ޚަބަރު

ޝިމާޒަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

މުހައްމަދު އިޝާން

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީއަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ ޝިމާޒަށް ހަމަލާދިން މައްސަލައިގައި މިމަހުގެ 22 ވަނަ ދުވަހު 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 23 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކުރިމިނަލް ކޯޓުގައި އަމުރުގައިވާ ގޮތުން ޝިމާޒަށް ހަމަލާދިން މައްސަލައިގެ ތުހުމަތައް ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ ޑޭޒީމާގެ (މިހާރު އުޅޭ އެޑްރެސް، ހ. ހިޔާކޯޅި ދެ ވަނަ ފަންގިފިލާ ބީ) މުހައްމަދު ޝާވީ އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތެވެ.

އަމުރުގައިވާ ގޮތުން މާރާމާރީގެ ކުށުގެ ތުހުމަތު އޭނާއަށް ކުރެވޭ މިންވަރަށް ވަނީ ހެކި ލިބިފައެވެ. އެ ހެއްކަކީ މުހައްމަދު ޝާވީ ތަހުގީގަށް ދީފައިވާ ބަޔާން ކަމަށް އަމުރުގައި ބުންޏެވެ.

އަމުރުގައި ބުނީ ޝާވީ ފުލުހުންގެ ބަންދުން ދޫކޮށްލަން އަމުރުކޮށްފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިހުތިމާލު އޮތުމުން އޭނާ ބަންދު ކުރަން ޖެހޭ ކަމަށެވެ.