ގަތަރު ވޯލްޑް ކަޕް 2022

28 އަހަރަށްފަހު މެކްސިކޯއަށް ގަދަ 16 ގެއްލިއްޖެ

ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގައި މިރޭ ކުޅުނު މެޗުގައި ސައުދީ އަރަބިއާ ބަލިކުރި ނަމަވެސް، މެކްސިކޯއަށް ގަދަ 16 ގެ ފުރުސަތު ގެއްލިއްޖެއެވެ.

ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު މެކްސިކޯއިން 2-1 އިން ކާމިޔާބުކުރި ނަމަވެސް އެޓީމަށް ގަދަ 16 ގެއްލުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެޓީމަށް ފައިދާ ގޯލުގެ ފަރަގުން ގްރޫޕްގެ ގަދަ ދޭއް ގެއްލުނީ ސައުދީން ފަހު މިނެޓުގައި ޖެހި ގޯލާއެކުއެވެ. އޭގެ ކުރިން ހުރިހާ ގޮތަކުންވެސް ގްރޫޕް ސީގެ ދެވަނައިގައި އޮތް ޕޮލެންޑާ މެކްސިކޯ އެއްވަރުވެ، އެޓީމަށް ތިންވަނަ ލިބުނީ ޕޮލެންޑަށްވުރެ ރީނދޫ ކާޑު އިތުރުކޮށް އޮތުމުންނެވެ. އެ ހާލަތުގައި ގަދަ 16 ގެއްލެން ދަނިކޮށް ސައުދީ ގޯލު ޖެހުމާއެކު މެކްސިކޯއަށް ގަދަ 16 ގެއްލުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގެ އެއްވަނަ ހޯދީ އާޖެންޓީނާއެވެ.

މެޗަށް ނުކުންނަ އިރު ދެޓީމަށްވެސް ގަދަ 16 ގެ ފުރުސަތު އޮތެވެ. 1994 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ގަދަ 16އަށް ކުރަމުންދިޔަ މަސައްކަތުގައި ސައުދީއަށް އޮތީ މިރޭގެ މެޗުން މެކްސިކޯ ބަލިކުރުމެވެ. މެޗުގެ ކުރިން ސައުދީ ކޯޗު ހާވޭ ރެނާޑް ބުނީ މިހާރު އޮތް ސައުދީ ފުޓުބޯޅަ ވަރުގަދަ ޖީލުގެ ނަން އަބަދަށް ތާރީހުގައި ލިޔެލުމަށް މިރޭގެ މެޗުން މޮޅުވެ، ގަދަ 16 އަށް ދިޔުން މުހިއްމު ކަމަށެވެ.

މެޗު ވެގެންދިޔައީ އެގައުމުގެ ގައުމީ ކަމަކަށެވެ. ވަރަށް ބޮޑަށް ގައުމީ ޖޯޝުގައި ގާތްގަނޑަކަށް 50،000 އަށްވުރެ ގިނަ ސައުދީ ސަޕޯޓަރުން މިރޭ ލުސައިލް ސްޓޭޑިއަމްގައި އަޑު ހަރުކޮށް ސަޕޯޓް ކޮށްފައިވެއެވެ.

އަނެއްކޮޅުން ނުކުތް މެކްސިކޯއަށް އޮތީ އުނދަގޫ މަގެކެވެ. މެޗަށް ނުކުތް އިރު، އަމިއްލަ ބާރުގައި ގަދަ 16 ޔަގީން ކުރުމަށް އެޓީމަށް އޮތީ ހަތަރު ގޯލަށްވުރެ ބޮޑު ފަރަގަކުން މޮޅުވާން ޖެހިފައެވެ. އެހެން ނަމަވެސް އެ ފުރުސަތު ބޭނުންކުރަން ތައްޔާރު ކަމަށް މެޗުގެ ކުރިން ޓީމުގެ ކޯޗު ޓާޓާ މާޓީނޯ ބުނެފައިވެއެވެ.

މެޗު ފެށީ ހަމަލާއަކަށް ފަހު ހަމަލާއަކާ އެކީގައެވެ. ފުރަތަމަ މިނެޓުން ފެށިގެންވެސް ފޯރިގަދަކޮށް ފެނުނު މެޗުގެ ދެވަނަ މިނެޓުގައި މެކްސިކޯއަށް ފުރުތަމަ ފުރުސަތު ފަހިވެގެން ދިޔައެވެ. ޗާވޭސް ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ މިނެޓެއް ފަހުން ވޭގާ ހުސްކޮށް އަރައި ފޮނުވާލި ބޯޅައަށް ނުކުމެ މަތަކުރީ ސައުދީގެ ގޯލްކީޕަރު އަލް އޮވައިސެވެ.

މެކްސިކޯއިން ރަނގަޅަށް ފަށައި، ސައުދީގެ އެތައް ހާސް ސަޕޯޓަރުންނެއްގެ އަޑު މަޑުކޮށްލިއެވެ. އެ ސަޕޯޓަރުންގެ އުންމީދުތަކަށް ސައުދީއަށް ރައްދު ދޭން މަޖުބޫރުވި އިރު، ދެންވެސް ފެނުނީ މެކްސިކޯގެ ހަމަލާއެކެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ގަލާޑޯ އަރިމަތިން ނެގި ހުރަސް މާޓިން ފައިގައި ޖައްސައި ގޯލަށް ފޮނުވާލުމުންވެސް މަތަކުރީ ސައުދީ ކީޕަރު އަލް އޮވައިސެވެ.

