ޚަބަރު

ވިނަރެސް ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ "ވިނަރެސް" އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވެ ފޯމު ހުށަހެޅި މީހުންގެ ތެރެއިން އެކަމަށް ޝަރުތު ހަމަވި މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ވިނަރެސް ހައުސިން މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް އެޗްޑީސީން އާންމުކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހަޅަން ދިނީ ތިން ދުވަހެވެ.

އެޗްޑީސީން މިހާރު ވަނީ، ޝަކުވާ އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެ ކޯޕަރޭޝަނުގެ މައިހުޅުމާލެ ހައުސިން ޕޯޓަލް މެދުވެރިކޮށް އެކަމެއް ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.

ލިސްޓު އާއްމުކުރުމަށްފަހު އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ ވިނަރެސް އެޕާޓްމަންޓް ގަތުމަށް ޖުމުލަ 1413 މީހުން ފޯމު ހުށަހެޅި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 723 މީހުން ކަމަށް ވިދާޅުވިއެވެ.