރައްކާތައް ފާހަގަކޮށްލެވެއެވެ.

މެޗުގެ 11 ވަނަ މިނެޓުގައި އާޖެންޓީނާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ތަރި މެސީ ފޮނުވާލި ހަމަލާ، ވޮޖްސިއެޗް ޝެޒްނީ ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން އާޖެންޓީނާގެ މާކޮސް އަކޫނާއަށް ވެސް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އޭނާގެ އެ ދެ ހަމަލާ ވެސް ޕޮލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 36 ވަނަ މިނެޓުގައި އާޖެންޓީނާގެ އިތުރު ނުރައްކަލެއް ފެނިގެންދިޔައެވެ. މެކް އަލިސްޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަލްވަރޭޒް ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ކީޕަރު ޝެޒްނީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ރީބައުންސް ބޯޅައިން އަލްވަރޭޒް ނަގައިދިން ހުރަހުން މެސީ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 39 ވަނަ މިނެޓުގައި އާޖެންޓީނާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ވީއޭއާރަށް ބެލުމަށްފަހު ރެފްރީ އެ ޕެނަލްޓީ ދީފައިވަނީ ޕެނަލްޓީ އޭރިއާ ތެރެއިން މެސީއަށް ކީޕަރު ޝެޒްނީ ފައުލުކުރި ކަމަށް ނިންމައިފައެވެ. މެސީ ފޮނުވާލި އެ ޕެނަލްޓީ، ޕޮލެންޑްގެ ކީޕަރު ޝެޒްނީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އެއީ މިފަހަރުގެ ވޯލްޑް ކަޕްގައި ޝެޒްނީ މަތަކުރި ދެވަނަ ޕެނަލްޓީއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، އާޖެންޓީނާއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އަލްވަރޭޒް ފޮނުވާލި ހަމަލާ، ޕޮލެންޑްގެ ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ޑި ޕޯލް ފޮނުވާލި ހަމަލާ ވެސް ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

އާޖެންޓީނާ އިން ވަނީ ދެވަނަ ހާފު ފެށިތާ ދެ މިނެޓު ތެރޭ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ނަހުއެލް މޮލީނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލެކްސިސް މެކް އެލިސްޓާއެވެ.

އެ ގޯލަށް ފަހު ވެސް އާޖެންޓީނާ ފެނުނީ ނުރައްކާކޮށެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގައި މެސީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަލްވަރޭޒް ފޮނުވާލި ހަމަލާ، ޕޮލެންޑް ޑިފެންޑަރު މެޓީ ކޭޝް ވަނީ ބްލޮކްކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ނިކޯލާ ޓަގްލިއަފީކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެކް އެލިސްޓާ ފޮނުވާލި ހަމަލާ، ޕޮލެންޑް ކީޕަރު ޝެޒްނީ ވަނީ މަތަކޮށްފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އެންޒޯ ފެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލްވަރޭޒެވެ.

އޭގެ ފަހުން ވެސް އާޖެންޓީނާއަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 71 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހަމަލާއެއް ޕޮލެންޑް ކީޕަރު ޝެޒްނީ ވަނީ މަތަކުރި އިރު، އޭގެ ދެ މިނެޓު ފަހުން އަލްވަރޭޒް ފޮނުވާލި ހަމަލާ ދިޔައީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް އާޖެންޓީނާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޓަގްލިއަފީކޯ ފޮނުވާލި ހަމަލާ، ޕޮލެންޑް ޑިފެންޑަރު ކީވިއޯ ވަނީ ގޯލު ލައިންމަތިން ދިފާއުކޮށްފައެވެ.