ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕްގެ ތާރީހުގައި މެޗަކުން ފެންނާނެ ފުރަތަމަ އަންހެން ރެފްރީއަކަށް ފްރާންސްގެ ފްރެޕާޓް

އަލީ ރިފްޝާން

ފިރިހެނުންގެ ވޯލްޑް ކަޕްގައި ރެފްރީކަން ކުރާ ފުރަތަމަ އަންހެން ރެފްރީއަށް ވުމުގެ ޝަރަފު ފްރާންސްގެ ސްޓެފަނީ ފްރެޕާޓަށް ލިބިއްޖެއެވެ.

ފްރާންސްގެ ރެފްރީ ފެނިގެންދާނީ އަންނަ ހުކުރު ދުވަހު ކޮސްޓަ ރީކާ އާއި ޖަރުމަން ބައްދަލުކުރާ "ގްރޫޕު އީ" ގެ މެޗުގައެވެ. އެ މެޗާއެކު ފްރެޕާޓް ވެގެންދާނީ ވޯލްޑް ކަޕްގެ 92 އަހަރުގެ ދިގު ތާރީހުގައި ރެފްރީކަން ކުރާ ފުރަތަމަ އަންހެން ރެފްރީއަށެވެ.

އުމުރުން 38 އަހަރުގެ ފްރެޕާޓަކީ މީގެ ކުރިން ވެސް ރެކޯޑުތަކެއް ހަދާފައިވާ ރެފްރީއެކެވެ. އެގޮތުން މިދިޔަ އަހަރު އޭނާ ވަނީ ފިރިހެނުންގެ ވޯލްޑް ކަޕް ކޮލިފައިންގެ މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީގެ ރެކޯޑު ވެސް ހަދައިފައެވެ. އޭގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ފްރާންސް ލީގުގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީގެ ރެކޯޑު ވެސް އޮންނަނީ ފްރެޕާޓްގެ އަތުގައެވެ. އަދި ޔޫރޯ 2020 ގައި ވެސް އޭނާ ފެނިގެންދިޔައެވެ.

ފީފާ އިން ވަނީ ފުރަތަމަ ފަހަރަށް ފިރިހެނުންގެ ވޯލްޑް ކަޕްގައި އަންހެން ރެފްރީން ބޭނުންކުރަން ނިންމައިފައެވެ. އެގޮތުން ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި އަންހެން ތިން ރެފްރީއަކު ހިމެނެއެވެ. ފްރެޕާޓްގެ އިތުރުން ދެން ހިމެނެނީ ރުވާންޑާގެ ސަލީމާ މުކަންސަންގާ އާއި ޖަޕާނުގެ ޔޮޝީމީ ޔަމަޝީޓާ އެވެ.

އުމުރުން 34 އަހަރުގެ މުކަންސަންގާ އަކީ އެފްރިކަން ކަޕް އޮފް ނޭޝަންސް މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީއެވެ. އޭގެ އިތުރުން އޭނާ ވަނީ އޮލިމްޕިކްސް، ފީފާ އަންހެން ވޯލްޑް ކަޕް، އެފްރިކާގެ އަންހެން ޗެމްޕިއަންސް ލީގުގައި ވެސް ރެފްރީކަން ކޮށްފައެވެ. އޭނާ ވެގެންދާނީ އެފްރިކާ ބައްރުން ފިރިހެން ފުޓުބޯޅައިގެ ބޮޑު އިވެންޓެއްގައި ރެފްރީކަން ކުރާ ފުރަތަމަ އަންހެން ރެފްރީއަށެވެ.

އުމުރުން 36 އަހަރުގެ ޔަމަޝީޓާ އަކީ އޭއެފްސީ ޗެމްޕިއަންސް ލީގު އަދި ޖަޕާނު ލީގުގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީއެވެ. އޭނާ ވަނީ 2020 ވަނަ އަހަރު އޮލިމްޕިކްސްގެ ފިރިހެން ފުޓުބޯޅަ މެޗެއްގައި ވެސް ރެފްރީކަން ކޮށްފައެވެ.

ފްރެޕާޓް ރެފްރީކަން ކުރާ ކޮސްޓަ ރީކާ އާއި ޖަރުމަންގެ މެޗަކީ ޗެލެންޖިން މެޗަކަށް ވާނެއެވެ. ގަދަ 16 ގެ ޖާގައެއް ހޯދުމަށް އެ މެޗުން މޮޅެއް ހޯދުން ޖަރުމަނަށް މަޖުބޫރުވާނެއެވެ. ކޮސްޓަ ރީކާއަށް ވެސް ޖަރުމަން ބަލިކޮށްގެން ގަދަ 16 ގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

"ގްރޫޕު އީ" ގެ ފަހު މެޗުތައް އަންނަ ހުކުރު ދުވަހު ކުޅޭ އިރު، ޖަރުމަނާއި ކޮސްޓަ ރީކާގެ އިތުރުން ސްޕެއިނާއި ޖަޕާނަށް ވެސް ގަދަ 16 ގެ ފުރުސަތު އެބައޮތެވެ. ގްރޫޕުގެ އަނެއް މެޗުގައި ވާދަކުރާނީ ސްޕެއިނާއި ޖަޕާނެވެ. އެ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ސްޕެއިނަށް ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ. ނަމަވެސް ޖަޕާނަށް އޮތީ މެޗުން މޮޅުވުމެވެ. ޖަޕާނުން ފުރަތަމަ މެޗުގައި ޖަރުމަން އަތުން ހޯދި މޮޅަކީ ހައިރާންކުރަނިވި މޮޅެކެވެ. އަދި ސްޕެއިނަކީ އެޓީމުގެ ފުރަތަމަ މެޗުގައި 7-0 ގެ ނަތީޖާއަކުން ކޮސްޓަ ރީކާ ބަލިކުރި ޓީމެވެ. އެއީ މިފަހަރުގެ މުބާރާތުގައި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

އެ ގްރޫޕުގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ސްޕެއިނުން ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޖަޕާނާއި ތިންވަނައިގައި އޮތް ކޮސްޓަ ރީކާ، އެއިން ކޮންމެ ޓީމަކަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ޖަޕާން ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގެ ފުލުގައި އޮތީ ދެ މެޗުން އެއް ޕޮއިންޓް ލިބިފައިވާ ޖަރުމަނެވެ. ޖަރުމަނަށް ލިބުނު ޕޮއިންޓަކީ ސްޕެއިން އަތުން އެއްވަރުވުމުން ލިބުނު ޕޮއިންޓެކެވެ.