މެކްސިކޯގެ ހަމަލާތަކަށްފަހު، ސައުދީން ހަނި ދޭތެރެއަކުން ހަމަލާއެއް ފަހިކުރިއެވެ. ކުރިއަށް ޖެހި ސައުދީން ތަނަވަސްކުރި ފުރުސަތުގައި ކަނޯ ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ. ދެކޮޅަށްވެސް ހަމަލާތަކާއެކު ފެށި މެޗު މަޑު ޖެހިލީ 15 ވަރަކަށް މިނެޓަށް ފަހުއެވެ. އެފަހުން ދެން ފެނިގެން ދިޔައީ މެކްސިކޯއިން ބޯޅަ ހިފަހައްޓައިގެން ހަމަޖެހިލިތަނެވެ.

މެކްސިކޯއިން ބޯޅަ ހިފަހައްޓައި ހާފު ނިންމާލީ އިތުރު ހަމަލާތަކަކާވެސް އެކުގައެވެ. އެގޮތުން ޕިނޭޑާގެ ދެ ހަމަލާއެއް ނުރައްކާކޮށް ފެނުނު އިރު، އެ ދެ ހަމަލާވެސް ބޭރުވީ ބްލޮކް ވެގެންނެވެ. ހާފުގެ ފަހު ކޮޅުގައި ސައުދީން ގޯލު ޖަހަން މަސައްކަތްކޮށް ކުރިއަށް ޖެހުނު ނަމަވެސް ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހިއެވެ.

ދެވަނަ ހާފަށްވެސް މެކްސިކޯ އިން ނުކުތީ ތަފާތު ރޫހެއްގައެވެ. އެޓީމުން ހާފުގެ ފުރަތަމަ މިނެޓުގައި ގޯލުވެސް ޖެހިއެވެ. މެކްސިކޯ ގޯލު ޖެހީ ކޯނަރަކުން މޮންޓޭސް ބޮލުގައި ޖެހިފައި ދިޔަ ބޯޅައަށް އަރައި، މާޓިން ފައިން ގޯލަށް ވައްދާލި ބޯޅައިންނެވެ. އެ ގޯލަކުން މެކްސިކޯ ނިންމާލީކީ ނޫނެވެ. ގަދަ 16 އަށް ބޮޑު އުންމީދެއް ހޯދަން، ދެވަނަ ގޯލެއްވެސް އޭގެ ފަސްވަރަކަށް މިނެޓް ފަހުން ޖެހިއެވެ.

އެ ގޯލަކީ މިހާތަނަށް ވޯލްޑް ކަޕްގައި ފެނުނު އެންމެ ހިތްގައިމު އެއް ގޯލެވެ. ޗާވޭސް ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ހިތްގައިމު ހިލޭ ޖެހުން އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. އެ ގޯލާއެކު މެކްސިކޯ އުންމީދު އާކުރިއެވެ. އިތުރު ގޯލަކާއެކު ޕޮލެންޑް ކަޓުވާލަަން ބުރަކޮށް މަސައްކަތް ކުރިއެވެ.

އެ މަސައްކަތުގައި އެތައް ހަމަލާއެއްވެސް އުފެއްދިއެވެ. އެގޮތުން 70 ވަނަ މިނެޓުގައި މާޓިންއަށް ހުސްކޮށް ފޮނުވާލަން ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ މާ މަތިން ބޭރަށެވެ. އަދި އޭގެ ފަހުން ޗާވޭސްގެ ނުރައްކާތެރި ހިލޭ ޖެހުން މަތަކުރީ ސައުދީގެ ގޯލްކީޕަރު އޮވައިސްއެވެ.

ގްރޫޕްގެ އަނެއް މެޗުގައި އާޖެންޓީނާއާއި ޕޮލެންޑް ވާދަކުރަމުން ދިޔަ އިރު، އެ މެޗުގައި އެވަގުތު އާޖެންޓީނާއިން ލީޑުކުރަމުން ދިޔައީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މެކްސިކޯއާއި ޕޮލެންޑް ޕޮއިންޓް ތާވަލުގައި ހުރިހާ ގޮތަކުން އެއްވަރުވެފައި އޮތް އިރު، ޕޮލެންޑް ދެވަނައިގައި އޮތީ ފެއާ ޕްލޭ ރެކޯޑަށް ބަލައިގެންނެވެ. މެކްސިކޯއަށް ބޭނުންވެފައި އޮތީ ގޯލެކެވެ.

މެޗުގެ ފަހު މިނެޓާ ޖެހެންދެން އެޓީމުން ބުރަކޮށް ގޯލަކަށް މަސައްކަތް ކުރި ނަމަވެސް އެކަމެއް ހާސިލެއް ނުވިއެވެ. ކައުންޓާގައި ސައުދީއަށް ގޯލު ޖަހައިދިނީ އަލް ދައުސާރީއެވެ. މެކްސިކޯ ހިތްދަތިކަމާއެކު ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައެވެ. މިދިޔަ ހަތް ވޯލްޑް ކަޕްގައިވެސް މެކްސިކޯ އިން ވޯލްޑް ކަޕްގެ ގަދަ 16 ހޯދާފައިވީ ނަމަވެސް މިފަހަރު ދިޔައީ ކަޓައިގެންނެވެ. އޭގެ ކުރިން ވޯލްޑް ކަޕްގައި ބޭންއެއްގެ ސަބަބުން މެކްސިކޯ ވާދަކޮށްފައި ނުވާ އިރު، 1986 ވަނަ އަހަރުވެސް އެގައުމުން ކުއާޓާ ކުޅުނެވެ. އެޓީމު ކޮލިފައިނުވެ އޮތީ އޭގެ ކުރީ ވޯލްޑް ކަޕަށެވެ. ސައުދީއަށްވެސް އަނެއްކާ މި ޖެހުނީ ދެން އަންނަ ވޯލްޑް ކަޕަކަށް އިންތިޒާރު ކުރާށެވެ.