އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ އަށް 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް ހައިކޯޓުން ކުރި އަމުރާ އެެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ މުސްއަބްގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަަހަޅައިފިއެވެ.
މުސްއަބަށް މުސާރަ ނުލިބޭ ގޮތަށް ދުވަސްތަކަކަށް ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރީ 10 ސެޕްޓެމްބަރު 2019 ގައެވެ. އެއީ އެސްއޭޕީ ސޮފްޓްވެއާގައި ރަޖިސްޓްރީކޮށް މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ގަވާއިދާ ހިލާފަށް މުސާރަ ދިނުމާއި ވަޒިފާއާ ގުޅުންހުރި ކަންކަމުގައި އިހުމާލުވުމާއި ނުފޫޒު ބޭނުންކުރުމާއި 17 މެއި 2019 ގައި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓުވީޓާގައި އާއްމުކުރި މައްސަލައެއް ތަހުގީގު ކުރުމަށްފަހުގައެވެ.
އެކަމާ ގުޅިގެން މުސްއަބުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ކޯޓުގައި އޭނާ އެދުނީ ވަޒީފާއިން ވަކިކުރީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ނިންމުން ބާތިލުކޮށްދިނުމުގެ އިތުރުން، އޭނާ ސަސްޕެންޑް ކުރީ ގާނޫނާ ހިލާފަށް ކަމަށާއި ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމަށާއި މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިޔާދަކުރުމާ ހަމައަށް ވަޒީފާގައި ދެމިހުރި ނަމަ ލިބޭނެ މުސާރައާއި އިނާޔަތްތައް ހޯދުމަށާއި ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލައިގައި ކުރިއަށްދާން ޖެހުމުން ހަރަދު ކުރަންޖެހުނު އެންމެހާ ފައިސާ ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ނަގައި ދިނުމަށް އަމުރު ކޮށްދިނުމަށެވެ.
އޮކްޓޯބަރު 2019 ގައި ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ އެ ކޯޓުން ބަލައި، ޑިސެމްބަރު 2020 ގައި ކުރި ހުކުމުގައި ވަނީ އެގޮތަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގާ އަމުރުކުރާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް މުސްއަބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ހައިކޯޓުން މިދިޔަ އޯގަސްޓް މަހުގެ 28 ގައި ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ، މުއްސަބުގެ މައްޗަށް ގިނަ މައްސަލަަތަކެއް ތަހުގީގު ކުރި ކަމަށް އޮތް ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ޗިޓުގައި ހަވާލާދީފައި ވަނީ ސިއްރު ލިޔުން ޓުވީޓާގައި އާއްމުކުރި މައްސަލައަށް އެކަނި ކަމަށެވެ.
ޓުވީޓާގައި ހާމަކޮށްފައިވަނީ ސިއްރު މައުލޫމާތު ކަމަށް ދައުލަތުން ބުނާ ލިޔުމަކީ އިސްލާމިކް މިނިސްޓްރީން 13 ނޮވެމްބަރު 2018 ގައި އޭސީސީއަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެ ކޮމިޝަނުން މިނިސްޓްރީއަށް ފޮނުވި، މައްސަލަ ނިންމި ގޮތް ކަމަށާއި އެ ލިޔުމަކީ އެއް ސިޓީއެއްގެ ގޮތުގައި މުސްއަބަށާއި އިސްލާމިކް މިނިސްޓްރީއަށް ފޮނުވުމަށްފަހު އޭސީސީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ސިޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެ ސިޓީގެ ސްކްރީން ޝޮޓަށް ބަލައި އިރު، އޭގައި ފެންނަން އޮތީ ހަމައެކަނި މައްސަލަ ނިންމި ގޮތުގެ ކޮންޓެންޓް، އެއީ އޭސީސީން އިސްލާމިކު މިނިސްޓްރީއަށް ފޮނުވި ސިޓީއެއްކަން އެނގޭނެ އެއްވެސް ކަމެއް ފެންނާކަށް ނެތް، އަދި އެކަން ސާބިތުކޮށްދެވޭނެ ހެތްކެއް ގަރީނާއެއްވެސް ދައުލަތުން ހުށަހަޅާފައިވާކަން އެނގޭކަށް ނެތް، އެހެންކަމުން އެ މައްޗަށް ބިނާކޮށް މުސްއަބު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ސިއްރު މައުލޫމާތަކީ ކޮބައިކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވޭ،" ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، ސަރުކާރުގެ އިދާރާއަކުން އަނެއް އިދާރާއަކަށް ފޮނުވާފައިވާ ލިޔުމެއް މުސްއަބު އަމިއްލަ ހައިސިއްޔަތުން ހާމަކޮށްފައިވާ ކަމަަށް ނުދެކޭ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދާ ހިލާފަށް އޭނާ ދައުލަތުގެ ސިއްރު މައުލޫމާތެއް ހާމަކޮށްފައިވާ ކަމަަށް ބުނެ އެ މައްޗަށް ބިނާކޮށް އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ބުނާ ސަަބަބު ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް ހައިކޯޓުން އަމުރުކުރީ މުސާރަ ނުލިބޭ ގޮތަށް މުސްއަބް ވަޒީފާއިން ސަސްޕެންޑް ކޮށްފައި ހުރި މުއްދަތުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 86333 ރުފިޔާ އަދި އޭނާ ވަޒީފާއިން ވަކިކުރި ތާރީހު ކަމަށްވާ 10 ސެޕްޓެމްބަރު 2019 އިން ފެށިގެން މުއްސަބާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ހަދާފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރިހު ކަމަށްވާ 24 ޖުލައި 2022 އާ ހަމައަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ 1,101,333 އާއެކު ޖުމުލަ 1,187,666 ރުފިޔާ 14 ދުވަހުގެ ތެރޭގައި މުސްއަބް އަށް ދެއްކުމަށެވެ.
ނަމަވެސް އެ އަމުރާ އެއްގޮތަށް މިހާތަނަށްވެސް އެ ފައިސާ ދައްކާފައި ނުވާތީ އެ މައްސަލަ މުސްއަބު ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނެފައި ވަނީ އެ އަމުރާ އެއްގޮތަށް ފައިސާ ޖަމާކޮށްފައި ނުވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު