ސައުދީ އަރަބިއާގައި މިހާރު އޮތް ޓީމަކީ ވަރުގަދަ، ރަނގަޅު ޖީލެއް ނަމަވެސް، މި ޖީލުގެ ހަނދާން ނުނެތޭނީ ތާރީހު ލިޔެލައިގެން ކަމަށް ކޯޗު ހާވީ ރެނާޑްގެ ބުނެފިއެވެ.
ކޯޗު ރެނާޑާއި ސައުދީގެ ޓީމުން މީޑިއާގެ ބޮޑު ސަމާލުކަމެއް ހޯދީ މިފަހަރު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އާޖެންޓީނާ ބަލިކޮށްގެންނެވެ. ލިއޮނަލް މެސީ އާއި އާޖެންޓީނާގެ މައްޗަށް ކުރި ހޯދި ސައުދީ، ދެވަނަ މެޗުގައި ޕޮލެންޑް އަތުން ބަލިވެފައިވާ އިރު، މިރޭގެ މެޗުގައި މޮޅެއް ހޯދައިގެން އަދިވެސް ގަދަ 16 ޔަގީން ކުރެވޭނެއެވެ.
މެކްސިކޯއާ ދެކޮޅަށް މިރޭ ސައުދީ ނުކުންނާނީ 1994 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ގަދަ 16 އަށް ދިޔުމަށެވެ. 1994 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ސައުދީގެ ފުޓުބޯޅަ ތާރީހުގައިވެސް ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ސަލާމަތްވި ހަމައެކަނި ފަހަރެވެ. ކޯޗު ރެނާޑްގެ ނަޒަރުގައި މިހާރު އޮތް ސައުދީ ޓީމުން ރަނގަޅު ފުޓުބޯޅައެއް ކުޅެ، ތާރީހީ މޮޅެއް ހޯދި ނަމަވެސް، ޓީމުގެ ހަނދާން އަބަދަށް ހުންނާނީ ގަދަ 16 އަށް ދެވިގެން ކަމަށެވެ.
"ސައުދީގައި މިހާރު އޮތީ ރަނގަޅު ޖީލެއް. މީގެ ކުރިން ގައުމީ ޓީމުން ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔައީ 1994 ވަނަ އަހަރު. އެހެންވީމަ ސަޕޯޓަރުން މި ޓީމު މަތިން ހަނދާން ނުނެތޭނެ ނަތީޖާއެއް ހޯދުމުގެ ބާރު އޮތީ ކުޅުންތެރިން އަތުގައި. އެ ތާރީހު ނުލިޔެވިއްޖެނަމަ 30 އަހަރުވާއިރު މި ޓީމު މަތިން ހަނދާން ނެތޭނެ،" ރެނާޑް ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
ރެނާޑް ބުނީ މިރޭގެ މެޗުން މޮޅެއް ކިތަންމެ ބޭނުން ނަމަވެސް މެކްސިކޯއަށް އިހުތިރާމު ކުޑަކޮށް ނުނިކުންނާނެ ކަމަށެވެ. "މެކްސިކޯއަކީ ވޯލްޑް ކަޕްގެ ތަޖުރިބާ ބޮޑު، ވަރަށް ވަރުގަދަ ޓީމެއް،" ކަމަށްވެސް ފްރާންސަށް އުފަން ރެނާޑް ބުނެފައިވެއެވެ.
ރެނާޑް ސިފަކުރި ގޮތުގައި މިރޭގެ މެޗަކީ އޭނާގެ ކެރިއަރުގައި ކުރިމަތިލާ ތިންވަނައަށް އެންމެ މުހިއްމު މެޗެވެ. އެގޮތުން މިރޭގެ މެޗަށްވުރެ މުހިއްމު ދެމެޗަކަށް ކުރިން ކުރިމަތިލީ 2012 އާއި 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ކަމަށް އޭނާ ބުންޏެވެ. އެ ދެފަހަރު، ޒަމްބިއާ އާއި އައިވޮރީ ކޯސްޓާއެކުވެސް ރެނާޑް ތަށި ނަގާފައިވާ އިރު، އޭނާއަކީ ދެގައުމަކަށް އެފްކޯން ނަގައިދިން ހަމައެކަނި ކޯޗުވެސް މެއެވެ.
"މިކަހަލަ މެޗުތަކުން ބަލިވުމަކީ އެކަމުގެ ހިތްދަތިކަން މުޅި ދިރިއުޅުމަށް އަންނާނެ ކަމެއް. އެހެންވީމަ މެޗު ކުޅެން ޖެހޭނީ ވަރަށް ހިތްވަރާއެކު. ވަރަށް ޖޯޝާއެކު. އެންމެ ފަހު މިނެޓާ ޖެހެންދެން ސަޕޯޓަރުންވެސް ހިތްވަރުކުރަން ޖެހޭނެ،" ރެނާޑް ބުންޏެވެ.
ރެނާޑް ސަމާސައަކަށް ބުނީ 'ހިތްބަލި މީހުން' މެޗު ނުބެލުން ބުއްދިވެރިވާނެ ކަމަށެވެ.
އޭގެ އިތުރުން ރެނާޑް ވަނީ މެކްސިކޯއަށްވެސް ތައުރީފު ކޮށްފައެވެ. ކުރިން ބާސާގެ ކޯޗަކަށް ހުރި ޓާޓާ މާޓިނޯއަށް ތައުރީފުކޮށް ދެއްކި ވާހަކައިގައި ރެނާޑް ބުނީ އާޖެންޓީނާ ކައިރީގައިވެސް މެކްސިކޯ ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، މެޗު ބަދަލުކޮށްލީ މެސީގެ ވަގުތުކޮޅަކުން ކަމަށެވެ.
ސައުދީއާއި މެކްސިކޯ ވާދަކުރާ ގްރޫޕް ސީގެ މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.