ގަތަރު ވޯލްޑް ކަޕް 2022 ހޯދާނެކަމަށް އެންމެ ބެލެވޭ ޓީމަކީ ސްޕެއިން ކަމަށް މެކްސިކޯ ކޯޗު ޖެރާޑޯ "ޓާޓާ" މާޓިނޯ ބުނެފިއެވެ.
މާޓިނޯއަކީ މީގެ ކުރިން ސްޕެއިން ފުޓުބޯޅައިގެ ތެރޭގައި މަސައްކަތް ކުރި އާޖެންޓީނާގެ ކޯޗެކެވެ. އޭނާ ވަނީ 2013 ވަނަ އަހަރުން ފެށިގެން އެއް އަހަރު ދުވަހު ބާސެލޯނާގެ ކޯޗުކަމުގައި ވެސް މަސައްކަތް ކޮށްފައެވެ.
މާޓިނޯއާއި މެކްސިކޯއަށް މިރޭ އޮތް މެޗުން މޮޅުވާން މަޖުބޫރުވެފައި އޮތް އިރު، އެޓީމުން ނުކުންނާނީ ސައުދީ އަރަބިއާއާ ދެކޮޅަށެވެ. އެމެޗުން މޮޅުވެ، ގަދަ 16 އަށް ޔަގީންކަމާއެކު ދާންވެސް މެކްސިކޯއަށް ހަތަރު ގޯލަށްވުރެ ބޮޑު ފަރަގަކުން މޮޅުވާން ޖެހެއެވެ. އެ ހާލަތަށް މާޓިނޯ ބުނީ އެއީ އެއްވެސް ޝަކުވާއެއް ކުރެވެން ނެތް ހާލަތެއް ކަމަށާއި، ކޮންމެހެންވެސް އޮތީ މޮޅުވުން ކަމަށެވެ.
"މެޗުން މޮޅުވުން ނޫން ގޮތެއް ނެތް. އެކަމަށް ޝަކުވާއެއް ކުރެވޭކަށްވެސް ނެތް. ހަގީގަތާ ކުރިމަތިލާން ޖެހިފަ މިއޮތީ. މެޗަށް ސައުދީގެ އެތައް ހާސް ބަޔަކުވެސް ވަންނާނެ. އެކަމަކު އަދިވެސް ދިރުން އެބަ އޮތް. ފުރުސަތުވެސް އެބައޮތް. އެހެންވީމަ އެ ފުރުސަތަށް މަސައްކަތް ކުރާނަން،" ކޯޗު މާޓިނޯ ބުންޏެވެ.
އެވާހަކައިގެ އިތުރުން މާޓިނޯ ވަނީ އޭނާގެ ނަޒަރުގައި ވޯލްޑް ކަޕް ނަގާނެ ޓީމުވެސް ހާމަކޮށްފައެވެ.
" ޔަގީނުންވެސް އަހަރެން އަންދާޒާކުރަނީ ސްޕެއިން ވޯލްޑް ކަޕް ނަގާނެ ކަމަށް. ގިނަ ޓީމުތަކަކުން ރަނގަޅަށް ކުޅުނުކަންވެސް އަހަންނަށް އެނގޭ. އެކަމަކު އެހެން ޓީމުތަކުން ނުކުޅޭ ސްޓައިލެއްގެ ވަކި ތަފާތު ފުޓުބޯޅައެއް މިހާތަނަށް ދެއްކި ބަޔަކީ ހަމައެކަނި ސްޕެއިން. ޗާންސަކުން ވޯލްޑް ކަޕް ހޯދުމަށްވުރެ، އެކަމަށް ވަކި ފުޓުބޯޅައެއް ކުޅެ، ވޯލްޑް ކަޕް ހޯދުން އެއީ އެންމެ ކާމިޔާބު ގޮތަކީ،" މާޓިނޯ ބުންޏެވެ.
ސްޕެއިނުން ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން ބޮޑު ތަފާތަކުން މޮޅުވެ، ޖަރުމަނާ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ. އެޓީމުން ދެން ކުޅޭ މެޗުގައި ބޮޑު ބައްޔެއް ނުވެ، ގަދަ 16 ޔަގީންކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022