ވޯލްޑް ކަޕްގެ "ގްރޫޕު ބީ" ގައި ވޭލްސްއާ ދެކޮޅަށް ޖެހި ދެ ގޯލު ހާއްސަކުރާނީ ދާދި ފަހުން މަރުވި ގާތް އެކުވެރިއަކަށް ކަމަށް އިންގްލެންޑް ފޯވަޑް މާކަސް ރަޝްފޯޑް ބުނެފިއެވެ.

ގަތަރުގެ އަލް ރައްޔާން ސްޓޭޑިއަމްގައި ރޭ އިންގްލެންޑުން ކުޅުނު ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި 3-0 ގެ ނަތީޖާއަކުން ވޭލްސް ބަލިކޮށް، ގްރޫޕުގެ އެއްވަނައިގެ ގޮތުގައި އިންގްލެންޑުން ވަނީ ގަދަ 16ގެ ޖާގައެއް ހޯދައިފައެވެ. އެ މެޗުން އިންގްލެންޑް ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ރަޝްފޯޑެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ.

"މީގެ ދުވަސްކޮޅެއް ކުރިން އަހަރެންގެ ގާތް އެކުވެރިޔަކު ވަނީ މަރުވެފައި. އޭނާއަކީ އަހަރެންނަށް ވަރަށް ހިތްވަރުދޭ މީހެއް، އަހަރެންގެ ހަޔާތުގެ މުހިންމު ބައިވެރިއެއް. އަހަރެންގެ ގޯލުތައް ހާއްސަކުރަން ބޭނުންވަނީ އޭނާއަށް،" މެޗަށްފަހު ރަޝްފޯޑް ބުންޏެވެ.

ވޭލްސްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އިންގްލެންޑްގެ ތިން ގޯލު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ. ރަޝްފޯޑް ޖެހި ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލަކީ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ. އެ ގޯލު ވެގެން ގޮސްފައިވަނީ ސީދާ ހިލޭ ޖެހުމަކުން މި ވޯލްޑް ކަޕްގައި ކާމިޔާބުކުރި ފުރަތަމަ ގޯލަށެވެ. އަދި އިންގްލެންޑުން ވޯލްޑް ކަޕްގެ ތާރީހުގައި ޖެހި 100 ވަނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ޝަރަފު ވެސް ރަޝްފޯޑް ހޯދިއެވެ.

ގަދަ 16 ގައި އިންގްލެންޑުން ނުކުންނަން ޖެހޭނީ "ގްރޫޕު އޭ" ގެ ދެވަނަ ހޯދި ސެނެގާލާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.