ގަތަރު ވޯލްޑް ކަޕް 2022

އެންމެންގެ ސަމާލުކަން ނެދަލޭންޑްސްގެ ކޯޑީ ގަކްޕޯއަށް!

މުޙައްމަދު ޝަމްޢޫން

ދެހާސް އަށާރަ ވަނަ އަހަރު ނެދަލޭންޑްސް، ވޯލްޑް ކަޕްގައި ކުޅެފައެއް ނުވެއެވެ. ކޮލިފިކޭޝަނުން ސަލާމަތް ނުވެވިގެންނެވެ. އެ ވޯލްޑް ކަޕް ޓީވީން ބަލަން އިން ކޯޑީ ގަކްޕޯއަށް އެ ވޯލްޑް ކަޕް ވީވެސް މާޔޫސީ ވޯލްޑް ކަޕަކަށެވެ. އެއީ ލޯބިވާ ނެދަލޭންޑްސް ނެތުމުންނެވެ. އުމުރުން އޭރު އެންމެ 19 އަހަރުގެ ގަކްޕޯގެ އަޒުމެއް އޭރުވެސް އޮތެވެ. އެއީ ގައުމީ ޖާޒީ ލުމެވެ. އެހެން ނަމަވެސް މިއަދު ހުރި ހިސާބަށް އޭނާގެ ވިސްނުން އޭރުވެސް ނުގެންދެއެވެ. އެއީ ވޯލްޑް ކަޕް ރެކޯޑަކާއެކު ނެދަލޭންޑްގެ ތާރީހުގައި ނަން ލިޔެލުމެވެ.

"މި ވޯލްޑް ކަޕަށް އައުމަކީ ވަރަށް ހާއްސަ ކަމެއް. ގްރޫޕްގެ އެއްވަނަ ހޯދައިގެން ގަދަ 16 އަށް ދިޔުމަކީ ޓީމުގެ ބުރަ މަސައްކަތް. 2018 ވަނަ އަހަރު ވޯލްޑް ކަޕް އަހަރެން ބެލީ ޓީވީން. އެ ވޯލްޑް ކަޕް ބަލާ ހިތްވެސް ނުވެފަ ހުރީ. އޭރު އަހަރެންގެ އުމުރުން އެންމެ 19 އަހަރު. އޭރު ވޯލްޑް ކަޕަކަށް އުންމީދުތަކެއްވެސް ނެތް. އޭރު އެންމެ ބޮޑު އުންމީދެއް އޮތީ ޕީއެސްވީގެ ފުރަތަމަ 11 އަށް އެރުން. އެއަށްފަހު ނެދަލޭންޑް އައީވެސް،" ރޭގެ މެޗަށްފަހު ގަކްޕޯ ބުންޏެވެ.

ނެދަލޭންޑްސްއިން މެދުކެނޑުމަކަށްފަހު ވޯލްޑް ކަޕަށް ނުކުމެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައިވެސް ގަކްޕޯ ވަނީ ގޯލު ޖަހައިފައެވެ. ޑަޗް ލީގުގައިވެސް އެންމެ ފޯމު ރަނގަޅުކޮށް ހުރެ ވޯލްޑް ކަޕަށް ދިޔަ ގަކްޕޯ ވެފައި ވަނީ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން ތިން މެޗުގައި ގޯލު ޖެހި ނެދަލޭންޑްސްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭގެ އިތުރުން އޭނާއަކީ ނެދަލޭންޑްސް ގައުމީ ޖާޒީގައި ވޯލްޑް ކަޕެއްގެ ތިން މެޗެއްގައި ޖެހިޖެހިގެން ގޯލް ޖެހި ހަތަރު ވަނަ ކުޅުންތެރިޔާއެވެ.

މީގެ ކުރިން އެކަން ހާސިލްކޮށްފައި ވަނީ 1974 ވަނަ އަހަރު ޔޮހާން ނީސްކެންއާއި 1998 ވަނަ އަހަރު ޑެނިސް ބާކޭމްޕްގެ އިތުރުން 2010 ވަނަ އަހަރު ވެސްލީ ސްނައިޑާއެވެ.

ގަކްޕޯގެ ފޯމަށް މުޅި ޔޫރަޕްގެ ނަޒަރު ހުއްޓިފައިވާ އިރު، ކޯޗު ލުއި ވެން ހާލްގެ ނަޒަރުގައިވެސް އެއީ ހާއްސަ ކުޅުންތެރިއެކެވެ.

"ކޯޑީއަކީ ވަރަށް ޒުވާން ކުޅުންތެރިއެއް އޭނާގެ އުމުރުން 23، ހުންނަނީ އެއަށްވުރެވެސް ޒުވާންކޮށް. ޕީއެސްވީ ޓީމުގަވެސް ބަރާބަރަށް ކުޅޭތާ އަދި މިވީ އެންމެ ދެ އަހަރު. ސެންޓަ ފޯވަޑަކަށް އެކުޅެނީވެސް އަލަށްކަންނޭނގެ. ސެންޓަ ފޯވަޑަކަށް ކުޅޭން އޭނާ ފުރަތަމަ ބޭނުމެއްވެސް ނުވި. އެކަމަކު އަހަންނަށްޓަކާ އެ މަގާމަށް ކުޅެދޭން ޖެހުނީ. ގަކްޕޯ ކިބައިގައި ތަރިއެއްގެ ހުރިހާ ސިފައެއް އެބަހުރި،" ނެދަލޭންޑްސްގެ ލެޖެންޑަރީ ކޯޗު ވެން ހާލް ރޭގެ މެޗަށްފަހު ބުންޏެވެ.

އިސްކޮޅުން ހަ ފޫޓް ހަތަރު އިންޗީގެ ގަކްޕޯއަށް މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ ސީޒަނުން ފެށިގެން ފާރަލަމުން އަންނަ އިރު، އިނގިރޭސި ލީގުގައި ކުޅޭ ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކްގެ ނަޒަރުގައިވެސް ގަކްޕޯއަކީ ތަފާތު ފަންތިއެއްގެ ކުޅުންތެރިއެކެވެ.

"ކޯޑީއަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. އަހަރެމެންގެ ޓީމަށް އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ އެއީ،" ވެން ޑައިކް ބުންޏެވެ.

ނެދަލޭންޑްއިން ގަދަ 16 ގައި އެފްރިކާގެ ޗެމްޕިއަނުންނާ ކުރިމަތިލާން ޖެހިފައި އޮތް އިރު، އެމެޗު ވެގެންދާނީ ނެދަލޭންޑްސް އާއި ގަކްޕޯގެ އެންމެ ބޮޑު ޗެލެންޖަށެވެ.